Roadha Mihaaru
ޓާޓާ އެއްބަސްވުމުގެ ގެއްލުން ބޮޑު: މުއިއްޒު

ޓާޓާގެ އެއްބަސްވުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފް ބޮޑު: މިނިސްޓަރު

14 ޖުލައި 2016

މާލޭގެ ގާކޮށީގަ އާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ފްލެޓް އަޅަން އެމްޑީޕީ ސަރުކާރުން އެކުލަވާލި އެއްބަސްވުމަކީ މިހާތަނަށް ސަރުކާރަށް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު އެއްބަސްވުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ގާކޮށީގަ އާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ފްލެޓް އަޅަން އެމްޑީޕީ ސަރުކާރުން އެކުލަވާލި އެއްބަސްވުމަކީ މިހާތަނަށް ސަރުކާރަށް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު އެއްބަސްވުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ދެ ބިމުގައި ޖުމްލަ 280 ފެލެޓް އަޅަން ހަވާލުކުރީ ޓާޓާ އާއި އެސްޖީ 18 ޑިވެލޮޕާސްގެ ހިއްސާއާ އެކު އުފައްދާފައިވާ "އެޕެކްސް ރިއަލްޓީ"އާ އެވެ.

ހައުސިން މިނިސްޓްރީގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ފައިދާ އޮތީ ޓާޓާ ކުންފުންޏަށް ކަމަށެވެ. ސަރުކާރަށް ގެއްލުން ލިބޭ ކަމަށް ވަންޏާ އެއީ "ވަރަށް ގޯސް" އެއްބަސްވުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ދުވަހަކު ވެސް ބަޔަކު ނުހަދާނެ މިކަހަލަ އެގްރީމެންޓެއް. --މުއިއްޒު

މިނިސްޓަރު ވިދާޅުވި ގޮތުގައި ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓް އަޅާތީ އެޕެކްސް ރިއަލިޓީ އަށް އެއްބަސްވުމުގެ ބޮޑެތި އިނާޔަތްތަކެއް ދީފައިވެ އެވެ.

އެއް ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ދެ އިމާރާތެއް އަޅާތީ އޭގެ ބަދަލެއްގެ ގޮތުން މާލެ އިން އެހެން ދެ ބިމެއް އެ މީހުންނަށް ދިނުމެވެ. އެގޮތުން މާފަންނުން ދީފައިވާ އޯޑިއޯން ހުރި ބިމާއި ހެންވޭރުން ދީފައިވާ ކުރީގެ ނާދީ ހުރި ބޮޑު ބިމުގައި އެ ކުންފުނިން ބޭނުންވާ ފެންވަރަކަށް ފްލެޓް އިމާރާތްކޮށް ބޭނުން އަގެއްގައި ވިއްކުމުގެ ފުރުސަތު ލިބެ އެވެ.

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓް. - ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓް. - ފޮޓޯ: ނިޝާން އަލީ/މިހާރު

"ސޯޝަލް ހައުސިންގައި [އަރަބިއްޔާ އާއި ގާކޮށި އިމާރާތުން] ވެސް އެ މީހުންނަށް އެބަ ލިބޭ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯ. ދެ އިމާރާތުން ދެ ބުރި އެއްކޮށް 50 އަހަރަށް އެއްވެސް ކުއްޔަކާ ނުލައި އެ މީހުން ބޭނުން ބަޔަކަށް ކުއްޔަށް ދީގެން ވިޔަފާރީގެ ފައިދާ ނަގަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޅ. އަތޮޅުން ޅޮސްއަލިފުށި ކިޔާ ރަށުގެ ބޮޑު ބައެއް ވެސް ކުއްޔަކާ ނުލައި އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ. އެ ރަށުގައި ލަގްޒަރީ ވިލާ އަޅައިގެން ޓޫރިޒަމްގެ ވިޔަފާރި ކުރެވޭނެ އެވެ.

ސޯޝަލް ހައުސިންގައި [އަރަބިއްޔާ އާއި ގާކޮށި އިމާރާތުން] ވެސް އެ މީހުންނަށް އެބަ ލިބޭ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯ. ދެ އިމާރާތުން ދެ ބުރި އެއްކޮށް 50 އަހަރަށް އެއްވެސް ކުއްޔަކާ ނުލައި އެ މީހުން ބޭނުން ބަޔަކަށް ކުއްޔަށް ދީގެން ވިޔަފާރީގެ ފައިދާ ނަގަން. --މުއިއްޒު

"މިކަހަލަ އެއްފަރާތަށް ފައިދާ ލިބޭ އެގްރިމެންޓެއް އެކުލަވާލާފައި އޮތީ. ހުރިހާ ކަމެއް ކޮށްފައި ސަރުކާރުން ޖެހޭ ގާކޮށްޓާއި އަރަބިއްޔާ އަށް ފައިސާ ދައްކަން ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އެޕެކްސް ރިއަލްޓީން ބުނެފައި ވަނީ ފްލެޓްތައް ސަރުކާރާ ހަވާލުކުރާނީ 278 މިލިއަން ރުފިޔާ ދެއްކުމުން ކަމަށެވެ. އެއީ ސަރުކާރުން އެއްބަސްވެފައި އޮތް ގޮތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މުއިއްޒު ވިދާޅުވީ އެ އެގްރިމެންޓް ކިތަންމެ ގޯސްކޮށް އޮތަސް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކަށް ވީ ރައްޔިތުންނަށް ފްލެޓްތައް ދޫކުރުމެވެ. ނަޝީދު ސަރުކާރު ބަދަލުވުމާ އެކު ހުއްޓިފައި އޮތް އެ މަޝްރޫއު އަލުން ފެށީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ މަސައްކަތް މި ސަރުކާރުން ފެށީ އެގްރީމެންޓްތަކަށް އިސްލާހުތަކެއް ވެސް ގެނެސްގެންނެވެ. އެގްރިމެންޓުގައި އޮތް މުއްދަތު ފަހަނައަޅާ ދިޔަ ނަމަވެސް ފްލެޓްތައް ނިންމަައި މިހާރު ވަނީ ސަރުކާރާ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގައި ގާކޮށި ހުރި ބިމުގައި 190 ފްލެޓް އަދި އަރަބިއްޔާގެ ބިމުގައި 90 ފްލެޓް އެޅި އެވެ.

ކުރަން ޖެހުނު ހަރަދާ އަޅާބަލާއިރު އަގު ރަނގަޅު

ފްލެޓް ލިބުނު މީހުންނަށް އެތަން ހަވާލުކުރަނީ ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކާ ގޮތަށެވެ. އެ އަގުން ބަލާ އިރު މަހަކަށް ބަހާލުމުން މަހަކަށް 33،000ރ. އެވެ. ފްލެޓްތައް ލިބޭ މީހުންނަށް ކުރިން އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 9،000ރ ގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފައިސާ ދައްކަން ޖެހޭ ގޮތާ މެދު ބައެއް މީހުންނަށް އޮޅުންތަކެއް އަަރާފައިވާ ކަމަށެވެ.

"ފައިސާ ދެއްކުމުގައި އެ ފަރާތަކަށް ފަސޭހަވާނެ ގޮތަކަށް ފައިނޭންސިން ހަމަޖެއްސިދާނެ. ފްލެޓްގެ ވެރިފަރާތުން ކަނޑައަޅަންވީ ފައިސާ ދައްކާނެ ގޮތް. އޭނާ ކަނޑައަޅަންވީ ފުރަތަމަ އަހަރު ދައްކާނީ މިވެނި ވަރެކޭ. ތިން ވަނަ އަހަރު ދައްކާނީ މިވެނި ވަރެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ސްޓެލްކޯ އިން އައިސް ކަަރަންޓް ކޭބަލް ގުޅައިދިނީމަ މީހުންނަށް ދިރިއުޅެން ފެށޭނެ. ސްޓެލްކޯ އިން މައުލޫމާތު ދޭ މި މަސް ނިމެންވާއިރަށް ކަރަންޓް މެއިން ކޭބަލާ ގުޅާލެވޭނެ ކަމަށް،"

ފައިސާ ދައްކަން ބޭންކަކުން މޯގޭޖް ނެގުމުގެ ފުރުސަތު ވެސް އޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މަހަކަށް 33،000ރ. ދައްކަން ސަރުކާރުން މަޖުބޫރުނުކުރާ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

ފްލެޓްތަކުގެ އަގު ބޮޑު ވާހަކަ ދައްކާއިރު ސަރުކާރުން އެތަނަށް ކުރަން ޖެހުނު ހަރަދު ވެސް ވަރަށް ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ހަރަދާ އަޅާބަލާއިރު މިހާރުގެ އަގު ބޮޑު ކަމަކަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ.

ފްލެޓަކަށް ދެ މިލިއަން ރުފިޔާ ޖެހޭއިރު، އެއީ މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، މާލޭގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކަން ހުރި ނިސްބަތަށް ބަލާއިރު ބޮޑު އަގެއް ނޫނެވެ. ބައެއް ތަންތަނުގެ އަގު ހަތަރު މިލިއަނުން މަތީގައި އުޅޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދުވަހަކު ވެސް ބަޔަކު ނުހަދާނެ މިކަހަލަ އެގްރީމެންޓެއް،" ސަރުކާރަށް ލިބުނު ގެއްލުމަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

ފްލެޓްތަކުގައި އަންނަ މަހު ދިރިއުޅެން ފެށޭނެ

ދެ އިމާރާތުގެ ވެސް ފްލެޓްތައް މިހާރު ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ އެފެކްސް ރިއަލިޓީ އަށް 50 އަހަރަށް ދޫކުރި ދެ ބުރި ނިންމުމުގެ މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަންތަން ނުނިމުނަސް ފްލެޓްތަކުގައި ދިރިއުޅެން ފެށޭނެ ކަމަށެވެ.

"ސްޓެލްކޯ އިން އައިސް ކަަރަންޓް ކޭބަލް ގުޅައިދިނީމަ މީހުންނަށް ދިރިއުޅެން ފެށޭނެ. ސްޓެލްކޯ އިން މައުލޫމާތު ދޭ މި މަސް ނިމެންވާއިރަށް ކަރަންޓް މެއިން ކޭބަލާ ގުޅާލެވޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

އެ ފްލެޓްތައް ލިބޭނެ މީހުން ހޮވައި ލިއުން ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު ލިބޭ ފްލެޓް ކަނޑައަޅަން އަދި ގުރުއަތެއް ނުނަގަ އެވެ.