Roadha Mihaaru
ޝައްކު އުފެއްދިޔަސް ޒިންމާ އަދާކުރަން: ސުލައިމާން

ޝައްކު އުފެއްދިޔަސް ޒިންމާ އަދާކުރަން: ސުލައިމާން

07 ޖޫން 2020

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާ މައްސަލަތައް ނުނިންމާ ކަމަށް ތުހުމަތުކޮށް އަޑުތައް އަރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ޒިންމާ އަދާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާ މައްސަލަތައް ނުނިންމާ ކަމަށް ތުހުމަތުކޮށް އަޑުތައް އަރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ޒިންމާ އަދާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ސުލައިމާން ވަނީ، އެންއައިސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ، މައްސަލަތައް ތަހުގީގުކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ނުފޮނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފުތާގައި ފާހަގަކޮށްފައިވާ މައްސަލައަށް ރައްދު ދެއްވައިފަ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކޮމިޝަނުން މިހާތަނަށް ތަހުގީގުކޮށް ޕީޖީ އަށް ފޮނުވާފައިވަނީ މަދު މައްސަލަތަކެއް ކަމަށެވެ. އަދި އެއީ ގިނަ މައްސަލަތަކެއް ބަލަން ގާނޫނީ ގޮތުން ހަވާލުވެފައި އޮންނަ މުއައްސަސާއެއް ނަމަވެސް ދައުރު އަދާ ނުކުރާތީ ކޮމިޝަންގެ މެމްބަރުންނަށް އިތުބާރު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އެކަމަށް ރައްދު ދެއްވައި ސުލައިމާން ވިދާޅުވީ ގިނަ މައްސަލަތަކެއް ޕީޖީ އަށް ހުށަހެޅި ނަމަވެސް ދައުވާކުރާނީ އެތަނުން ބޭނުންވާ އަދި ދައުވާ ކުރެވޭ ވަރުގެ މައްސަލަތަކުގައި ކަމަށެވެ. އަދި ހުށަހަޅާ ކޮންމެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށާއި މަސައްކަތް ނުކުރެވޭ ކަމަށް އަޑުއަރަނީ އެހެންވެގެން ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ ހުށަހަޅާ ޖިނާއީ މައްސަލަތައް ވެސް. އެ ފަދަ މައްސަލަތައް އަޅުގަނޑުމެންނަށް ތަހުގީގު ކުރެވޭނީ ފުލުހުންނަށް ހުށަހަޅައިގެން. މި މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވޭނީ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރުމަށް ފަހުގައި. އެކަށީގެންވާ ވަރަށް ހެކި ނެތް ނަމަ ނުފޮނުވޭނެ" ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި އަދި ފަހުން އެންއައިސީގެ ރައީސް ކަމަށް އައްޔަން ކުރެއްވި ސުލައިމާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަން. އެކަމަކު ގާނޫނާއި ގަވައިދުގެ ތެރެއިން ކަންކަން ކުރުމުގައި ގިނަ ކަންތައްތަކަކަށް އެބަ ބަލަންޖެހޭ."

އޭނާ ވިދާޅުވީ 2008 ވަނަ އަހަރު، ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ނަމުގައި އުފެއްދި އެ މުއައްސަސާއާ އޭނާ ހަވާލުވެ ވަޑައިގެންނެވި އިރު ގިނަ މައްސަލަތަކެއް ނުބެލި ހުރި ކަމަށެވެ. އެކަމަކު އޭނާ ހަވާލުވެ ވަޑައިގެން، ބެލޭ މައްސަލަތަކުގެ އަދަދު އައީ އަހަރުން އަހަރަށް އިތުރުކުރަމުން ކަމަށާއި އެގޮތުން މިދިޔަ އަހަރު، ކޮމިޝަނަށް ހުށަހެޅި މައްސަލަތަކަށް ވުރެ، ނިންމި މައްސަލަތަކުގެ އަދަދު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ސުލައިމާން ވިދާޅުވި ގޮތުގައި އެންއައިސީ އަށް ހުށަހަޅާ އަހުލާގީ މައްސަލަތައް ނިންމައި، އެކަން އިސްލާހު ކުރުމަށް އިދާރާތަކަށް ފޮނުވުމުން އެކަމަށް އަމަލު ކުރިކަމުގެ ލިޔުން އެ ކޮމިޝަނަށް ފޮނުވަ އެވެ. އެކަމަކު ގިނަ ފަހަރަށް އަޑުތައް އަރަނީ ޕީޖީއަށް ފޮނުވައިގެން ދައުވާ ކުރަން ޖެހޭ މައްސަލަތަކުގައި ކަމަށާއި އެކަމަކު އެކަމުގައި ސަބަބުތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

އެންއައިސީގެ ދައުރާ ގުޅޭގޮތުން ސުވާލު އުފައްދައި މަސައްކަތް ނުކުރެވޭކަމުގެ ތުހުމަތު މަޖިލީހުން ފެންމަތި ކުރުމުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ގާނޫނުގައިވާ ގޮތަށް ފުރިހަމަ ތަނެއްގެ ގޮތުގައި އެތަން ހިންގުން ލާޒިމް ކަމަށް ވިދާޅުވެފަ އެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި ޖަލުތަކުގައި ވެސް ނުހަމަ ގޮތެއްގައި ކަންކަން ނުހިންގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރާކަމެއް ކަމަށެވެ. އެކަމަކު ވަކިވަކި އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް ގާނޫނުގައި ބުނާ މިނިވަން މުސްތަގިއްލު ގޮތުގައި، އެންއައިސީ ފުރިހަމަ ގޮތުގައި ހިންގުން ލާޒިމް ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ބެލުމުގައި ހުރި ގޮންޖެހުންތަކުގެ ގޮތުގައި އެންއައިސީން ފާހަގަކޮށްފައިވަނީ މައްސަލަ ހުށަހަޅާ ފަރާތުން އެކަށީގެންވާ މައުލޫމާތު ހިއްސާ ނުކުރުމާއި އެކަމުގައި ހިމެނޭ މީހުން ހޯދުން އުނދަގޫވުމެވެ. އަދި ގިނަ ދަތުރުތަކެއް ކުރަން ޖެހޭއިރު އެކަމަށް ބޭނުންވާ ހަރަދާއި ވަސީލަތްތައް ނެތް ކަމަށް ބުނެފައި ވެ އެވެ.