Roadha Mihaaru
ރައީސް ޔާމީން މަގާމަށް ފިޓުކަން ދައްކައިދީފި: ނިހާން

ރައީސް ޔާމީން މަގާމަށް ފިޓުކަން ދައްކައިދީފި: ނިހާން

22 މާޗް 2018

ރައީސް އަބްދުﷲ ޔާމީނަކީ ވަލިއްޔުލްއަމްރުގެ މަގާމަށް 100 ޕަސެންޓް "ފިޓް" ބޭފުޅެއްކަން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރުގައި ދައްކައިދީފި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީނަކީ ވަލިއްޔުލްއަމްރުގެ މަގާމަށް 100 ޕަސެންޓް "ފިޓް" ބޭފުޅެއްކަން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރުގައި ދައްކައިދީފި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން އެ އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އެއަށް ފަހު ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ ބޭފުޅުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެތައް އެކްޓްވިސްޓުންނެއް ވެސް ހައްޔަރުކުރި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ރައީސް ޔާމީނަކީ ގާބިލް ބޭފުޅެއްކަން އެ ހާލަތުގައި ވެސް ދައްކައި ދެއްވާފައިވާ ކަމަށެވެ.

ނިހާން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ

ނިހާން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ

"ފަހުރުވެރިކަމާ އެކު ބުނަމުންދިޔައީ ކޮމާންޑް އޮފް ޗީފްގެ އާރާ، ވިސްނުމާ، ފިކުރާ، ހިކުމަތްތެރިކަން އެ މަނިކުފާނުގެ ހުރިކަން. އަދި ރާއްޖޭގެ ސަލާމަތާ ބެހޭ ބާރުތަކުން ދެއްކީ ގައުމު ހުރިހާ ކަމަކަށްވުރެ މުހިންމޭ،" ރައީސަށް ތައުރީފް ކުރައްވަމުން ނިހާން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލާފައިވާ އިރު ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ހާލަތު އިއުލާންކޮށްފައި އޮތް އިރެކޭ އެ ހާލަތު އުވައިލުމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އެ ހާލަތުގައި ވެސް އާންމު ދިރިއުޅުމަށް ދައްޗެއް ނުވާ އިރު ތަރައްގީގެ މަޝްރޫތައް ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވަމުން، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޔާސީ ހަލަބޮލިކަމަށް ވަގުތު ހޭދަކުރަން ޖެހުނު ނަމަވެސް ސަރުކާރު ހިންގުމަށް އެއްވެސް މަޑުޖެހުމެއް ނާންނަ ކަމަށެވެ.

"ތަރައްގީގެ މަޝްރޫއުތައް ކުރިއެކޭ އެއްގޮތަށް އަދި ބައެއް މަޝްރޫއުތައް އަލަށް ފެށިގެން ދިޔަ ތަން ފެނިގެން މިދިޔައީ. އެހެންވީމަ ރައީސް ޔާމީންގެ ތަރައްގީގެ ދުވެލީގަ އެއްވެސް ކަހަލަ މަޑުޖެހުމެއް މި ބަގާވާތުގެ ކަންތައްތައް ހިނގަމުންދިޔަ ދުވަސްވަރުގައި އެއްވެސް ވަރަކަށް މަޑުޖެހިގެނެއް ނުދިޔަ،" މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ވެރިކަން ވައްޓާލަން މަސައްކަތްކުރަނީ މި ސަރުކާރުން ގެންނަ ތަރައްގީ ހުއްޓުވުމަށް ކަމަށް ތަކުރާރުކޮށް މިއަދު ވެސް މުއިއްޒު ވިދާޅުވި އެވެ.