Roadha Mihaaru
ސަމުގާ އެބައޮތް، ދާން ޖެހޭ މިސްރާބު އެނގޭ: ނަޒީހު

ސަމުގާ އެބައޮތް، ދާން ޖެހޭ މިސްރާބު އެނގޭ: ނަޒީހު

02 މާޗް 2018

ޔުނައިޓެޑް ވިކްޓަރީ ގޮވައިގެން ދަތުރުކުރަނީ ސަމުގާއެއް އޮވެގެން ދާން ޖެހޭ މިސްރާބު ވެސް އެނގިގެން ކަމަށާއި އެހެންކަމުން ގޯސް ކަންތައްތަކެއް ނުކުމެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުނައިޓެޑް ވިކްޓަރީ ގޮވައިގެން ދަތުރުކުރަނީ ސަމުގާއެއް އޮވެގެން ދާން ޖެހޭ މިސްރާބު ވެސް އެނގިގެން ކަމަށާއި އެހެންކަމުން ގޯސް ކަންތައްތަކެއް ނުކުމެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ކްލަބް ވެލެންސިއާ އަތުން 3-0 އިން ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ. ވިކްޓަރީ ވަނީ ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން 4-1 އިން ބަލިވެފަ އެވެ.

ނަޒީހު ބުނީ ފުރަތަމަ މެޗު ގާތްގަނޑަކަށް އެއިނީ ތާރީހާ އެކު ގޮސް ނިމިފައި އޭގެން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެކަމަކު އެ މެޗުން ލިބުނު އިތުބާރު އެ ހިފަހައްޓަން ޖެހޭ ހިސާބެއްގައި ހިފަހައްޓާނެ ކަމަށާއި ސަބަބަކީ އެ މެޗުން 3-0 އިން މޮޅުވެފައި އޮތުމުން ކުޅުންތެރިންގެ އިތުބާރު ބޮޑުވެ މައްސަލަތަކެއް ނުކުތުމުގެ ފުރުސަތެއް އޮތުން ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ޓީމުގައި އެކަހަލަ އެއްވެސް ކަމެއް ނެތް. ހަމަ އެނގޭ އެބަ ދާން ޖެހޭ މިސްރާބާއި ހުރިހާ އެއްޗެއް. ހަމަ ކުރިން ދުވަހު ބުނިން ސަމުގާ އޮވެގެން މި ދުއްވަނީ. އެހެންވީމާ ވަރަށް ސާފުވާނެތާ މަންޒަރު،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި އެންމެ ބޮޑަށް މަސައްކަތްކުރާނީ ކުރީ މެޗުގައި ދެއްކި ކުޅުން، ވީހާ ވެސް ގިނަ ވަގުތު ހިފެހެއްޓުން ކަމަށެވެ. އެކަމަކު 90 މިނެޓުގެ މެޗެއް ކުޅޭއިރު ދަށްވެދާނެ ހާލަތްތަކެއް ވެސް އަތުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ވިކްޓަރީގެ ކުރީގެ މިޑްފީލްޑަރު ބުނީ އެ ޓީމު އެންމެ ފަހުން ކުޅުނު މެޗަށް ބަލާއިރު މާބޮޑަށް ބިރުގަނެ ހާސްވާން ޖެހޭ ކަމެއް ނުފެންނަ ކަމަށެވެ.

"އެހެނެއް ނޫން މާދަން (މިއަދު) އަދި ތަފާތު ވެދާނެ ވިކްޓަރީ ކުޅޭލެއް. ހަމަ ޔަގީނުން ވެސް. އެ ދުވަހު މާ ތަފާތު ތަފާތު ކަންތައްތަކެއް ނެތް. އެ މީހުންގެ އިންނަނީ ފަސް ޑިފެންޑަރުން ލައިގެން މި ކުޅެނީ. ދެ ފުލްބެކް އަރައިގެން ތިން ޑިފެންޑަރަށް މިވަނީ. ދެން އެކަހަލަ ގޮތަކަށް ކުޅެނީ. އެ ކަންނޭގެ ދެން އުނދަގުލަކަށް މާބޮޑަށް ވެދާނެ ކަމަކީ. އެއްކަހަލަ ބައިވަރު މީހުން ޑިފެންސުގައި އަބަދު ބައިވެރިވާތީ. ދެން އެނަނެއްހެން އާދަޔާހިލާފު ވަކި ކަމެއް ނުކުރޭ،" ނަޒީހު ބުންޏެވެ.

ވިކްޓަރީގެ ކޯޗު ކިސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ކޯޗު ކިސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސް ބުނީ ވިކްޓަރީ އަންނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރަނގަޅުވަމުން ކަމަށާއި އޭގެ ތެރެއިން މިއަދު ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރާ ކަމަށެވެ.

"އީގަލްސް މެޗުގައި ވެސް ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ދެ ވަނަ ހާފުގައި ބަދަލުވީ. އަހަރެމެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރަނގަޅުވާނީ. ކޮންމެ ގޮތެއް ވިޔަސް މިއީ ވަރަށް މުހިއްމު މެޗެއް. އުއްމީދުކުރަނީ ރަނގަޅުވާނެ ކަމަށް،" ކިސް ބުންޏެވެ.

ކިސް ބުނީ ކުޅުންތެރިންގެ ފިޓްނަސް ފެންވަރު އަދި އެންމެ މަތީ މިންވަރަކަށް ނުދާއިރު މި މެޗު ވެސް ހަވީރު ކުޅެން ޖެހުމުން ކުޅުންތެރިންނަށް އަނެއްކާ ވެސް މިއަދު އެ މައްސަލަ ދިމާވެދާނެ ކަމަށެވެ.

"ހަވީރު މެޗު ވަރަށް ހޫނުވާނެ. ކޮންމެ ކުޅުންތެރިޔަކު ވެސް ފުރަތަމަ ހާފުގައި ރަނގަޅީ. ދެ ވަނަ ހާފުގައި ފިޓްނަސް މައްސަލަ ދިމާވޭ. ބެންޗުން އަރާ ކުޅުންތެރިންގެ ވެސް ވިސްނުން ވެސް އެބަ ޖެހޭ ބަދަލުވާން. ބެންޗުން އެރިޔަސް އޭނާ އެ އަރަނީ މުހިއްމު މަސައްކަތެއްގައި. އެއީ ވިސްނުމަކަށް ވާން ޖެހޭނީ،" ކިސް ބުންޏެވެ.