Roadha Mihaaru
މެމްބަރުން ބަދަހިކޮށް ތިބުމަށް ރައީސް އެދިވަޑައިގެންފި

ޚިޔާލު ތަފާތުނުވެ، ބަދަހިކޮށް ތިބުމަށް މެމްބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންފި

22 ފެބުރުއަރީ 2018

ސަރުކާރަށް ދިމާވެފައި މިވާ ނާޒުކު ހާލަތުގައި، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޚިޔާލު ތަފާތުނުވެ، ބަދަހިކަމާ އެކު ތިއްބެވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރަށް ދިމާވެފައި މިވާ ނާޒުކު ހާލަތުގައި، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޚިޔާލު ތަފާތުނުވެ، ބަދަހިކަމާ އެކު ތިއްބެވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ސިޔާސީ ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނުގެ ނިންމެވުންތަކުގައި އެއްބާރުލުން ދެއްވައި މެމްބަރުން ބަދަހިކޮށް ތިއްބެވުމަށް ރައީސް އެދިވަޑައިގަތީ، މުލިއާގޭގައި މިއަދު މެންދުރު ބޭއްވެވި ގާތްގަނޑަކަށް ދެ ގަޑިއިރުގެ ބައްދަލުވުމުގަ އެވެ.

ރައީސްގެ ބައްދަލުވުމާ ގުޅޭ ގޮތުން "މިހާރު" އަށް ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ މައިގަނޑު ގޮތެއްގައި ރައީސް ޔާމީން މެމްބަރުންނާ ވާހަކަ ދެއްކެވީ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދިގުދަންމަން އެމަނިކުފާނަށް މަޖުބޫރުވެވަޑައިގަތީ، އެ ނޫން ގޮތަކަށް ކަންކަން ހައްލު ކުރެވެން ނެތުމުން ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލަން އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކުން ގޮވާލަމުން ދިޔަ ނަމަވެސް އެ ގޮވާލުންތަކުން ސަރުކާރަށް މާ ބޮޑު ޕްރެޝަރެއް ނެތްކަމުގެ ޔަގީންކަން މެމްބަރުންނަށް ދެއްވި ކަމަށް ވެސް ވެ އެވެ.

"އދ.ގެ ވެސް މާ ބޮޑު ޕްރެޝަރެއް ނެތޭ، އދ.ގެ ސެކްރެޓަރީ ޖެނެރަލް ފޯނުން ގުޅުއްވި ކަމަށާއި މަޝްވަރާގައި އދ.ގެ ބައިވެރިވުން މިވަގުތު ބޭނުން ނުވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ރައީސް މެމްބަރުންނަށް ދެންނެވި. ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާ ފެށުމަށް ފަހު، އދ. ގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެކަން ސެކްރެޓަރީ ޖެނެރަލް އަށް ދަންނަވާނެ ކަމަށް އޭނާގެ އަރިހުގައި ވިދާޅުވި ކަމަށް ރައީސް ވިދާޅުވ،ި" އެ މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފް ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން ވެސް ރައީސް، މެމްބަރުންނާ މައުލޫމާތު ހިއްސާކުރެއްވި އެވެ.

މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ އެއްގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޕީޖީ ފޮނުއްވި ސިޓީއަކީ "މާ ބޮޑު ކަމެއްގެ ގޮތުގައި ރައީސް ނުނަންގަވާ" ކަމަށް މެމްބަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުން އަމަލުކުރާނީ އެޓާނީ ޖެނެރަލް ދެއްވާ ލަފަޔަށް ކަމަށް ވެސް ރައީސް، ޕީޕީއެމްގެ ޕީޖީ ގްރޫޕަށް ދެންނެވި އެވެ.

ޕީޕީއެމްގެ މެމްބަރުންނާ، ރައީސް މި ބައްދަލުކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުންގެ މަޖިލީހުން އިތުރު 30 ދުވަހަށް ދިގުދެންމީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ފާސްކުރަން މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ތިއްބަވަން ޖެެހެ އެވެ. އެކަމަކު، އެ ގަރާރު ފާސްކުރީ 38 މެމްބަރުން ހާޒިރުވި ޖަލްސާގަ އެވެ. އެގޮތަށް އަމަލްކުރީ، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އޭގެ މައްޗަށް އަމަލްކުރުން ލާޒިމް ކަމެއް ކަމަށް، މަޖިލިހުގެ ގަވާއިދުގައި ނެތުމުންނެވެ.