Roadha Mihaaru
މަހެއްވިއިރު ވެސް ފްލެޓް ވިއްކާނެ އިންތިޒާމް ހަމަނުޖެހޭ

މަހަކަށްވުރެ ގިނަ ދުވަސްވިއިރު ވެސް ފްލެޓް ވިއްކަން ހުޅުވައެއް ނުލި!

21 ޖެނުއަރީ 2018

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކަން އާ އިންތިޒާމްތަކެއް ހަމަޖައްސުމަށް ފަހު އަލުން ހުޅުވާލާނެ ކަމަށް ބުނިތާ މަހަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް އެ ފްލެޓްތައް ވިއްކަން ހުޅުވައެއް ނުލި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކަން އާ އިންތިޒާމްތަކެއް ހަމަޖައްސުމަށް ފަހު އަލުން ހުޅުވާލާނެ ކަމަށް ބުނިތާ މަހަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް އެ ފްލެޓްތައް ވިއްކަން ހުޅުވައެއް ނުލި އެވެ.

ގާކޮއްޓާއި އަރަބިއްޔާގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކާލަން އިއުލާންކުރީ، އެ ފްލެޓްތައް ލިބުނު މީހުން ދައްކަންޖެހޭ ފައިސާ ސަރުކާރަށް ނުދެއްކުމުންނެވެ. އެ ފްލެޓްތައް ވިއްކަން ފޯމު ދޫކުރަން އޮތީ ޑިސެމްބަރު، 4، 2017 ގަ އެވެ. އޭގެ ދެ ދުވަސް ކުރިން އެތައް ބަޔަކު ކިޔޫގައި ޖެހުނެވެ. އެފަދަ ބޮޑު ކިޔޫއެއްގައި ރައްޔިތުން ޖައްސައިގެން ފްލެޓް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ ފްލެޓް ވިއްކުން މެދުކަނޑައިލީ އެވެ.

ފްލެޓް ވިއްކަން މެދުކަނޑާލުމަށް ފަހު އެޗްޑީސީން ބުނެފައި ވަނީ، "ފްލެޓް ގަތުމަށް ގިނަ ބަޔަކު ކިޔޫ ހަދަމުންދާތީ، ކިޔޫގައި ނުޖެހި، ލުއި ފަސޭހަ ގޮތެއް ހަމަޖެހެންދެން ފްލެޓްތައް ވިއްކުން މެދުކަނޑާލައިފައިވާ" ކަމަށެވެ. އެކަމަކު އޭގެ ފަހުން މަހަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް މި ފްލެޓްތަކުގެ ހަބަރެއް ނުވި އެވެ.

ފްލެޓްތައް ވަރަށް އަވަހަށް ވިއްކަން ހުޅުވާލާނެ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެކަމަކު މިކަން ލަސްވަމުންދާ މައްސަލާގައި އެޗްޑީސީން ވާހަކައެއް ނުދެއްކި އެވެ.

ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާ އިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓެވެ. އެޗްޑީސީން ކުރިން ނިންމާފައިވާ ގޮތުން ނަމަ، ފްލެޓް ވިއްކާނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. ފްލެޓެއްގެ އަގަކީ ދެ މިލިއަން ރުފިޔާ އެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި ފޯމު ދޫކުރާނީ 100،000ރ.ގެ ބޭންކް ގެރެންޓީ ހުށަހަޅާ ފަރާތްތަކަށެވެ.

އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާ އިރު ފްލެޓްތައް ދިނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކި މީހުންނަށެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފުތަކާ ހެދި އެވެ.