Roadha Mihaaru
ނަޝީދުގެ ކޮންޓެންޓު ނުދައްކަން ރާއްޖެޓީވީއަށް އަންގައިފި

ނަޝީދުގެ ކޮންޓެންޓު ނުދެއްކުމަށް ފުލުހުން ރާއްޖެ ޓީވީ އަށް ވަދެ އަންގައިފި

30 މެއި 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ކޮންޓެންޓެއް ނުދެއްކުމަށް ފުލުހުން ރާއްޖެ ޓީވީ އަށް މިއަދު ވަދެ އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްވެސް ކޮންޓެންޓެއް ނުދެއްކުމަށް ފުލުހުން ރާއްޖެ ޓީވީ އަށް މިއަދު ވަދެ އަންގައިފި އެވެ.

ރާއްޖެ ޓީވީގެ އިސް އޮފިޝަލަކު ވިދާޅުވީ ކުލަ ހެދުމުގައި ތިބި ތިން ފުލުހަކު ރާއްޖެ ޓީވީ އަށް ވަދެ، ނަޝީދުގެ ކޮންޓެންޓް ދެއްކުން ހުއްޓާލަން އެންގީ ކޯޓު އަމުރެއް ނެތި ކަމަށެވެ. އެއީ ކޮން ގާނޫނަކުން އެންގި އެންގުމެއްތޯ ރާއްޖެ ޓީވީން އެހުމުން، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ބުނެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ޖަލުތަކާ ޕެރޯލް ގާނޫނުގައި، މީޑީއާ ނުވަތަ ބްރޯޑްކާސްޓަރުން ޒިންމާވާން ޖެހޭ އެއްވެސް މާއްދާއެއް ފުލުހުންނަށް ނުދެއްކުނު،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ ޓީވީގެ ލައިވް ކަވަރޭޓް ހުއްޓާލަން އަންގައި އެ ސްޓޭޝަންގެ ސީއީއޯ ހުސެއިން ފިޔާޒް އަށް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކު ވަނީ މެސެޖެއްކޮށްފަ އެވެ. އެ ސްޓޭޝަން ގާނޫނާ ޚިލާފުވަނީ ކަމަށް ބުނެ މެސެޖް ކުރިއިރު، ދައްކަމުން ދިޔައީ އިޝްތިހާރު ކަމަށް ވެސް އެ ސްޓޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ ޓީވީން ކުރި ޓުވީޓް

ނަޝީދުގެ އެއްވެސް ކޮންޓެންޓެއް ނުދައްކަން ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން އެންގިއިރު ހުކުމް ތަންފީޒު ކުރާ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ކުރުމުން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް ވަނީ އަންގައިފަ އެވެ.