Roadha Mihaaru
ސިޔާސީ ހަމަނުޖެހުމާ ހެދި އިންވެސްޓްމަންޓް މަދުވެދާނެ

ސިޔާސީ ހަމަނުޖެހުމާ ހެދި އިންވެސްޓްމަންޓް ލިބުން މަދުވެދާނެ: މޫޑީސް

14 ފެބުރުއަރީ 2018

ރާއްޖޭގައި މިހާރު ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ހެދި ޓޫރިސްޓުން އައުން މަދުވެ، ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދަށް ވެދާނެ ކަމަށް މޫޑީސް އިންވެސްޓާސް ސާވިސް އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި މިހާރު ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ހެދި ޓޫރިސްޓުން އައުން މަދުވެ، ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދަށް ވެދާނެ ކަމަށް މޫޑީސް އިންވެސްޓާސް ސާވިސް އިން ބުނެފި އެވެ.

މޫޑީސް އަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކޮށް، ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިން ދިން އެޖެންސީ އެވެ.

ކްރެޑިޓް ރޭޓިން ދޭ ދުނިޔޭގެ އެންމެ ބޮޑު އެއް އެޖެންސީން ބުނީ ރާއްޖެ އަށް ޓޫރިސްޓުން ދަތުރުކުރާ މިންވަރު މަދުވުން ދިގުލައިގެން ހިނގައްޖެ ނަމަ، އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރު ދަށް ކުރަން ޖެހިދާނެ ކަމަށެވެ. މޫޑީސް އިން ކުރިން ލަފާކޮށްފައި ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދު 4.5 ޕަސެންޓް ކުރިއަރާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް އަކީ ދައުލަތަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ދާއިރާ ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

މޫޑީސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2015 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން، އެ އަހަރު ރާއްޖޭގެ އިގުތިސާދު ހަ ޕަސެންޓުން 2.8 ޕަސެންޓަށް ދަށްވި ކަމަށެވެ. އަދި ޓޫރިސްޓުން އައި މިންވަރު ވެސް 7.1 ޕަސެންޓުން 2.4 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުނެފައި ވެ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު މޫޑީސް އިން ތައްޔާރުކުރި 2017 ވަނަ އަހަރުގެ ރާއްޖޭގެ އެނަލިސިސްގައި ބުނެފައި ވަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ދަރަނި އަދާކުރުމުގެ ގާބިލްކަން ދައުލަތުގެ މާލީ ނިޒާމްގައި އެބަހުރި ކަމަށެވެ. ނަމަވެސް ދައުލަތުގެ ދަރަނި އިތުރުވުމާއި އެއް ސިނާއަތަކަށް ރާއްޖޭގެ އިގްތިސާދު ބިނާވެފައިވުމާއި ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިއުމަކީ ރާއްޖެއަށް ދިމާވާނެ ގޮންޖެހުމެއް ކަން މޫޑީސް އިން ފާހަގަކޮށްފައިވެ އެވެ.

މޫޑީސް އިން ރާއްޖެއަށް ދީފައި ވަނީ ބީ ޓޫ ކްރެޑިޓް ރޭޓިން އެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ހެދި އެނަލިސިސް އަށް ފަހު ވެސް އެ ރޭޓިން ވަނީ ދަމަހައްޓައިފަ އެވެ.

ކްރެޑިޓް ރޭޓިން އަކީ އެ ގައުމެއްގެ މާލީ ސިޔާސަތާއި އިގްތިސާދީ ތަސައްވުރު އަދި ސިޔާސީ މަސްރަހަށް ރިއާޔަތްކޮށް، އެ ގައުމެއްގެ ކްރެޑިޓް ރިސްކް ބަޔާން ކުރުމަށް ހަދާ ރޭޓިން އެކެވެ. އެޖެންސީތަކުން ރޭޓިން ދިނުމަށް ފަހު އެ ގައުމެއްގެ އިގްތިސާދަށާއި ސިޔާސީ މަސްރަހަށް އަންނަ ބަދަލުތައް ބަލައި ދިރާސާ ކުރާނެ އެވެ. އަދި އަހަރު ދުވަހުގެ ތެރޭގައި އެ ކްރެޑިޓް ރިސްކަށް ބަދަލު އަތުވެދާނެ ފަދަ ކަމެއް ހިނގައިފި ނަމަ ރޭޓިން ބަދަލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ކްރެޑިޓް ރޭޓިން އާއްމުކޮށް ބޭނުން ކުރަނީ އިންވެސްޓް ކުރަން ބޭނުުންވާ ފަރާތްތަކުންނެވެ. އެގޮތުން، އިންވެސްޓްމަންޓް ތަކުގެ ފައިދާ ލިބޭނެ މިންވަރާއި ދަރަންޏަށް ނަގާ ފައިސާ ދެއްކޭނެ ކަން މި ރޭޓިން އަށް ބިނާކޮށް ދެނެގަނެވޭނެ އެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް މިނިވަން ކުރަން މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރާއްޖެ އަށް ދަތުރު ނުކުރަން ބައެއް ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ނެރުމުން ރާއްޖެއަށް އަންނަން ތިބި ވަރަށް ގިނަ ޓޫރިސްޓުންތައް ދަނީ ބުކިންސްތައް ކެންސަލް ކުރަމުންނެވެ.