Roadha Mihaaru
ރިޔާސީ ބަޔާން: މިހާރުގެ ހާލަތާ ބެހޭ ވާހަކައެއް ނެތް!

ރިޔާސީ ބަޔާން: ގައުމުގެ މިހާރުގެ ހާލަތުގެ އެއްވެސް ވާހަކައެއް ނެތް!

22 ފެބުރުއަރީ 2018

ރާއްޖޭގައި ސިޔާސީ ބޮޑު ހަމަނުޖެހުމެއް އުފެދި ރައްޔިތުންގެ މަސްލަހަތު ހިމެނޭ އެތައް ކަމެއް ހިނގަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީން ރޭ އިއްވެވި ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތާ މެދު އެއްވެސް އެއްޗެއް ވިދާޅުނުވުމުން ފާޑުކިއުން އަމާޒު ވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ސިޔާސީ ބޮޑު ހަމަނުޖެހުމެއް އުފެދި ރައްޔިތުންގެ މަސްލަހަތު ހިމެނޭ އެތައް ކަމެއް ހިނގަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީން ރޭ އިއްވެވި ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތާ މެދު އެއްވެސް އެއްޗެއް ވިދާޅުނުވުމުން ފާޑުކިއުން އަމާޒު ވެއްޖެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، މަޖިލީހުގެ ދައުރު ފަށާ ޖަލްސާގައި ރައީސް އިއްވަވާ ރިޔާސީ ބަޔާނުގައި ގައުމު އެ ވަގުތަކު އޮތް ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަން ހިމަނުއްވަން ޖެހިވަޑައިގަންނަވާނެ އެވެ.

އެކަމަކު ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިއްވެވި ބަޔާނުގައި ގައުމުގައި މިވަގުތު އުފެދިފައިވާ ނުތަނަވަސްކަމާ މެދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ރައްޔިތުންނަށް ހަނދާން ކޮށްދެއްވައި އިތުރަށް ކުރިއަށް ގެންދަން ރާވާފައި ހުރި މަޝްރޫއުތައް ވިދާޅުވެދެއްވުމަށް ފަހު ބަޔާން ނިންމާލެއްވީ އެވެ.

ރައީސް ޔާމީން، ރޭ ރިޔާސީ ބަޔާން އިއްވަވަނީ. ---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، ރޭ ރިޔާސީ ބަޔާން އިއްވަވަނީ. ---ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ބަޔާނަށް ފާޑުކިޔާ މީހުން ބުނި ގޮތުގައި، ފަސް އަހަރުގެ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާން އިއްވެވި އިރު ރައްޔިތުން އެނގެން ބޭނުންވާ ގިނަ ކަންތައްތަކެއް ވިދާޅުނުވެ ދޫކޮށްލެއްވީ އެވެ. ގާނޫނުއަސާސީއާ ޚިލާފަށް ގައުމުގައި ހިނގާ ކަންކަން ހުއްޓުވައި ގައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދެއްވުމާ މެދު ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައީސްގެ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއް

މީގެކުރިން، ރައީސް ޔާމީންގެ ރިޔާސީ ބަޔާން ލިއުއްވުމުގައި އުޅުއްވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރިޔާސީ ބަޔާނުން ގައުމު އޮތް ނުރައްކާތެރި ހާލަތު ސާފު ނުވާ ކަމަށެވެ. ގާނޫނުއަސާސީ މުގުރާލައި ބާރުތައް މުށުތެރަށް ލައި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ އެންމެ މަތީ ކޯޓުން ފެށިގެން ޝަރުއީ ނިޒާމް "ފުނޑާލާފައިވާ" މައްސަލައާ މެދު ރައީސް ޔާމީން އެއްޗެއް ވިދާޅުނުވުމަކީ ކަންބޮޑުވުމެއް ކަމަށް އަމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، ސުޕްރީމް ކޯޓުން މި މަހު 1 ގައި، ނެރުނު އަމުރުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ، މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމާއި ރައްޔިތުންނާ ގުޅުން ހުރި އެތައް މަސްލަހަތުތަކެއް ގެއްލިދާނެތީ އެވެ. އަދި އެ މުއްދަތު އިތުރު 30 ދުވަހަށް ދިގު ދަންމަން ޖެހުނީ ހާލަތު ބަދަލުނުވާތީ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ އެކު ދައުލަތުގެ އެއް ބާރުގެ ވެރިޔާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް 9 ބޭފުޅަކު ހައްޔަރުކޮށްގެން ހިންގަމުންދާ ކަންކަމާ މެދު ވެސް ރިޔާސީ ބަޔާނުގައި ރައީސް އެއްޗެއް ވިދާޅުވެފައި ނުވާތީ އަމީން ފާޑުވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެ ގެންދަވަނީ ހައްޔަރުކުރަމުން، މިހާލަތާ އެކު ގައުމު މިއޮތީ ބޮޑުު ހަމަނުޖެހުމެއްގެ ތެރޭގައި، ހަލަބޮލިކަމެއްގެ ތެރޭގައި. އެކަމަކު މި ހާލަތުގެ އެއްވެސް ވާހަކައެއް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިމަނާފައެއް ނުވޭ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ އޭރަކު އޮންނަ ހާލަތާ މެދު ވަރަށް ފުންކޮށް ވިސްނައި، މައްސަލަތަކާއި ހައްލުތައް އަދި ރައްޔިތުންނަށް އޮތް ފައިދާ ރިޔާސީ ބަޔާނުގައި ފުރިހަމަ އަށް ތަރުތީބުކުރެވެން ޖެހެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރިޔާސީ ބަޔާން އިއްވާއިރު، އަމީން ވިދާޅުވި ގޮތުގައި، ގައުމުގެ ހާލަތު ސާފުކޮށް ބަޔާންކޮށްދީ ހައްލުތަކެއް ހުށަހަޅަ އެވެ.

"ވަރަށް ބޮޑަށް ހައިރާންވޭ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމް ފުނޑިފައި އޮތްއިރު ވެސް ރައީސް ބަސްފުޅެއް ވިދާޅުނުވުމުން. މިއިން ދޭހަކޮށްދެނީ، ވެރިކަމުގެ މިހާ ހިސާބަށް އައިރު އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާފައި އޮތީ އެމަނިކުފާނު ގާނޫނުއަސާސީގެ ތެރޭގައި ހުންނަވާފައި އެހެން ބޭފުޅުންނާއި ދާއިރާތައް ބޭނުންކުރައްވައިގެން ކަންކަން ކުރަން،" އަމީން ވިދާޅުވި އެވެ.

"އެކަމަކު ރައީސް ޔާމީން ވެސް މިހާރު ސީދާ ގާނޫނުއަސާސީން ބޭރަށް ވަޑައިގެންފައިވާތީ ރިޔާސީ ބަޔާނުގައި އެމަނިކުފާނަށް ދެއްކޭނެ ވާހަކަތަކެއް ހަގީގަތުގައި ނެތީ ކަމަށް ބެލެވެނީ."

މިއާއެކު އަމީން ގަބޫލުކުރައްވަނީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ގޮތަށް ރިޔާސީ ބަޔާން އިއްވެވުމުގެ ޒިންމާ ވެސް ރައީސް ޔާމީނަށް އަދާނުކުރެއްވުނު ކަމަށެވެ.

ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ މާލޭގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބު ކުރެއްވި ޓުވީޓެއް.

ރިޔާސީ ބަޔާނާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވުމުންނެވެ.

ރައީސް އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއް.

ރިޔާސީ ބަޔާނަށް އަމާޒުކޮށްފައިވާ ފާޑުކިއުންތަކުގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ގައުމުގެ ހާލަތު ރަނގަޅު ކުރުމުގެ ޚިޔާލުފުޅެއް ރައީސް އަބްދުﷲ ޔާމީން ނުގެންގުޅުއްވާ ކަމަށެވެ. އެހެން ނޫން ނަމަ، ގައުމުގެ ހާލަތާ މެދު ރައްޔިތުންނަށް ކޮންވެސް ވާހަކަފުޅެއް ދައްކަވާނެ އެވެ.