ތައުލީމީ ގޮތުން ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" ރާއްޖެ އަށް ރަސްމީކޮށް ތައާރަފް ކޮށްފި އެވެ.
10 ފެބުރުއަރީ 2018
ތައުލީމީ ގޮތުން ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" ރާއްޖެ އަށް ރަސްމީކޮށް ތައާރަފް ކޮށްފި އެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖެ އަށް ތައާރަފް ކުރި، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކީ އެ ގައުމުގެ މަޝްހޫރު ޖޭވާސްކީލާ ޔުނިވާސިޓީގެ ދަށުން ހިންގަމުން އަންނަ އެޑުކްލަސްޓާ ފިންލޭންޑް އިން ހިންގާ ސްކޫލެކެވެ. މި ސްކޫލް ރާއްޖޭގައި ހިންގާނީ އައިލެންޑާސްގެ ދަށުން ހިންގަމުން އަންްނަ އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ދެ ކުންފުނިން މިއަދު ވަނީ އެއްބަސްވުމެއް އެކުލަވާލާ، ސޮއި ވެސް ކޮށްފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އަދުލީ ރަޝީދު ވިދާޅުވީ، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އަދި ދުނިޔޭގެ އިތުބާރު ލިބިފައިވާ މޮޑެލަކަށް ކިޔަވައިދެމުން އަންނަ ސްކޫލެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އަދުލީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
"ފުރަތަމަ ފަށާއިރު ކިޔަވައިދޭނީ ފިންލޭންޑްގެ ޓީޗަރުންނާ އެކު. ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހި ޓީޗަރުން ތަމްރީނު ނުކުރާނަމަ މިކަން ފުރިހަމަ ވާނެ ކަމަކަށް، އެހެންވެ އަޅުގަނޑުމެން ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްތަަކުގެ ސްޓޭންޑާޑަށް ދިވެހި ޓީޗަރުން ތަމްރީނު ކުރާނަން. އަދި ފިންލޭންޑް ޓީޗަރުންނެކޭ އެއް ލެވަލެއްގައި މަސައްކަތް ކުރަަން ފުރުސަތު ދޭނަން، މުސާރާގެ ގޮތުން ވެސް އެއް ލެވަލެއްގައި އަޅުގަނޑުމެން ދިވެހި ޓީޗަރުން ގެންގުޅޭނަން،" ރަސްމިއްޔާތުގައި އަދުލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް އަންނަ އަހަރު މާލޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކުންފުނިން މާލޭގައި ހިންގަމުން އަންނަ ޕްރައިމަރީ ސްކޫލެއް، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އައިލެންޑާސް އިން މިއަދު ވަނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލެއް ހުޅުމާލޭގައި އިމާރާތް ކުރުމަށް ވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އަދުލީ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އިމާރާތް ކުރާ ސްކޫލް 2020 ވަނަ އަހަރު ހުޅުވާނެ ކަމަށާއި، އެއްބަސްވުން އެކުލަވާލީ 25 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ ސްކޫލަކީ ރާއްޖޭގައި މިހާރު ހުރި ސްކޫލުތަކާ ވަރަށް ތަފާތު، ފެންވަރު ރަނގަޅު ތަނަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ފަށާނީ ދަށް ގްރޭޑްތަކުން، ދެން އަހަރަކުން އަހަރަކަށް މަތި ކުރަމުން ގެންދާނީ... ކިޔަވައިދޭނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން ރާއްޖެ އަށް ބައްޓަން ކުރާ ކަރިކިއުލަމަށް. ވަރަށް ތަފާތު މާއްދާތައް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
އަދުލީ ވިދާޅުވީ މި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން ރާއްޖޭގެ ކަރިކިއުލަމް ބައްޓަން ކުރާނީ ބެލެނިވެރިންނާއި މަޝްވަރާ ވެސް ކޮށްގެން ކަމަށެވެ. އަދި އެ ސްކޫލުގެ ފީތައް މާކެޓު އަގުތަކާ އަޅާ ބަލާއިރު ބޮޑު ނުވާނެ ކަމަށެވެ.
އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓާ އަދުލީ އަދި އެޑުކްލަސްޓާ ފިންލޭންޑްގެ ޑައިރެކްޓާ ރީކާ އެއްބަސްވުމުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
އެޑުކްލަސްޓާ ފިންލޭންޑްގެ ޑައިރެކްޓާ ރީކާ ހާސީ ވިދާޅުވީ، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކީ ދަރިވަރުންނަށް އެ ކުދިންގެ ކިޔެވުން ބަައްޓަން ކުރުމަށް ވަރަށް ބޮޑަށް ފުރުސަތުދޭ ސްކޫލެއް ކަމަށެވެ. އެގޮތުން ޓެސްޓްތައް ނެގުމުގެ ބަދަލުގައި، ކުދިންގެ ކާމިޔާބީ މިންކުރާނީ އެސެސްމަންޓްތަކަކުން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓީޗަރުންނަކީ ވެސް ވަރަށް ބޮޑަށް ޓްރެއިންވެގެން ތިބޭ ޓީޗަރުން. ކޮންމެ ޓީޗަރަކީ ވެސް މާސްޓާސް ޑިގްރީ ހަދާފައިވާ މީހެއް. އަޅުގަނޑުމެން ޓީޗަރުން ތަމްރީނު ކުރުމަށް ޖޭވާސްކީލާ ޔުނިވާސިޓީން އަބަދު ވެސް ޕްރޮގްރާމްތައް ހިންގާނެ،" ރީކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ ކްލާސްރޫމު ތަކަކީ ވެސް ވަރަށް ތަފާތުކޮށް، ކުދިންގެ ތަފާތު ބޭނުންތަކާ އެއްގޮތަށް ފަސޭހަކަމާ އެކު ބަދަލު ކޮށްލެވޭނެ ކްލާސްރޫމްތަކެއް ކަަމަށެވެ. އަދި އެންމެ މުހިންމު ކަމެއް ދެނީ އެ ކުއްޖަކު ބޭނުންވާ މާހައުލެއްގައި، އެ ކުއްޖަކަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސްގެ ކާމިޔާބީއާ އެކު ދިވެހިންގެ އިތުބާރު ހޯދާފައިވާ އައިލެެންޑާސް އިން އަލަށް ހުޅުވާ ސްކޫލަކީ މި ސަރަހައްދުގައި ހުޅުވޭ ފިންލޭންޑްގެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެޑުކްލަސްޓާ ފިންލޭންޑަކީ، އެ ގައުމުގެ ތައުލީމު އެހެން ގައުމުތަކަށް ފުޅާ ކުރުމުގެ މަސައްކަތް ފިންލޭންޑް އެކްސްޕޯޓް އެޖެންސީ (ފިންއެކްސްޕޯ) އިން މެންޑޭޓް ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ގަތަރުގެ ވެރިރަށް ދޯހާގައި، އެ ގައުމުގެ ޝާހީ އާއިލާގެ އިތުރުން ސަރުކާރާ ގުޅިގެން އިންޓަނޭޝަނަލް ސްކޫލެއް ހިންގަމުންނެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް ތައާރަފްކުރި އިރު، އެ ގައުމުގެ އެޑިއުކޭޝަން ސިސްޓަމް ވަނީ ވަރަށް ބޮޑަށް ކުރި އަރައިފަ އެވެ. އެގޮތުން ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ފިންލޭންޑުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ވުރެ ތައުލީމީ ގޮތުން ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް)ގެ ތައުލީމީ ރޭންކިން ފަދަ ގިނަ ލިސްޓުތަކެއްގެ ކުރިއަށް އެ ގައުމު ވަނީ އަރާފަ އެވެ.
ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ޓީޗަރުން ތަމްރީނުކުރަނީ
ބިމުގެ ވެރިފަރާތް ނޭނގިގެން އައިލެންޑާސް އިން ކޯޓަށް
ފިންލެންޑް ސްކޫލުން ބޮޑު ފެއާއެއްގައި ބައިވެރިވެއްޖެ
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލު ބަލައިލުމުގެ ފުރުސަތު
ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ މައުލޫމާތު ދެނީ
ކެންގަރޫ ކިޑްސް: ތަފާތު ސްކޫލެއް
ކެންގަރޫ ކިޑްސްގެ ޑިސްކަވަރީ ފެއާ ބާއްވައިފި
3000 އައިޓަމާއެކު ކެންގަރޫކިޑްސް އާޓް އެގްޒިބިޝަނެއް