Roadha Mihaaru
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ

ހިޔާ ފްލެޓްތަކަށް ކުލި ދަައްކާ މީހުން މަދެއް ނޫން: އެޗްޑީސީ

10 އެޕްރީލް 2022

ހިޔާ ފްލެޓްތަކަށް މި މަހުން ފެށިގެން ކުލި ނަގަން ފަށާފައިވާއިރު، ކުލި ދައްކަން ބައެއް މީހުން ދެކޮޅު ހެދިޔަސް ކުލި ދައްކާ މީހުން މަދު ނޫން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކަށް މި މަހުން ފެށިގެން ކުލި ނަގަން ފަށާފައިވާއިރު، ކުލި ދައްކަން ބައެއް މީހުން ދެކޮޅު ހެދިޔަސް ކުލި ދައްކާ މީހުން މަދު ނޫން ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުވެގެން، އެ އަގު ކުޑަކޮށްދޭން ފްލެޓް ލިބުނު މީހުން އެތައް ފަހަރަކު އެދުނެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ސާވިސް ފީގެ ގޮތުގައި ނަގާ 1،000ރ. އާއި މަހު ކުއްޔަށް ނަގަން ނިންމާފައިވާ 7،500ރ. ކުޑަކުރެވެން ނެތް ކަމަށެވެ.

ކުލި ދެއްކުން ހަތް މަހަށް ފަސްކޮށްދީފައިވާ، އެ ފްލެޓްތަކުން ކުލި ނަގަން ފެށީ މި މަހުގަ އެވެ. އެޗްޑީސީން ކަނޑައަޅާފައިވާ ގޮތުން ކޮންމެ މަހެއްގެ 10 ގެ ކުރިން ފްލެޓަށް ފައިސާ ދައްކަން ޖެހެ އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް، "މިހާރު" އަށް މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކަށް ކުލި ދެއްކުން މަދު ނޫން ކަމަށާއި އެއީ އަމިއްލަ ޒިންމާއެއް ކަމަށް ބަލައިގެން އެކަން ކުރަމުން އަންނަ ކަމަށެވެ.

"ހިޔާ ފްލެޓްތަކަށް ކުލި ބަލައިގަންނަން މި ފެށީ އަލަށް ކަމަށް ވާތީ ރެޖިސްޓްރޭޝަންގެ ބައެއް ކަންކަމާ ހެދި ބައެއް ކުދިކުދި މައްސަލަތައް އެބަހުރި. އެކަމަކު ގިނަ މީހުން މިހާރު ކުލި ދައްކަން ފަށައިފި. ދެން ކޮންމެވެސް ވަރެއް އަބަދުވެސް އުޅޭނެ ކުލި ނުދެއްކިފައި. މިއީ ރޯދަމަސް ވީމާ ދަތިވާ ބަަޔަކު ވެސް އުޅޭނެ،" އާތިފް ވިދާޅުވި އެވެ.

"އެއީ ކޮންމެހެން ހިޔާ ފްލެޓް ވެގެނެއް ނޫން."

ގިނަ ބަޔަކު ފްލެޓަށް ކުލި ދައްކަމުން އަންނައިރު ހިޔާ ފްލެޓްތަކުގެ މީހުންގެ ހައްގުގައި މަސައްކަތްކުރާ "ހިޔާ ޔޫނިއަން" އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކަނޑައަޅާފައިވާ ކުލި ނެގޭނެ އެއްވެސް ޖާގައެއް އެޗްޑީސީ އަށް ނެތް ކަމަށެވެ. ޔޫނިއަނުން ބުނީ މެއިޓަނެންސް ފީ ހިމެނޭ ގޮތަށް ކުލި ނަގަން އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށެވެ. މެއިންޓަނެންސް ފީ ނެގޭނީ ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށް ކަމަށާއި އެކަން ހަ މަސް ދުވަހުގެ ތެރޭގައި ނިންމަންވާނެ ކަމަށް އެއްބަސްވުމުގައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"އެ ސަބަބާއި އެތަނުގައި ހުރި މައްސަލަތަކާއި ވަކިވަކި ފަރުދުންގެ ހާލަތާއި ރޯދަމަސް ކުރިމަތިވި ދަނޑިވަޅަށް ރިއާޔަތްކޮށް، ފްލެޓުން ކުލި ނެގުން އަދި އަވަސް ކަމަށް ދެކެމެވެ. އެހެންކަމުން ކުއްޔާއި މެއިންޓެއިނަންސް ފީ ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް އެޗްޑީސީއަށް އަންގަމެވެ،" ހިޔާ ޔޫނިއަނުން ނެރުނު ބަޔާނުގައިވެ އެވެ.

ހިޔާ ސަރަހައްދުގައި އުޅޭ މީހުން ހަވީރު ފިންޏަށް ހިނގާލަން ނިކުމެ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ސަރަހައްދުގައި އުޅޭ މީހުން ހަވީރު ފިންޏަށް ހިނގާލަން ނިކުމެ- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ޔޫނިއަނުން އަދިވެސް މަސައްކަތްކުރަމުން ދަނީ އެ ފްލެޓްތަކުގެ ކުލި ކުޑަކުރަން ކަމަށް ބުނެ އެދިފައި ވަނީ ފްލެޓް ލިބުނު މީހުން ވެސް ކުލި ނުދައްކާ މަޑުކޮށްލުމަށެވެ.

ފްލެޓް ކުލި ކުޑަކޮށްދޭން އެދި ފްލެޓް ލިބުނު މީހުން ކުރިން މުޒާހަރާ ކުރުމުން ސަރުކާރުން އޭރު ވަނީ ތިން ފަހަރެއްގެ މަތިން ފްލެޓް ކުލި ފަސްކޮށްދީފަ އެވެ. އެ ތަންތަނުގެ ކުލި ކުޑަކޮށްދޭން ކުރިން ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. ފްލެޓް ލިބުނު މީހުން އެދެމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓަށް ކަނޑައެޅިި ކަމަށް ބުނާ 5،600ރ. ކުއްޔަށް ނެގުމަށެވެ. އެކަމަކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުލި ކުޑަކުރެވެން ނެތީ، ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެން ކަމަށް ވާތީ އެވެ. ސަރުކާރުން އޭރު ލޯނު ނަގާފައިވަނީ އަށް ޕަސެންޓް އިންޓަރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އެހެންވެ، އެ އަގަށް ކުލި ނަގައިގެން ނޫން ގޮތަކަށް ލޯނު އަނބުރާ ނުދެއްކޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.