Roadha Mihaaru
ޕޮގްބާ އަކީ ވައިރަހެއްގެ ގޮތުގައި މޮރީނިއޯ ސިފަކޮށްފި

ޕޮގްބާ އަކީ ވައިރަހެއްގެ ގޮތުގައި މޮރީނިއޯ ސިފަކޮށްފި

03 ޑިސެމްބަރ 2018

ލަންޑަން (ޑިސެމްބަރު 3) - މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަކީ ޓީމު ތެރޭގައި އުޅޭ ވައިރަހެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ސިފަކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 3) - މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަކީ ޓީމު ތެރޭގައި އުޅޭ ވައިރަހެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ސިފަކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ސައުތެމްޓަންއާ 2-2 އިން އެއްވަރުވި މެޗަށް ފަހު ޓީމުގެ ޗޭންޖިން ރޫމު ތެރޭގައި މޮރީނިއޯ ވަނީ ޓީމުގެ ކުޅުންތެރިންގެ ކުރިމަތީގައި ޕޮގްބާއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"ޕޮގްބާ ނުއެއް ކުޅޭ. ޕޮގްބާ ނުކުރޭ ޔުނައިޓެޑްގެ އެހެން ކުޅުންތެރިންނާއި ޓީމުގެ ސަޕޯޓަރުންނަށް އިހުތިރާމެއް. އަދި ޕޮގްބާ އަންނަނީ އޭނާ ވަށައިގެން ތިބި ރަނގަޅު ކުޅުންތެރިންގެ ހެޔޮ ވިސްނުމަށް ވެސް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވަމުން،" ޗޭންޖިން ރޫމުގައި މޮރީނިއޯ ދެއްކި ވާހަކަތައް ޔުނައިޓެޑްގެ އޮފިޝަލަކު އިނގިރޭސި މީޑިއާގައި ހިއްސާކުރި އެވެ.

"ޕޮގްބާ ހީވަނީ ބައްޔެއް ޖެހިފައި ހުރި މީހެއް ހެން. އެހެންވީމަ ބަންދު ކޮޓަރިއެއްގައި ވައިރަހެއް ހުރި މީހަކު ހުރެފިއްޔާ އެ ގައިންގަޔަށް އަރާނެ."

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ ޔުނައިޓެޑް ކޮޅަށް ސައުތެމްޓަނުން ދެ ގޯލު ޖެހި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މޮރީނިއޯ މި މެޗުގައި އެންމެ ހިތްހަމަ ނުޖެހުނީ އެ ޓީމުގެ މިޑްފީލްޑަރުންނާ މެދު އެވެ. އެ މެޗުގައި ޕޮގްބާ އަތުން ގިނަ ބޯޅަތަކެއް ވަނީ ގެއްލިފަ އެވެ. އަދި އެ ބޯޅަތަކުން ސައުތެމްޓަނުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލައިފަ އެވެ.

ސައުތެމްޓަން މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ އެ ޓީމުގެ މިޑްފީލްޑަރުންގެ ކިބައިގައި މޮޅުވާން އެ ހުންނަން ޖެހޭ އާދަޔާހިލާފު ރޫހު ނެތް ކަމަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މޮރީނިއޯ އާއި ޕޮގްބާއާ މެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބުނެ ތަފާތު ވާހަކަތައް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ. މޮރީނިއޯ އާއި ޕޮގްބާ މީޑިއާގައި އެކަން ދޮގުކުރި ނަމަވެސް ދިޔައީ ނުސީދާ ގޮތަކަށް އެކެއް އަނެކަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.

މި ސީޒަނުގައި މޮރީނިއޯ ވަނީ ޔުނައިޓެޑްގެ ވައިސް ކެޕްޓަންކަން ޕޮގްބާ އަތުން ނަގައިފަ އެވެ. އަދި އެކަމާ ބެހޭގޮތުން މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދަނިކޮށް ޔުނައިޓެޑުން ވަނީ އިނގިރޭސި މީޑިއާއާ ވާހަކަ ދެއްކުން ޕޮގްބާ އަށް މަނާކޮށްފަ އެވެ.

ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތެއް ނުލިބި ހުރި ޕޮގްބާ 2012 ވަނަ އަހަރު ގެނެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ބަދަލުކުރީ ޔުވެންޓަސް އިންނެވެ. އޭގެ ފަހުން ޔުނައިޓެޑުން އޭނާ އަނބުރާ ގެންދިޔައީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ. ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ޔުނައިޓެޑްގެ ކޯޗަކަށް ހުރެފިނަމަ ޕޮގްބާ ވަނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.