Roadha Mihaaru
ކުނި މެނޭޖުކުރުމުގެ ގައުމީ މަހާސިންތާއެއް ފަށަނީ

ކުނި މެނޭޖުކުރުމުގެ ގައުމީ މަހާސިންތާއެއް ފަށަނީ

14 ޖުލައި 2016

ކުނި މެނޭޖު ކުރުމާ ބެހޭ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަހާސިންތާ އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުނި މެނޭޖު ކުރުމާ ބެހޭ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަހާސިންތާ އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ރަށްތައް ރީތިކޮށް ސާފުކޮށް ބެލެހެއްޓުމަށް މިނިސްޓްރީން ފަށާފައިވާ "ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން ދަރުބާރުގޭގައި ދެ ދުވަހަށް ބާއްވާ މި މަހާސިންތާގައި 175 ރަށަކުން 346 މަންދޫބުން ބައިވެރިވާނެ އެވެ. ބައިވެރިނުވަނީ ފަސް ރަށަކުން ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި އެވެ.

މަހާސިންތާގައި ކޮންމެ ރަށަކުން ދެ މަންދޫބުން ބައިވެރިވާނެ އެވެ. އެއީ ކައުންސިލަރުންގެ ތެރެއިން ކުނީގެ މައްސަލަތަކުގައި އުޅޭ ކައުންސިލަރަކާއި އިދާރީ މުވައްޒަފެކެވެ. އަދި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވާ 11 މަންދޫބުންނާ އެކު ޖުމްލަ 377 މަންދޫބުން ބައިވެރިވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިިގް ވިދާޅުވީ ކުނި މެނޭޖުކުރަން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ގާނޫނެއް އެކުލަވާލަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަހާސިންތާގެ ބައިވެރިންނަށް އެ ގާނޫނު އަދި ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕޮލިސީގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އެންވަޔަރްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

އެންވަޔަރްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ.--މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

"މިހާރު މިދަނީ ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނެއް އެކުލަވާލަމުން. ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނެއް އެކުލަވައިލާ އިރު އެކަމާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން މަންދޫބުންނާ އެކުގައި މަޝްވަރާކުރާނަން. އޭގެ އިތުރަށް ކުނި މެނޭޖުކުރުމާ ބެހޭ ޕޮލިސީއެއް މިވަނީ މިދިޔަ އަހަރު އެކުލަވާލާފައި. ޕޮލިސީ ވެސް މަންދޫބުންނާ އެކު މަޝްވަރާ ކުރާނެ،" ތޯރިގް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ކުނި މެނޭޖް ކުރަން ޖެހޭނީ އެކި ގޮތްގޮތަށް ކަމަށާއި އެކަމުގެ މައުލޫމާތު ވެސް ރަށްރަށުގެ މަންދޫބުންގެ ކައިރިން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ވަނީ ކުރީގެ ސަރުކާރުން ކުނީގެ މައްސަލަތައް ހައްލު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް ކުނީގެ މައްސަލަތަކަށް ހައްލު ހޯދައިނުދެވުމުން އެކަމުގެ ބޮޑު ގެއްލުމެއް ތިމާވެއްޓަށާއި އިގުތިސާދަށް މިހާރު ލިބެމުންދާ ކަމަށެވެ.

"މި ސަރުކާރަށް ރަނގަޅު ގޮތުގައި ކުނި މެނޭޖް ކުރެވިއްޖެ ނަމަ އިގުތިސާދު ކުރިއަށް ދިއުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިދާނެ. އެއީ އަޅުގަނޑުމެންގެ ތިމާވެށި ބިނާވެފައި މި އޮންނަނީ އިގުތިސާދާއި ޓޫރިޒަމަށް އަދި މަސްވެރިކަމަށް ބަލާލިކަމުގައިވީ ނަމަވެސް އެކަން އެނގިގެންދާނެ،" ތޯރިގް ވިދާޅުވި އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ސާފު ރާއްޖެ ކެމްޕެއިން ފެށީ މިދިޔަ އަހަރެވެ. އެ ކެމްޕެއިންގައި ސްކައުޓާއި ގާލްގައިޑާއި ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތު ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެ އެވެ.