Roadha Mihaaru
މަހްލޫފާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: މުއިއްޒު

ވަގަށް ގޮވުމުން މަހްލޫފާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: މުއިއްޒު

06 ފެބުރުއަރީ 2018

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ "ބޮޑު ވަގެއް" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި މައްސަލާގައި އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާކުރައްވަން މުއިއްޒު ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ "ބޮޑު ވަގެއް" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި މައްސަލާގައި އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާކުރައްވަން މުއިއްޒު ނިންމަވައިފި އެވެ.

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ދިން މީހުންގެ ލިސްޓު އާއްމުކުރަން ހައުސިން މިނިސްޓްރީން ދެކޮޅު ހަދާފައި ވަނިކޮށް، ސޯޝަލްމީޑިއާގައި އިއްޔެ ވަނީ ލިސްޓެއް ލީކުކޮށްލައިފަ އެވެ. ފްލެޓް ދިން މީހުން ކަމަށް ބުނާ އެ ލިސްޓުގައިވާ ގޮތުން، ހައްގު ނޫން އެތައް ބަޔަކަށް ފްލެޓް ދީފައިވެ އެވެ.

ޝަރުތު ހަމަވެ 100 އަށް ވުރެ ގިނަ ޕޮއިންޓް ލިބުނުު މީހުން ތިއްބައި 50 ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަން އެ ލިސްޓުން ހާމަވެ އެވެ. އަދި ޝަރުތުހަމަވާ މީހުން އުނިކޮށް، "މިނިސްޓަރުންގެ ލިސްޓުގައި" ހިމެނޭ ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް އެ ލިސްޓުން އެނގެ އެވެ.

އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީނާއި މިނިސްޓަރު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް މަހްލޫފް ވަނީ ކުރައްވައިފަ އެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައުސިން މިނިސްޓަރަކީ "ވަގެއް" ކަން އެ ލިސްޓުން ސާފުވާ ކަމަށެވެ. އެއީ، ލިސްޓު އާއްމުވުމުގެ ކުރިން ވެސް އެތައް ބަޔަކު ދެއްކި ވާހަކަތައް ކަމަށާއި ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހިކަން ވެސް މި ސަރުކާރުން ފޭރިގެންފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ.

ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުނުކޮށްގެން ޝަކުވާ ހުށަހަޅުއްވަން، ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންތަކަކާ އެކު   މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަހްލޫފް ހައުސިން މިނިސްޓްރީގައި.

ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުނުކޮށްގެން ޝަކުވާ ހުށަހަޅުއްވަން، ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންތަކަކާ އެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަހްލޫފް ހައުސިން މިނިސްޓްރީގައި.

މަހްލޫފް މިގޮތަށް ވިދާޅުވުމުން ހިތްޕުޅުހަމަޖެހިވަޑައިނުގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ. އޭގެކުރިން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ވަނީ، ގެދޮރުވެރިކަމުގެ މަޝްރޫއާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ ބަޣާވާތްކޮށްގެން ވެސް އިދިކޮޅު ފަރާތްތަކަށް ވެރިކަން ވައްޓާލެވޭ ގޮތް ނުވުމުން ކަމަށެވެ.

ފްލެޓް ލިބުނު މީހުން ކަމަށް ބުނެ ލީކުކޮށްލި ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް ހުޅުވައިލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ނޭނގެ އެވެ. މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އާއްމުކުރެ އެވެ.