Roadha Mihaaru
ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް އަލުން ފަށައިފި

ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް އަލުން ފަށައިފި

11 ފެބުރުއަރީ 2018

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މެދުކަނޑާފައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް މިއަދު އަލުން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މެދުކަނޑާފައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް މިއަދު އަލުން ފަށައިފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް މެދުކަނޑާލީ، މުވައްޒަފުންނަށް ލިބެމުން ދިޔަ އިންޒާރުތަކުގެ އިތުރުން ފުލުހުންގެ ފަރާތުން އެ ސްޓޭޝަނަށް ދެމުން އައި ހިމާޔަތް ހުއްޓާލުމާއި މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ މިއަދު ވިދާޅުވީ، އެ ޗެނަލް އަލުން ފެށީ އެތަނުގެ މުވައްޒަފުންގެ ކަންބޮޑުވުންތައް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ފުލުހުންނަށާއި ސިފައިންނަށް ހުށަހެޅުމަށް ފަހު ކަމަށެވެ. އެއީ އެ ސްޓޭޝަނަށް ފުލުހުން ދެމުން އައި ހިމާޔަތް އަލުން ދީ، ރާއްޖޭގައި މިހާރު އިއުލާން ކޮށްފައި ކުއްލި ހާލަތުގައި ވެސް މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ ފަދަ މާހައުލެއް ގާއިމް ކޮށްދިނުން ކަމަށް ފިޔާޒް ވިދާޅުވި އެވެ.

"އެކަމަކު އަދި އަޅުގަނޑުމެންނަށް އެ އިން ތަނަކުން ޖަވާބެއް ނުލިބޭ. އޭގެ ކުރިން އަޅުގަނޑު ބެލިން ފޯނުން ނަމަވެސް އެ ތަންތަނުގެ އިސްވެރިންނަށް ގުޅޭތޯ. އެކަމަކު ގުޅޭ ގޮތެއް ނުވި،" ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީގެ ޕްރޮގްރާމްތައް އަލުން ފެށި އެންމެ ބޮޑު ސަބަބަކީ ބެލުންތެރިންގެ ކަންބޮޑުވުމެވެ. އެގޮތުން ޕްރޮގްރާމްތައް އަލުން ފެށުމަށް އެދި ވަރަށް ގިނަ ބަޔަކު ގުޅި ކަމަށާއި އެހެންވެ، ގައުމުގައި މިހާރު ހިނގަމުން ދާ ކަންތައްތައް ވެސް އެންމެ ފުރިހަމަ އަށް ގެނެސްދިިނުމަކީ ކުރީގެ ނިންމުން ބަދަލުކުރި އެންމެ ބޮޑު ސަބަބު ކަމަށް ފިޔާޒް ވިދާޅުވި އެވެ.

މީގެ ހަތް އަހަރު ކުރިން އުފެއްދި ރާއްޖެ ޓީވީ އަށް މީގެ ކުރިން ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެގޮތުން 2013 ވަނަ އަހަރު އެ ޓީވީ ސްޓޭޝަންގައި ރޯކޮށްލާފައިވާ އިރު އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، މިހާތަަނަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ވެސް ރާއްޖެ ޓީވީ އެވެ. އެ ޓީވީ ސްޓޭޝަންގެ އާއްމު ބްރޯޑްކާސްޓިން މެދުކަނޑާލުމަށް ފަހު، އަލުން ފެށިއިރު، ގައުމުގައި ފިތުނަފަސާދަ އުފައްދަމުންދާ ކަމަށް ބުނެ ރާއްޖެ ޓީވީ ބަންދުކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ އާދިއްތަ ދުވަހު ގޮވާލައްވައިފަ އެވެ.