Roadha Mihaaru
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް

މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް

19 އެޕްރީލް 2018

މާލެ އާއި ވިލިމާލެ ކުނިކަހައި ސާފުކުރުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން ކުރާ ގޮތަށް ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެ އާއި ވިލިމާލެ ކުނިކަހައި ސާފުކުރުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން ކުރާ ގޮތަށް ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތައް ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމަކީ މީގެ ކުރިން، ހައުސިން މިނިސްޓްރީން ކުރަމުން އައި މަސައްކަތެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސޮއިކުރެއްވި އިރު ވެމްކޯ އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

ތިން އަހަރުގެ މުއްދަތަކަށް ހެދި މި އެއްބަސްވުމުގައިވާ ގޮތުން، މާލެ އާއި ވިލިމާލެ ސާފުކުރުމުގެ މަސައްކަތަށް ނަގަން ޖެހޭނީ ދިވެހި މުވައްޒަފުންނެވެ.

ވެމްކޯ އިން ހިދުމަތް ދޭން ވާނީ މަގުމަތި ބޭނުންކުރުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އެކުލަވާލަފައިވާ ގަވާއިދުތަކާއި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވެ އެވެ. އަދި ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ހިލާފު ނުވުމަށް ވެސް ވެމްކޯ އަށް އަންގާފައިވެ އެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ވެމްކޯއާ ހަވާލުކޮށްފައިވާއިރު، "އެންވަޔަރަމެންޓް ޕޮލިސް" ގެ ހިދުމަތް ފެށުމަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ.