Roadha Mihaaru
ނައިފަރާއި މަނަދޫގައި ޕްރީ ސްކޫލެއް ގާއިމު ކުރަނީ

ނައިފަރާއި މަނަދޫގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް ގާއިމު ކުރަނީ

14 ޖުލައި 2016

ޅ. ނައިފަރާއި ނ. މަނަދޫގައި އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ނަމުގައި ދެ ސްކޫލެއް ހުޅުވަން އައިލެންޑާސް އެޑިއުކޭޝަން ގްރޫޕުން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޅ. ނައިފަރާއި ނ. މަނަދޫގައި އިސްލާމީ ތައުލީމަށް ހާއްސަކޮށްގެން އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ނަމުގައި ދެ ސްކޫލެއް ހުޅުވަން އައިލެންޑާސް އެޑިއުކޭޝަން ގްރޫޕުން ނިންމައިފި އެވެ.

މާބްލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފްރެންޗައިޒް އުސޫލުން ސްކޫލް ހިންގުމަށް އައިލެންޑާސް އިން ވަނީ ނައިފަރު އެޑިއުކޭޝަން ސެންޓަރު (އެންއީސީ) އާއި ސޮސައިޓީ ފޯ މަނަދޫ ޔޫތު ލިންކޭޖް (އެސްއެމްޔައިއެލް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އައިލެންޑާސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުއްރަޝީދެވެ. އެންއައިސީގެ ފަރާތުން ރައީސް ހުސެއިން ރަޒީން ސޮއިކުރެއްވި އިރު، އެސްއެމްޔައިއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ރައީސް އަލީ މަޖީދެވެ.

އެންއީސީ އާއި އެސްއެމްޔައިއެލް އިން ބުނީ މި އެއްބަސްވުމާއެކު ތައުލީމީ ދަރިންތަކެއް ދެ ރަށުގައި ވެސް އުފެދިގެން ދާނެ ކަމަށެވެ. އަދި މި ސްކޫލް ވެގެން ދާނީ ތައުލީމީ ދާއިރާ އާ ހަރުފަތަކަށް ދިއުމަށް އެޅޭ ބާރަކަށް ކަމަށް ވެސް އެ ދެ ޖަމިއްޔާ އިން ބުންޏެވެ.

އައިލެންޑާސް އެޑިއުކޭޝަންގެ ހެޑް އޮފް ޑިވެލޮޕްމަންޓް އެންޑް އެންޓަޕްރައިސް ހައްވާ ޝިއުނާ ވިދާޅުވީ އިސްލާމް ދީން އުނގަންނައިދޭ ސްކޫލްތައް ވަރަށް މަދު ކަމަށާއި އެހެންވެ އެ ތަނުގެ ބޭނުމަކީ ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތަށް ތައުލީމް އުނގަންނައިދިނުން ކަމަށެވެ.

"މިއީ މެދުމިނުގެ ދީނީ ސިޔާސަތު ކިޔަވައިދިނުމަށް ކުރާ މަސައްކަތެއް ޒަމާނީ ފެންވަރަކަށް. މިކަން ކުރަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު،" ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި އަގުހެޔޮކަމާއެކު ތައުލީމް އުނގަންނައިދޭ ސްކޫލްތައް ގާއިމު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި ވެސް ކިޔަވައިދޭނީ ބޭރުގެ އެކި ސްކޫލްތަކުގައި ކިޔަވައިދޭ ޕްރޮޑަކްޓްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހެއްހާ ދުވަސްތެރޭގައި ނައިފަރާއި މަނަދޫގައި ސްކޫލް ހުޅުވުމަށް އައިލެންޑާސް އިން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ އިންޓަނޭޝަނަލް ޕްރީ ސްކޫލެއް ރާއްޖޭގެ ރަށެއްގައި ގާއިމުކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.