Roadha Mihaaru
"މުޒާހަރާ ހުއްޓުވުމުގެ އެންގުން ގާނޫނާ ޚިލާފު"

ފުލުހުންގެ އެންގުން ގާނޫނާ ޚިލާފު، އަމަލުކުރާކަށް ނުޖެހޭ: އިދިކޮޅު

25 ފެބުރުއަރީ 2018

ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ އެއްވުން ބޭއްވުމަކީ މިރެއިން ފެށިގެން މަނާކަމެއް ކަމަށް ފުލުހުން އެންގީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި އެ އެންގުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ އެއްވުން ބޭއްވުމަކީ މިރެއިން ފެށިގެން މަނާކަމެއް ކަމަށް ފުލުހުން އެންގީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި އެ އެންގުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ރޭގަނޑު 10:30 ގެ ފަހުން މަގުމަތީގަ އާއި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް މީހުން އެއްވެ ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމަށެވެ. މި އިންޒާރު ދީފައި އޮއްވައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އިހުތިޖާޖަށް ނުކުމެފަ އެވެ.

ފުލުހުންގެ އެންގުން ކުށްވެރިކޮށް އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ސަލާމަތީ ޚިދުމަތްތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ 246 މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަކު ސަލާމަތީ ޚިދުމަތްތަކުން އަމަލުކުރަމުން ދަނީ އެ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނިގޮތުގައި އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅަމުންދާއިރު، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އެއްވުންތައް ބާއްވަނީ ސަލާމަތީ ޚިދުމަތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ރައްކާތެރިކަމުގެ ދަށުންނެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން ގާނޫނުއަސާސީގެ 31 އަދި 32 ވަނަ މާއްދާތަކަކީ އަމަލުކުރުން ހިފެހެއްޓިފައިވާ ދެ ހައްގުކަމަށް ކަނޑައަޅާފައިވީ ނަމަވެސް މިއަދު ކުއްލި ގޮތަކަށް، ހަމައެކަނި ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ ހަރަކާތް ހިންގުން މަނާކުރުން އިއުލާނުކުރުމުން ހާމަވަނީ ރައީސް ޔާމީން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަކަމާ މެދު ފުލުހުން ވެސް ސުވާލު އުފައްދާ ކަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

ގާނޫނާ ޚިލާފު އެފަދަ އެންގުންތަކަކީ، ތަބާވާން ނުޖެހޭ އެންގުންތަކެއް ކަމަށާއި ފެބުރުއަރީ 1ގެ ހުކުމް ތަންފީޒުކުރަން ގޮވާލާ ސިލްސިލާ އެއްވުން ކުރިއަށްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.