Roadha Mihaaru
އެއްބަޔަކު ޖަލަށް، އަނެއް ބަޔަކު ގޭބަންދަށް

މުޒާހަރާއިން އިއްޔެ ހައްޔަރުކުރި ދެ ކައުންސިލަރުން ޖަލަށް، އަނެއް ތިން މީހުން ގޭބަންދަށް

11 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި އިދިކޮޅު ހަރަކާތުގެ ޒުވާނުންތަކެއް އިއްޔެ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ ކައުންސިލަރުން ފަސް ދުވަހަށް ޖަލަށް އަދި އަނެއް ތިން މީހުން ފަސް ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއިން ފަސް މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް މީހުންގެ ބަންދަށް ވެސް ވަނީ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ޔޫތު ވިންގްގެ ރައީސް މީކާއިލް ނަސީމާއި ޔޫތު ވިންގްގެ އެހެން މެމްބަރުން ކަމަށްވާ ޝަފާތު އަހުމަދާއި ޝީނާ މުހައްމަދު ފަސް ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އއ. ރަސްދޫ ކައުންސިލް މެމްބަރު އަބްދުﷲ އަނިލް ފަސް ދުވަހަށް ޖަލުގައި ބަންދުކުރަން އަމުރުކޮށްފައި ވެ އެވެ.

މި އެންމެން ވެސް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާލޭގައި ދަނީ އެއްވުން ބާއްވަމުންނެވެ. އެކަމަކު އިދިކޮޅު ހަރަކާތުން ތަނަކަށް އެއްވާއިރަށް ފުލުހުން ގޮސް ރޫޅާލަ އެވެ.