Roadha Mihaaru
ފިޓްނަސް މައްސަލައިގައި ކިސް ބޯހަލާކުވެފައި!

ފިޓްނަސް މައްސަލައިގައި ކިސް ބޯހަލާކުވެފައި!

24 ފެބުރުއަރީ 2018

އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އުމަރާއި މުޚުތާރު ނަސީރު (ޓޫކިލޯ) މެންގެ މޮޅު ކުޅުމުގެ ސިއްރަކީ ފިޓްނަސް ކަމަށާއި މިހާރުގެ ބައެއް ކުޅުންތެރިން ފިޓް ނޫން ކަމަށް ބުނެ ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ފާޑުކިޔައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އުމަރާއި މުޚުތާރު ނަސީރު (ޓޫކިލޯ) މެންގެ މޮޅު ކުޅުމުގެ ސިއްރަކީ ފިޓްނަސް ކަމަށާއި މިހާރުގެ ބައެއް ކުޅުންތެރިން ފިޓް ނޫން ކަމަށް ބުނެ ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ފާޑުކިޔައިފި އެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިއަދު ކިސް ބުނީ އޭނާގެ ޓީމު ސަތޭކަ ޕަސެންޓް ތައްޔާރު ނޫން ކަމަށެވެ.

ވެލެންސިއާގެ ރަންޒަމާނުގައި އެ ޓީމަށް ކޯޗުކޮށްދިން ކިސް ބުނީ މިދިޔަ އަހަރުގެ މެދުތެރޭގައި ވިކްޓަރީގެ ބައެއް ކުޅުންތެރިން ސީޒަން ނިންމާލަން ޖެހުމާ އެކު އެ ކުޅުންތެރިންގެ ހާލަތު ވަރަށް ދަށް ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ބިދޭސީ ކޯޗު ބުނީ ޖުމްލަކޮށް ބަލާއިރު ރާއްޖޭގެ ފުޓްބޯޅައިން މޮޅު ޒުވާން ކުޅުންތެރިޔެއް ފެންނަން ނެތް ކަމަށާއި މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"މީގެ ކުރިން ތިބި ވަރަށް މޮޅު ޒުވާން ކުޅުންތެރިން. ޓޫކިލޯ، ރޮނާލްޑޯ، އަލީ އުމަރު، އައްސަދު، އަންވަރު، ދަގަނޑޭ. މިހާރަށް ކިޔަންޏާ ކީދާނެ ބަކާ އާއި ސެންޓޭގެ ނަން،" ކިސް ބުންޏެވެ.

އޭނާ ބުނީ އެކަން އެހެން އެވަނީ ކުޅުންތެރިންގެ ވިސްނުމުގެ ވެސް މައްސަލައަކުން ކަމަށާއި މޮޅަށް ކުޅެން ބޭނުންވާ ނަމަ ވަރުގަދައަށް ތަމްރީން ހަދަން ޖެހޭ ކަމަށެވެ. އޭނާ މިހާރު ވެސް ވިކްޓަރީ ކުޅުންތެރިން ގޮވައިގެން ދުވާ ޓްރެކް ތެރެއިން ވަރަށް ގިނައިން ފެނެ އެވެ.

"ވިކްޓަރީ ކުޅުންތެރިން ހެނދުނު ދުވެލާފައި އިރުކޮޅެއްވާއިރު ތިބެނީ ދެމިފައި. ދަގަނޑޭ އެހެންތަ؟ ދުވާ ކޮންމެ ދުވަހެއްގައި އެންމެ ކުރީގައި އޮންނާނީ. އަލީ އުމަރު ވެސް އެއް ވަނަ. ޓޫކިލޯ ވެސް ހަމަ އެހެން. ޓޫކިލޯ ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ތަމްރީން ހަދާނެ. އެންމެ ހަ ހަފުތާގެ ތެރޭގައި ތަފާތު ފެނުނު،" ކިސް ބުންޏެވެ.

ކިސްގެ ކޯޗުކަމުގެ ދަށުން ދެހާހުގެ އަހަރުތަކުގައި ވެލެންސިއާ އިން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކުރީގައި އޮތްއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ އާއި ޓޫކިލޯ އާއި އަލީ އުމަރާއި އައްސަދު އަބްދުލްގަނީ ހިމެނެ އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު އެ ކުޅުންތެރިންގެ ދައުރު ބޮޑެވެ.

ކިސް ބުނީ މި ސީޒަނުގައި އެންމެ ވަރުގަދަކޮށް ފެންނަނީ ނިއު ރޭޑިއަންޓާއި މާޒިޔާ ކަމަށާއި އެ ދެ ޓީމާ އެކު ޓީސީ ސްޕޯޓްސް ކްލަބާއި އީގަލްސް އިން ވެސް ރަނގަޅު ވާދައެއް ކުރާނެ ކަމަށެވެ.

"ނިއު ރޭޑިއަންޓުގައި އެއޮތީ ގައުމީ ޓީމު. މާޒިޔާގައި އެބަތިބި ވަރަށް މޮޅު ޒުވާން ކުޅުންތެރިން. އަނެއްކާ އިންމަ (މާޒިޔާ ކޯޗު) ވަރަށް މަސައްކަތް ރަނގަޅުވާނެ،" ކިސް ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީގެ ހާލަތު ރަނގަޅުކުރާނެ ކަމަށާއި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ހޯދައިދިނީތީ މެނޭޖްމަންޓަށް ވަރށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ހަތަރު މެޗު:

އާދީއްތަ (16:00) ވިކްޓަރީ – އީގަލްސް

އާދީއްތަ (21:00) މާޒިޔާ – ގްރީންސްޓްރީޓްސް

ހޯމަ (16:00) ނިއު ރޭޑިއަންޓް – ޓީސީ

ހޯމަ (21:00) ވެލެންސިއާ – ޔުނައިޓެޑް ވިކްޓަރީ