Roadha Mihaaru
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި

ހުޅުމާލެ އިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރު ފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި

13 ޑިސެމްބަރ 2023

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން މި ސަރުކާރުން މަޝްވަރާކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އާބަންކޯ އިން މިރޭ ދޮގުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން މި ސަރުކާރުން މަޝްވަރާކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް އާބަންކޯ އިން މިރޭ ދޮގުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރި ފަޒުލް ރަޝީދު އެ ވާހަކަތައް ދޮގުކުރެއްވީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން ޕްލޭން ކުރަމުންދާ ކަމަށް ބުނެ ފެތުރި ޚަބަރާ ގުޅިގެންނެވެ.

ފަޒުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލެ އިން ގޯތި ލިބުނު މީހުންގެ ބިންތައް ފުށިދިއްގަރަށް ބަދަލު ކުރި ކަމަށް ބުނެ ދެއްކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ފަޒުލް އެހެން ވިދާޅުވިއިރު، ފުށިދިއްގަރު ފަޅު ހިއްކުމަށް ބަޔަކާ ހަވާލުކުރި ކަމަށް ވެސް މިއަދު ވަނީ އަޑު ފެތުރިފަ އެވެ. އެކަން ސަރުކާރުން ދޮގެއް ނުކުރެ އެވެ.

"މިހާރު" އިން މިއަދު ސުވާލު ކުރުމުން ފަޒުލް ވިދާޅުވީ، ފުށިދިއްގަރު ފަޅު ހިއްކުމާ ގުޅޭ ގޮތުން އެ ކުންފުނިން އެކި ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ އަށް ވުރެ އިތުރަށް އެ ވާހަކަ މި ވަގުތު ދެއްކެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅުގައި 65،000 ހައުސިން ޔުނިޓް އިމާރާތްކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި މި ސަރުކާރުން ހިމެނި ނަމަވެސް ބަޖެޓު ކޮމިޓީގެ މަރުހަލާގައި އެ ޕްރޮޖެކްޓަށް ބަޖެޓުގައި ކަނޑައެޅި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެމްބަރުންގެ ބާރުން ވަނީ އުނިކޮށްފަ އެވެ.

ބަޖެޓު ކޮމިޓީގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީގަ އެވެ. އެ ޕްރޮޖެކްޓަށްވި ފައިސާ އުނިކުރުމަށް ފަހު ވަނީ އެހެން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކަނޑައެޅީ އެވެ.

ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގެ ކެމްޕެއިންގައި ވަނީ އިއުލާނު ކޮށްފަ އެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކަން ފަށަން އޮތީ ތާވަލު ކޮށްފަ އެވެ.