Roadha Mihaaru
އިންވެސްޓްމަންޓުތައް ރައްކާތެރި ކުރާނީ ގާނޫނުން: އިބޫ

އިންވެސްޓްމަންޓު ތަކަށް ރައްކާތެރިކަން ދޭނީ ގާނޫނުން: އިބޫ

06 އޯގަސްޓް 2018

ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކަށަވަރު ކޮށްދޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ ތ. ތިމަރަފުށިން އަހުމަދު ސާއިލް އަލީ

ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކަށަވަރު ކޮށްދޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ލ. އާއި ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ތިމަރަފުށީގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، ބޯ ވާރޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި އިބޫ ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އިންވެސްޓަރުންނަށް އިތުބާރު ނެތުން ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް ގައި އެކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ.

"އިތުބާރާ އެކު، އިންވެސްޓް ކުރާނެ ޔަގީން ކަން ރާއްޖޭގައި ނެތުން. މާހައުލު ނެތީ. އަޅުގަނޑުމެން ސަރުކާރެއް ގައި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި އިންވެސްޓްމަންޓްތައް ރައްކާތެރި ކުރާނެ ގާނޫނުތައް. ގާނޫނުގެ ތެރެއިން އިންވެސްޓްމަންޓްތައް ރައްކާތެރި ކުރެވޭނެކަން އަންގައިދޭނަން،" ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ރިސޯޓްތައް ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ހުއްޓިފައިވާ ޕްރޮޖެކްޓްތައް އޭގެ ސަބަބުން ކުރިއަށް ގެންދެވޭނެ އެވެ.

އިބޫ ވަނީ މިހާރު ނުހެދިހުރި ރިސޯޓްތައް ހެދުމަށް ލޯނު ހަމަޖައްސައި ދެއްވައި އެ ރިސޯޓުތައް މާކެޓަށް ނެރޭނެ ކަމުގެ ވައުދުވެސް މިއަދު ވެވަޑައިގެންފަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ތިމަރަފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދިން ކަން ފާހަގަ ކުރައްވައި އިބޫ ވަނީ އޭނާގެ ވެރިކަމެއްގައި މި ރަށަށް އިތުރު ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ތިމަރަފުއްޓަށް އިބޫ ވި ވައުދުތައް:

* ހިއްކާފައިވާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރުން

* ރަށުގެ މަގުތައް ހަދައި ދިނުން

* ލޯކަލް ޓޫރިޒަމް މި ރަށަށް ތައާރަފު ކުރުން

ހަމަ އެއާ އެކު އިބޫ ވަނީ އަތޮޅުތަކުގެ ފެރީ ނިޒާމު ހައްލުކޮށް ބާރު ސްޕީޑުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަވައި ދޭނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

ތ. އަތޮޅާއި ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އާއި މިއަދު އިބޫ އާއި ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ތ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ. މާދަމާ އިން ފެށިގެން ބުދަ ދުވަހާ ހަމަ އަށް ލ. އަތޮޅުގެ އެކި ރަށްތަކަށް ވަޑައިގަތުމަށް އިބޫ ވަނީ ނިންމަވައިފަ އެވެ.