Roadha Mihaaru
ޕޮގްބާ އަށް މޮރީނިއޯ ތައުރީފްކޮށްފި

ޕޮގްބާ އަށް މޮރީނިއޯ ތައުރީފްކޮށްފި

24 ފެބުރުއަރީ 2018

މެންޗެސްޓާ (ފެބްރުއަރީ 24) – މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި މިޑްފީލްޑަރު ޕައުލް ޕޮގްބާއާ މެދު މައްސަލަތަކެއް އުޅޭ ކަމަށް އަޑުއަރާފައިވަނިކޮށް، ޕޮގްބާ އަށް މޮރީނިއޯ ތައުރީފްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ފެބްރުއަރީ 24) – މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި މިޑްފީލްޑަރު ޕައުލް ޕޮގްބާއާ މެދު މައްސަލަތަކެއް އުޅޭ ކަމަށް އަޑުއަރާފައިވަނިކޮށް، ޕޮގްބާ އަށް މޮރީނިއޯ ތައުރީފްކޮށްފި އެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގެ ފުރަތަމަ އެގާރައިން ވެސް ޕޮގްބާ އަށް ފުރުސަތު ނުދިނުމާ އެކު، މީޑިއާގައި ވަނީ އޭނާ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވާހަކަދެކެވިފަ އެވެ.

ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ސެވިއްޔާއާ 0-0 އިން ޔުނައިޓެޑް އެއްވަރުވި މެޗުގައި ޕޮގްބާ އަށް މޮރީނިއޯ ފުރުސަތު ދިނީ އެންޑާ ހެރޭރާ އަށް އަނިޔާވުމުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

"(ފުރަތަމަ އެގާރައިގައި) ފެށުމަށް ވުރެ އަބަދުވެސް އުނދަގޫ ވާނީ ބެންޗުން އަރައިގެން ކުޅެން. ކުޅުންތެރިޔަކު (ފުރަތަމަ އެގާރައިގައި) ހިމެނިގެން މެޗު ފަށާއިރު ހުންނާނީ ތަފާތު ތައްޔާރީތަކެއް. އަދި އެކަން ފަސޭހަވާނެ. ބެންޗުގައި ހުރެފައި ވާމްއަޕްނުކޮށް މެޗަށް އަރައި މެޗުގެ ސްޕީޑުގެ ތެރެއަށް ވަނުމަކީ ފަސޭހަކަމެއް ނޫން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ބައެއް ފަހަރު ބެންޗުގައި ތިބޭ ކުޅުންތެރިން ކުޅެން ތައްޔާރުވާން ފަސް މިނެޓު ވެސް ނަގާ ކަމަށެވެ. އެކަމަކު ދަނޑަށް އަރަން ތައްޔާރުވާން ޕޮގްބާ ނެގީ އެންމެ 10 ސިކުންތު ކަމަށް މޮރީނިއޯ ބުންޏެވެ.

"އޭނާ އޭނާގެ ޕްރޮފެޝަނަލިޒަމްކަން ދެއްކި. ބެންޗުގައި ހުރި ނަމަވެސް އޭނާ ހުރީ ކުޅެން ތައްޔާރުގައި އަދި ޓީމަށް އެހީތެރިވާން ތައްޔާރުގައި ހުރިކަން. ބެންޗުގައި ހުރި ދެ ފަހަރު ވެސް އަހަރެން ދެކޭ ގޮތުގައި އޭނާ އަމަލުކުރީ ވަރަށް ޕްރޮފެޝަނަލްކޮށް،" މޮރީނިއޯ ބުންޏެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ދެން އޮތީ މާދަމާރޭ ރާއްޖެ ގަޑިން 7:05 ގައި ވާދަވެރި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު އޮންނާނީ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގަ އެވެެ.