Roadha Mihaaru
ދުސްތޫރީ މައްސަލަ އަށް އެމްޑީޕީން ވަންނަނީ

ދުސްތޫރީ މައްސަލައިގެ ތެރެއަށް އެމްޑީޕީ އާއި އިތުރު މެމްބަރުންތަކެއް ވަންނަނީ

13 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް އެމްޑީޕީ އާއި އިދިކޮޅު މެމްބަރުންތަކެއް މިއަދު ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމަށް އެމްޑީޕީ އާއި އިދިކޮޅު މެމްބަރުންތަކެއް މިއަދު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމުން ވަކިވި ބައެއް މެމްބަރުން ވެސް ވަނީ މައްސަލައިގެ ތެރެއަށް ވަންނަން ހުށަހަޅައިފަ އެވެ.

މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ (ފްލޯ ކްރޮސް ކޮށްފި ނަމަ) ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން އެޓާނީ ޖެނެރަލް މުހަންމަދު އަނިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް، ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވެސް އިއްޔެ ވަނީ ހުށަހަޅުއްވައިފަ އެވެ.

ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދެ ވަނަ އަޑުއެހުން މިއަދު ހަވީރު 4:30 ގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ޕީޕީއެމްގެ 10 މެމްބަރަކު އެ ޕާޓީން ވަނީ ވަކިވެފަ އެވެ. އެހެން މަޖިލީހުގައި ޕީޕީއެމަށް އޮތް އަޣުލަބިއްޔަތު މިހާރު ވަނީ ގެއްލިފަ އެވެ.