Roadha Mihaaru
ހައްޔަރީން ދިފާއުކޮށްދިނުމުގެ ފުރުސަތު ވަނީ ގެއްލިފައި

ހައްޔަރުކުރި މީހުންގެ ދިފާއުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތް: ވަކީލުން

24 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހުންގެ ދިފާއުގައި ޝަރުއީ ދާއިރާއިން މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހުންގެ ދިފާއުގައި ޝަރުއީ ދާއިރާއިން މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

މިހާރު ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާލަތުގެ ދަށުން ހައްޔަރު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުނުކޮށް ބަންދުގައި ބޭތިއްބެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެ ހަ މީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ކްރިމިނަލް ކޯޓަށް ހުށަހެޅި ސިޓީ ބަލައިގެންފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށް މަހުފޫޒް ވިދާޅުވި އެވެ.

"މިބޭފުޅުންގެ ދިފާއުގައި ގާނޫނީ ގޮތުން މަސައްކަތް ކުރުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައި. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ މި ބޭފުޅުން ހައްޔަރު ކުރި ހިސާބުން މި ބޭފުޅުންގެ ދިފާއުގައި ރާއްޖޭގެ ކޯޓެއް މެދުވެރިކޮށް ގާނޫނީ ދާއިރާގައި ޖިނާއީ އަދުލުގެ ނިޒާމުގެ އެއްވެސް ދާއިރާއެއްގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވެން އޮތް އެއްކަމެއް ވެސް ނެތް،" ކަންބޮޑުވުން ފާޅުކުރައްވަމުން މަހުފޫޒް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު މަހުފޫޒް ސައީދު: އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ދިފާއުގައި ކުރެވޭނެ މަސައްކަތެއް ނެތް ކަމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ގާނޫނީ ވަކީލު މަހުފޫޒް ސައީދު: އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ދިފާއުގައި ކުރެވޭނެ މަސައްކަތެއް ނެތް ކަމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ހަ މީހުން ހައްޔަރުކޮށްފައި ވަނީ ކުށެއް ކޮށްފާނެ ކަމުގެ ތުހުމަތައް ކަމަށްވާއިރު އެ މީހުންގެ ތަހުގީގު ވެސް މިހާރު ނިމިފައިވާ ކަމަށް މަހުފޫޒް ވިދާޅުވި އެވެ. ސަރުކާރު ވައްޓާލަން މަސައްކަތް ކުރިންތޯ އެ ހަ މީހުންނާ ސުވާލުކޮށް، ބަޔާން ނަގާފައިވާއިރު އެކަމާ ހަ މީހުން ވެސް އިންކާރު ކޮށްފައިވާ ކަމަށް މަހުފޫޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހު ފަސް ވަނަ ދުވަހު އިއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރު ނިމުމުން އެ ހަ މީހުން ދޫކުރާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

ޖަލުގައި ބަންދުކޮށްފައިވާ އެ މީހުންނަށް އަސާސީ ހައްގުތައް ނުލިބޭ ކަން ފާހަގަ ކުރައްވައި މަހުފޫޒް ވިދާޅުވީ އޭގެން އެއްވެސް މީހަކަށް ސާފް ބޯފެން ވެސް ނުލިބޭ ކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒަށް ޖަލުން ދިން ފެން ބޮއިގެން ސިއްހީ ހާލަތު ގޯސްވެ ޑޮކްޓަރަށް ދައްކަން ޖެހިފައިވާ ކަމަށް ވެސް މަހުފޫޒް ވިދާޅުވި އެވެ. ޝިފާޒު ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ހޯދައިދިނީ 36 ގަޑިއިރު ފަހުން ކަމަށް މަހުފޫޒް ވިދާޅުވި އެވެ. އެ ބޭސް ދިންއިރު ބޭސް ބޭނުންކުރަން ޖެހޭ ގޮތެއް ބުނެ ދީފައި ނުވާތީ އެ ބޭސް ބޭނުން ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ އެހެން މެމްބަރުން ހައްޔަރު ކުރިއިރު ފުލުހުން އަނިޔާ ކުރި ކަމަށާއި އެ އަނިޔާތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު ނުދޭ ކަމަށް ވެސް ގާނޫނީ ވަކީލުން ވަނީ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފަ އެވެ.

ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މީހުންނަށް ވެސް އަސާސީ ހައްގުތައް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ހައްޔަރުކޮށްފައިވާ އެމްޑީޕީ ގައުމީ މަޖިލީހުގެ ހަ މެމްބަރުން ވަނީ އެ ހައްގުތަކުން މަހުރޫމް ކޮށްފައިކަމަށް އަހުމަދު ވިދާޅުވި އެވެ.