Roadha Mihaaru
އޮލިއާލިއާ-ސިމްޑީން ރާއްޖެ އަށް ބިޔަ ޕްރޮޖެކްޓްތަކެއް

އިންޑިއާގެ އޮލިއާލިއާ ވޯލްޑާ ގުޅިގެން ސިމްޑީން ރާއްޖެ އަށް ބިޔަ އިންވެސްޓްމަންޓުތަކެއް ގެންނަނީ

14 ފެބުރުއަރީ 2018

އިންޑިއާގެ ބިލިއަނަރު އަބީޝޭކް ވަރުމާގެ އޮލިއާލިއާ ވޯލްޑާ ގުޅިގެން، ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސިމްޑީގެ ވިޔަފާރި ފުޅާކުރުމަށް ނިންމައި، އެ ދެ ކުންފުނީގެ މެދުގައި އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އިންޑިއާގެ ބިލިއަނަރު އަބީޝޭކް ވަރުމާގެ އޮލިއާލިއާ ވޯލްޑާ ގުޅިގެން، ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސިމްޑީގެ ވިޔަފާރި ފުޅާކުރުމަށް ނިންމައި، އެ ދެ ކުންފުނީގެ މެދުގައި އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

ސިމްޑީ އާއި އޮލިއާލިއާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެކުލަވައިލި އެއްބަސްވުމުގެ ދަށުން ފަސް ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމަންޓެއްގެ ގޮތުގައި އޮތީ "އޮލިއާލިއާ ނިއު މޯލްޑިވްސް"ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރުމެވެ.

އެގޮތުން، ލަގްޒަރީ ހަތަރު ރިސޯޓާއި "ޝެރިއެޓްސް އޮފް ދަ ގޯޑްސް" ތީމް ޕާކެއް ތަރައްގީ ކުރުމާއި ޝިޕިން އެންޑް ކޮންޓެއިނާ ޕޯޓެއް ތަރައްގީ ކުރުމުގެ އިތުރުން އޮފްޝޯ ބޭންކިން އާއި އެކްސްޕޯޓް ޒޯނެއް މި އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރާނެ އެވެ.

ޓްވިން އިންޖީން 10 ހެލިކޮޕްޓަރާއެކު، މުޅި ރާއްޖެ އަށް ހެލިކޮޕްޓަރު ދަތުރުތައް ފެށުމާއި ގޮލްފް ކޯސްއެއް ތަރައްގީ ކުރުމުގެ އިތުރުން އަޕް މާކެޓް ވިލާ ތަރައްގީކޮށް ވިއްކުމަށް ސިމްޑީ އާއި އޮލިއާލިއާ އިން ވަނީ އެއްބަސްވެފަ އެވެ. އަދި 300 އެނދުގެ ޖާގައިގެ ދެ ހޮސްޕިޓަލް ތަރައްގީ ކުރުމާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ރައްތަކަށް މޮނޯރެއިލްގެ ޚިދުމަތް ވެސް ސިމްޑީ އާއި އޮލިއާލިއާ ގުޅިގެން ދޭނެ އެވެ. މޮނޯރެއިލްގެ ޚިދުމަތް ދިނުމަށް ފަސް ކިލޯމީޓަރުގެ ކަނެކްޓިން ބްރިޖެއް އަޅާނެ ކަމަށާއި އެ ކަންކަމަށް ހުއްދަ ހޯދުމަށް ކަނޑައަޅާފައިވާ ތާރީޚުގައި ދިވެހި ސަރުކާރަށް ހުށަހަޅާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރަން ނިންމާފައިވާއިރު، އެސްއީޒެޑްގެ ގާނޫނު ބުނާގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރެވޭނީ މަދުވެގެން 150 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނުގެ އިތުރުން، އޮލިއާލިއާ އިން އުފައްދާ ސިނގިރޭޓާއި ކޯލާ، ޖޫސް އަދި ސުޕާރި ފަދަ ބާވަތްތައް [ފާސްޓް މޫވިން ކޮންޒިއުމާ ގުޑްސް] ސިމްޑީ މެދުވެރިކޮށް ރާއްޖޭގައި ވިއްކަން ފެށުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި ސިމްޑީގެ ރަށެއްގައި އޮލިއާލިއާ ޕޮލްޓްރީ، މެރިކަލްޗާ ފާމެއް ތަރައްގީކޮށް، އެތަނުން އުފައްދާ ބާވަތްތައް ރާއްޖެ އާއި ބޭރުގެ މާކެޓުތަކަށް ވިއްކާނެ އެވެ.

ސިމްޑީއާ ގުޅޭ ބައެއް ރިސޯޓުތައް މެނޭޖްމަންޓް ކޮންޓްރެކްޓުގެ ދަށުން "އޮލިއާލިއާ އައިލެންޑް ރިސޯޓް" ބްރޭންޑަށް ބަދަލުކޮށް ހިންގުމަށް ވެސް އެ ދެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވަން އެންޑް އޮންލީ ކަނުހުރާ އަކީ ސިމްޑީގެ ރިސޯޓެކެވެ. ރާއްޖޭން ބޭރުގައި ވެސް ސިމްޑީގެ ބައެއް ޕްރޮޕަޓީތައް ހުންނަ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ސިމްޑީން އައްޑޫގައި ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލް "އޮލިއާލިއާ އައިއެމްޑީސީ ހޮސްޕިޓަލް" އަށް ބަދަލުކޮށް، އޮލިއާލިއާ ހެލްތްކެއާގެ ދަށުން ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މަތީ ފެންވަރުގެ މެޑިކަލް ޓޫރިޒަމަށް އަމާޒު ކޮށްގެން އިތުރު ހިދުމަތްތައް ފަށާނެ އެވެ. އެގޮތުން ޔޫރަޕްގެ މަޝްހޫރު ޑޮކްޓަރުން ރާއްޖެ ގެނެސް، ކޮސްމެޓިކް ނުވަތަ ޕްލާސްޓިކް ސާޖަރީތައް ހަދަން ފަށާނެ ކަމަށް ވެސް ސިމްޑީ އާއި އޮލިއާލިއާ އިން ނެރުނު ބަޔާނުގައި ވެ އެވެ. އޮލިއާލިއާ އައިއެމްޑީސީ ހޮސްޕިޓަލަށް ތަރައްގީކޮށް ނިމޭއިރު، އެތަނުގައި ވޯޓާ ވިލާތަކާއި ލަގްޒަރީ ކޮޓަރިތައް ހުންނާނެ އެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދައި އޮޕަރޭޓް ކުރުމުގެ ހުއްދަ ދީ، އެކަމަށް ރަސްމީކޮށް ހުށަހެޅުމުގެ ދައުވަތު މީގެ ކުރިން ދިވެހި ސަރުކާރުން ވަނީ އޮލިއާލިއާ އަށް ދީފަ އެވެ. އެ މަސައްކަތްތައް މިހާރު ގޮސްފައި ވަނީ ކިހާ ހިސާބަކަށް ކަމެއް ސާފެއް ނުވެ އެވެ.

ތަރައްގީގެ ބިޔަ ޕްރޮޖެކްޓްތަކެއް ފަށަން ދެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށް ބުނެފައިވީނަމަ ވެސް، މި މަސައްކަތްތައް ފެށޭނެ ވަކި ތާރީހެއް އަދި މިކަމަށް ހިނގާނެ ހަރަދުތަކުގެ ތަފްސީލެއް ހާމަ އެއް ނުކުރެ އެވެ. ނަމަވެސް މި މަސައްކަތްތައް ފެށިއްޖެނަމަ މިކަން ވާނީ އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު އަށެވެ.