Roadha Mihaaru
އެންއައިސީގެ މެމްބަރުކަމަށް ސުލައިމާން ކުރިމަތިލައްވައިފި

އެންއައިސީގެ މެމްބަރުކަމަށް އީސީގެ ކުރީގެ ރައީސް ސުލައިމާން ކުރިމަތިލައްވައިފި

26 ފެބުރުއަރީ 2018

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް، ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް، ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވެވި ސިޓީފުޅުގައި ވަނީ، އެންއައިސީ އަށް ސުލައިމާން އައްޔަން ކުރުމާ މެދު މެމްބަރުންގެ މަޝްވަރާއަކަށް އެދިވަޑައިގެންފަ އެވެ. އަދި ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް އެދި ހަތް މީހަކު ވަނީ ކުރިމަތިލައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން މަޖިލީހަށް ފޮނުއްވެވީ ސުލައިމާންގެ ނަން އެކަންޏެވެ.

ސުލައިމާން އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ގަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އޭނާ މިހާތަނަށް މީޑިއާގައި ހާމަ ކުރައްވައިފައެއް ނުވެ އެވެ.

އެކަމަކު، ސުލައިމާން އިސްތިއުފާ ދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައިގައި އެ ކޮމިޝަނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ނަމަވެސް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މަގާމުން ވަކި ކުރެއްވުމުންނެވެ.

ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެންއައިސީގެ ރައީސްކަމުން މާނިއު ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް، އެ ކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައި ވަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ރައީސް ޔާމީން ފޮނުއްވި މ. ފޭމަންސް އިބްރާހިމް އުވައިސްގެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.