Roadha Mihaaru
އާންމުންގެ ލާބައަށް ކަންކަންކުރާނަމަ މިތިބީ ސަރުކާރާއެކު

ރައްޔިތުންގެ ލާބަ އަށް މަސައްކަތް ކުރާ ނަމަ މިތިބީ ސަރުކާރުގެ ފަޅީގައި: ލަތީފް

26 ފެބުރުއަރީ 2018

ސަރުކާރުން ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ ނަމަ، މިހާރު ވެސް މި ތިބީ ސަރުކާރު ފަޅީގައި ކަމަށާއި ފައިސާ ދީގެން "ގަންނަން ނުޖެހޭ" ކަމަށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ ނަމަ، މިހާރު ވެސް މި ތިބީ ސަރުކާރު ފަޅީގައި ކަމަށާއި ފައިސާ ދީގެން "ގަންނަން ނުޖެހޭ" ކަމަށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މެމްބަރުން މި މޭރުމުން ވާހަކަ ދެއްކެވި އިރު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅި 12 މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ކުރި އަމުރު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 10:00 އަށް ސުޕްރީމް ކޯޓުން ތާވަލު ކޮށްފައި ވަނިކޮށެވެ.

އެ 12 މެމްބަރުން ސަރުކާރާ ގުޅުމަށް އެދި، ޕީޕީއެމްގެ އިސް ބައެއް މެމްބަރުން އަންނަނީ އެ މެމްބަރުންނާ ވާހަކަ ދައްކަމުން ކަން "މިހާރު އަށް ވަނީ ކަށަވަރުވެފަ އެވެ. އެ ގޮތުން މިދިޔަ ހުކުރު ދުވަހު ވެސް ސަރުކާރު ފަޅީގެ ބައެއް މެމްބަރުން އޭގެ ތެރެއިން ބައެއް މެމްބަރުންނާ ބައްދަލު ކުރެއްވި އެވެ.

އެ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން މިހާތަނަށް ނެރުނު އަމުރުތަކާއި ހުކުމްތަކުން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ނިންމާފައެއް ނުވެ އެވެ. އަދި އެ 12 މެމްބަރުންނަކީ، މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގެ އިދާރާ ވަނީ ބަލައިގެންފަ އެވެ.

ލަތީފް ވިދާޅުވީ އެޓާނީ ޖެނެރަލް އަލުން، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުން ކުޅޭ "ކުޅިގަނޑެއްގެ" ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރަން މި އުޅެނީ. މިހާރު އުފެދިގެން އުޅޭ މައްސަލަ އަށް ސާފު ޖަވާބެއް ވީހާ ވެސް އަވަހަކަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރަނީ،" ލަތީފް ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރެއް، ތިން ފަނޑިޔާރުން އަލުން ބެލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ތިން ފަނޑިޔާރުންގެ ވިސްނުން ބަދަލު ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ލަތީފް ވެސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ހުކުމެއް އަންނާނެ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން މެމްބަރުންގެ ގޮނޑިތައް ގެއްލުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

ލަތީފް ތަކުރާރުކޮށް ވިދާޅުވީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ބިލުތައް ހުށަހަޅާނަމަ، ސަރުކާރާއެކު ތިއްބެވި ކަމަށެވެ. އަދި ސަރުކާރާ އެއްކޮޅަށް އެކަމުގައި ވޯޓު ލިބޭނެ ކަމަށާއި މިހާތަނަށް މަޖިލީހަށް ހުށަހެޅި ބިލުތަކުގައި ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވި ކަން ވެސް ލަތީފް ފާހަގަކުރެއްވި އެވެ.

"ސަރުކާރުން ނުޖެހޭނެ އަގުބޮޑުކޮށް ފައިސާ ދޭކަށް. މުންޑަށް އަޅައިގެން، ކޮތަޅު ކޮތަޅަށް ފައިސާ ހިފައިގެން އަންނާކަށް ނުޖެހޭ،" ލަތީފް ވިދާޅުވި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ ޕާޓީ ބަދަލުކުރާ މެމްބަރުން ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅާފައި އޮތަސް، އެއްވެސް މެމްބަރެއްގެ ގޮނޑި އެ ހުކުމުގެ ދަށުން ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ.

އެކަމަކު މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އެންގީ އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

މި މަހުގެ ފުރަތަމަ ދުވަހު ނެެރުނު އަމުރަށް ފަހު ކުއްލި ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން މި ވަގުތު ސަސްޕެންޑް ވެސް ކޮށްފައިވާތީ މިވަގުތު ސުޕްރީމް ކޯޓުގައި މަސައްކަތް ކުރައްވަނީ ތިން ފަނޑިޔާރުންނެވެ.