Roadha Mihaaru
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟

02 އޯގަސްޓް 2018

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު ހިސާބަކުން ފުލުހުން ވަނީ އެ ބޭފުޅުން ހިފަހައްޓައި މަޖިލީހަށް ވަނަނުދީ ފޮނުވާލައިފަ އެވެ. މަޖިލީހުން ނުވަތަ ސަރުކާރުން އަންގައިގެން ފުލުހުން އެ ގޮތަށް އަމަލުކުރި ކަމުގައި ވިޔަސް، އެ ބޭފުޅުންނަކީ މަޖިލީހުގެ މެންބަރުން ނޫން ކަމަކަށް ސުޕްރީމް ކޯޓުން މިހާތަނަށް ކަނޑައެއް ނާޅަ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އަނެއްކާވެސް އެއްކަލަ 12 މެންބަރުންގެ ވާހަކަ އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް އޭގެ ތެރެއިން 10 މެންބަރަކު ވަޑައިގަތުމުން، މަޖިލީހާ މާ ދުރު ހިސާބަކުން ފުލުހުން ވަނީ އެ ބޭފުޅުން ހިފަހައްޓައި މަޖިލީހަށް ވަނަނުދީ ފޮނުވާލައިފަ އެވެ. މަޖިލީހުން ނުވަތަ ސަރުކާރުން އަންގައިގެން ފުލުހުން އެ ގޮތަށް އަމަލުކުރި ކަމުގައި ވިޔަސް، އެ ބޭފުޅުންނަކީ މަޖިލީހުގެ މެންބަރުން ނޫން ކަމަކަށް ސުޕްރީމް ކޯޓުން މިހާތަނަށް ކަނޑައެއް ނާޅަ އެވެ.

މަޖިލީހުގެ މެމްބަރެއްގެ މެމްބަރުކަމާ މެދު ޚިޔާލު ތަފާތުވުމެއް އުފެދިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުން ވަކިވެއްޖެކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ސުޕްރީމް ކޯޓަށް އެކަންޏެވެ. އެއީ ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކަށް ނުވަތަ ދައުލަތުގެ އެހެން މަގާމެއްގައި ހުރި މީހަކަށް ވެސް ކަނޑައެޅޭނެ ކަމެއް ނޫނެވެ.

އެ މެންބަރުންގެ މައްސަލަ އުފަންވުމުގެ އަސްލަކީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، މަޖިލީހުގެ 45 މެމްބަރަކު -މަޖިލީހުގެ ސާފު އަޣުލަބިއްޔަތަށް ވުރެ ގިނަ- ސޮއިކުރައްވައި ޖުލައި 3، 2017 ގައި މަޖިލީހަށް ހުށަހެޅި މައްސަލަ އެވެ. އެ 45 މެންބަރުންގެ ތެރެއިން، މަޖިލީހުން ވަކިވެއްޖެ ކަމާ މެދު ޚިލާފު އުފެދިގެން މި އުޅެނީ، ވެރިކަންކުރާ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ސޮއި އަނބުރާ ނުގެންދެވި 12 މެންބަރުންނެވެ.

އެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފިއްޔާ މަސީހު އެ މަގާމުން ވަކިވާނެ ކަން ސަރުކާރަށް ކަށަވަރުވާތީ، މަސީހު ސަލާމަތް ކުރުމަށް ސަރުކާރުން ޖެހި މަޅިއަކީ، އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމުގެ ކުރިން، އެ މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުން މަޖިލީހުން ވަކިކުރުމެވެ. އޭރުން، އެފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށް ބަލައި، އެ މައްސަލަ އެޖެންޑާ ނުކޮށް ބޭރު ކޮށްލުމެވެ.

އެހެންކަމުން، ސުޕްރީމް ކޯޓު މެދުވެރިކޮށް އެކަން ނިންމުމަށް ދައުލަތުގެ ބަންޑާރަ ނައިބު އަވަސްވެވަޑައިގަތެވެ. ބަންޑާރަ ނައިބުގެ އެދިވަޑައިގަތުމަކަށް ޖުލައި 13، 2017ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނީ، ޖުލައި 13، 2017ގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން އެއްވެސް ގޮތަކުން ވަކިވެގެން އެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމާ އެކު، އެ މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވީ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް ކަނޑައެޅި އިރު، މައްސަލަ ޖެހިގެން މި އުޅޭ 12 މެންބަރުން ތިބީ ޕީޕީއެމުން ވަކިވެފަ އެވެ. އޭގެ ތެރެއިން ތިން މެމްބަރަކު ވަކިވީ ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ވަކިކުރުމުންނެވެ. އަނެއް ނުވަ މެންބަރުން ވަކިވީ އަމިއްލަ އަށް އެދިގެންނެވެ.

ޖުލައި 13، 2017ގެ ކުރިން ޕީޕީއެމުން ވަކިވެފައިވާ 12 މެމްބަރުން.  - ފޮޓޯ: މިހާރު

ޖުލައި 13، 2017ގެ ކުރިން ޕީޕީއެމުން ވަކިވެފައިވާ 12 މެމްބަރުން. - ފޮޓޯ: މިހާރު

ޖުލައި 13، 2017ގެ ކުރިން އަމިއްލަ އަށް ޕީޕީއެމް ދޫކޮށްލި ނުވަ މެމްބަރުންނަކީ، ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

ޖުލައި 13، 2017ގެ ކުރިން ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރި ތިން މެންބަރުންނަކީ، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

ސުޕްރީމް ކޯޓުން ޖުލައި 13ގައި ކުރި ހުކުމާ ގުޅިގެން ޕީޕީއެމުން އަވަހަށް ދުއްވައިގަތީ އިލެކްޝަންސް ކޮމިޝަނަށެވެ. އެ 12 މެންބަރުންނަކީ އަމިއްލަ އަށް ސިޓީއަކުން ހުށަހަޅައިގެންނާއި ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައިގެން، ޖުލައި 13ގެ ކުރިން ޕާޓީން ވަކިވެފައި ތިބި މެންބަރުން ކަމަށް ވިޔަސް، ޕީޕީއެމުން އިލެކްޝަނަށް އެންގީ ޖުލައި 13ގެ ފަހުން އެ 12 މެމްބަރުން އެ ޕާޓީން ވަކިވެފައިވާ ކަމަށެވެ.

ހަގީގަތް އެނގި ތިބެމެ، ޕީޕީއެމާއި ސަރުކާރުގެ މަގްސަދު ހާސިލު ކޮށްދިނުމަށްޓަކައި، ސުޕްރީމް ކޯޓުގެ ހުކުމާ ހަވާލާދީ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގީ އެ 12 މެންބަރުން ޖުލައި 13ގެ ފަހުން ޕީޕީއެމުން ވަކިވެފައިވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުން ޕާޓީން ވަކިކުރި ކަމުގެ ލިޔުންތަކާއި، ވަކިވި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ޚަބަރުތައް ވެސް ދިމާއަށް ފެންނަން އެހުރީ އެވެ.

ހަމައެކަނި ވައްޑެގެ މައްސަލަ ބަލައިލަމާ ހެއްޔެވެ. އޭނާގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލައި އޭނާގެ މައްޗަށް ހަތް ކަމެއް ސާބިތުވެ ޕާޓީން ވަކިކުރަން ނިންމީ، މާޗް 25، 2017ގަ އެވެ. ސުލޫކީ ކޮމިޓީގެ އެ ނިންމުމަށް ބިނާކޮށް ވަހީދު، ޕީޕީއެމުން ވަކިކޮށް، އެ ޕާޓީން އޭނާ އަށް އެ ކަން ލިޔުމުން އަންގާފައި އޮތީ މާޗް 28، 2017ގަ އެވެ.

12 މެންބަރުންގެ ތެރެއިން ބައެއް މެމްބަރުން އިއްޔެ މަޖިލީހަށް ވަޑައިގަތުމުން ފުލުހުން ހުރަސް އަޅާތީ، އެ ބޭފުޅުންނަކީ މެންބަރުންކަން އެނގޭ މަޖިލީހުގެ ކާޑު ފުލުހުންނަށް ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

12 މެންބަރުންގެ ތެރެއިން ބައެއް މެމްބަރުން އިއްޔެ މަޖިލީހަށް ވަޑައިގަތުމުން ފުލުހުން ހުރަސް އަޅާތީ، އެ ބޭފުޅުންނަކީ މެންބަރުންކަން އެނގޭ މަޖިލީހުގެ ކާޑު ފުލުހުންނަށް ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ވައްޑެ ޕާޓީން ވަކިކޮށްފައިވަނީ، މާޗް 28، 2017ގައި ކަމަށްވެފައި، އެ ދުވަހުން ފެށިގެން 15 ދުވަސް ފާއިތުވި އިރު ވެސް، އޭނާ އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނުވާތީ، ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން، ވައްޑެ ވަކިކުރި ތާރީޚުން ފެށިގެން 15 ދުވަސް ހަމަވުމުން އޭނާއަކީ އެ ޕާޓީގެ މެމްބަރެއް ނޫނެވެ.

ނަމަވެސް ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން އަންގާފައި އޮތީ، ވައްޑެ ޕާޓީން ވަކިކުރީ ޖުލައި 13، 2017ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހުގައި ކަމަށެވެ. އަދި އަނެއް 11 މެމްބަރުންނާ މެދު ވެސް ޕީޕީއެމުން އަމަލު ކުރީ އެ ގޮތަށެވެ.

ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުން ވަކިކުރުމާއި، ޕާޓީތަކުގެ މެމްބަރުން ޕާޓީތަކުން ވަކިކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައެއް ނެތެވެ. އަދި ޕާޓީ ބަދަލުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެންމެ ފަހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ވެސް އިލެކްޝަންސް ކޮމިޝަނަށް އެ ބާރު ދީފައެއް ނެތެވެ.

އިލެކްޝަނަށް ދީފައި އޮތީ، އިދާރީ އިޖުރާއާތުތަކެއް ފުރިހަމަ ކުރުމުގެ ބާރެވެ. އެއީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި މަޖިލީހުގެ މެންބަރަކު، އޭނާ މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017ގެ ފަހުން ވަކިވެއްޖެ ނަމަ، އެކަން ރައްޔިތުންގެ މަޖިލީހަށް އެންގުމުގެ އިދާރީ މަސައްކަތެވެ.

ޕާޓީން ވަކިކުރުމާ ބެހޭ ގޮތުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ރ)ގައި ބުނެފައި އޮތީ، ޕާޓީއެއްގެ މެމްބަރަކު ގަސްދުގައި އެ ޕާޓީގެ އަސާސީ ގަވާއިދާ ނުވަތަ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެ އެކަމުގެ ސަބަބުން ޕާޓީގެ މަސްލަހަތަށް ގެއްލުމެއް ލިބިފައިވާ ނަމަ މެމްބަރަކު ޕާޓީން ވަކިކުރެވިދާނެ ކަމަށެވެ.

މެންބަރަކު އަމިއްލަ އަށް ބޭނުންވެގެން ޕާޓީން ވަކިވުމާ ބެހޭ ގޮތުން އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބުނަނީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީގެ މެމްބަރުކަމުން ވަކިވެވިދާނެ ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ)ގެ (3) ގައި ބުނެފައި އޮތީ މެމްބަރަކާ މެދު ސުލޫކީ ފިޔަވަޅު އަޅައި ވަކިކުރެވިދާނެ ކަމަށެވެ. އަދި އެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބުނަނީ، ޕާޓީގެ މެމްބަރަކު ވަކިވާން އެދިއްޖެ ނަމަ، އެމީހަކު ޕާޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. އެހެންވީމާ، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ޕާޓީން ވަކިވުމުގައި އިލެކްޝަންސް ކޮމިޝަންގެ އެއްވެސް ދައުރެއް ނެތެވެ.

12 މެންބަރުންގެ ތެރެއިން ބައެއް މެމްބަރުން އިއްޔެ މަޖިލީހަށް ވަޑައިގަތުމުން ފުލުހުން ހުރަސް އަޅާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

12 މެންބަރުންގެ ތެރެއިން ބައެއް މެމްބަރުން އިއްޔެ މަޖިލީހަށް ވަޑައިގަތުމުން ފުލުހުން ހުރަސް އަޅާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މައްސަލަ ޖެހިގެން އުޅޭ 12 މެމްބަރުންގެ ތެރެއިން، އަމިއްލަ އަށް އެދިގެން ޕާޓީން ވަކިވި ނުވަ މެމްބަރުން ވެސް ވަނީ، ޖުލައި 13، 2017ގެ ކުރިން އެ ޕާޓީން ވަކިވި ކަން އަންގައި އެ ޕާޓީ އަށް ލިޔުމުން ހުށަހަޅައިފަ އެވެ. ވީއިރު، އެ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުން ކަމުގައި ބަލައިގެން އެ މެމްބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ އެއްވެސް ހައްގެއް އެ ޕާޓީއަށް ވެސް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ވެސް ނޯންނާނެ އެވެ.

އެ ނުވަ މެމްބަރުން ޕާޓީން ވަކިވެ އެކަން އެ ޕާޓީ އަށް އެންގުމަށް ފަހުގައި، ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ މެމްބަރުންގެ ނަން އޮތުމަކީ އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަމެއް ފުރިހަ ނުކޮށް އޮތުމެވެ. ނުވަތަ މަޖިލީހުގެ ދަފްތަރުގައި ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި އެ ނުވަ މެމްބަރުންގެ ނަން އޮތުމަކީ މަޖިލީހުގެ އިދާރީ އިހުމާލެކެވެ.

ޖުލައި 13، 2017ގެ ހުކުމް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ޖުލައި 16، 2017 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި އޮންނަނީ، ޖުލައި 13ގެ "ހުކުމަށް ފަހު، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީގެ ގާނޫނާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއާތު އަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާކަން އެ ގަޒިއްޔާ އިން ކަނޑައެޅިގެން އެނގެން އޮންނަ" ކަމަށެވެ.

މި ހުރިހާ ހަމައަކުން ބެލުމުން ސާފުކޮށް އެނގެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމުގެ ސަބަބުން މަޖިލީހުން ވަކިކުރަން ސަރުކާރާއި ޕީޕީއެމުން ބޭނުންވާ 12 މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން ވަކިނުވާ ކަމެވެ. އަދި އެ 12 މެންބަރުންނަށް އަމާޒުކޮށް ހެދި އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ވަކިކުރަން ބެލިޔަސް އެކަން ނުކުރެވޭނެ ކަމެވެ.

ސަބަބަކީ އެ ހުރިހާ މެމްބަރުންނަކީ ވެސް އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާ ޖުލައި 13، 2017ގެ ކުރިން، ޕާޓީން ވަކިވެފައިވާ މެންބަރުން ކަމުގައިވާތީ އެވެ.

މިހެން މިކަން އޮތް އިރު ވެސް، އެ 12 މެންބަރުން މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، އެ މެމްބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެސް، އެއީ މަޖިލީހުގެ މެމްބަރުން ނޫން ކަމަކަށް ނުނިންމަ އެވެ. އޮގަސްޓް 27، 2017 ގައި ސުޕްރީމް ކޯޓުން އާންމު ކުރި ނިންމުމުގައި ބުނެފައިވަނީ އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން އޭގެ ކުރިން ނިންމުންތަކެއް ނިންމާފައިވާ ކަމަށާއި، މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

12 މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެންބަރުން މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް ވަޑައިގަތުމުން ފުލުހުން އެ މެންބަރުންނަށް ހުރަސް އަޅަނީ.

12 މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެންބަރުން މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް ވަޑައިގަތުމުން ފުލުހުން އެ މެންބަރުންނަށް ހުރަސް އަޅަނީ.

އެހެންކަމުން، އެ މެންބަރުންނަކީ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ބަލާނެ ގާނޫނީ އެއްވެސް ހަމައެއް މިހާތަނަށް ވުޖޫދަކު ނެތެވެ. ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ މެންބަރެއްގެ މެންބަރުކަމާ މެދު ދެބަސްވުމެއް އުފެދިއްޖެ ނަމަ އެކަމުގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ޚިޔާލު ތަފާތުވުމެއް ނުވަތަ ދެބަސްވުމެއް އުފެދޭ ހާލަތުގައި އަމަލު ކުރާނެ ގޮތް އިސްލާމީ ޝަރީއާގައި ވެސް އެ އޮތީ ކަނޑައެޅިފަ އެވެ. އިސްލާމީ ފިޤްހީ ގަވާއިދެއްގައި އޮންނަނީ "ޝައްކަކުން ޔަޤީންކަމެއް ފިލުވައި ނުލެވޭނެ" ކަމަށެވެ. މި ގަވާއިދުގައި އެ ބުނަނީ، ކަމަކާ މެދު ޝައްކެއް އުފެދުނު ކަމުގައި ވިޔަސް، އެ ޝައްކު އުފެދުމުގެ ކުރިން އެކަމަކާ މެދު ޔަގީންކަމެއް ވުޖޫދުވެފައި އޮތް ނަމަ، ޝައްކަށް އެނބުރި ދިއުމުގެ ބަދަލުގައި ރުޖޫއަވާން ޖެހޭނީ ވުޖޫދުވެފައި އޮތް ޔަގީން ކަމަށެވެ.

ބާރަ މެންބަރުންގެ މައްސަލައިގައި ޔަޤީންވާ ކަމަކީ، އެ މެންބަރުންނަކީ 2014 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިބި ބައެއް ކަމެވެ. މި މައްސަލައިގައި ޝައްކު އުފެދިފައިވަނީ، އެ މެންބަރުން މަޖިލީހުން ވަކިވެފައިވާ ކަމާ މެދުގަ އެވެ. އެ ޝައްކު އުފެއްދީ، އެ މެމްބަރުން ޖުލައި 13، 2017ގެ ކުރިން، ޕާޓީން ވަކިވެފައި ވަނިކޮށް، އެ މެމްބަރުން ޕާޓީން ވަކިވީ އެ ތާރީޚުގެ ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ.

އެ 12 މެންބަރުންގެ މައްސަލައިގައި އުފެދިފައި މިވާ ޝައްކާ މެދު މިހާތަނަށް ޝަރުއީ އެއްވެސް ކޯޓަކުން ގޮތެއް ނުނިންމަ އެވެ. އެހެންވީމާ، އިސްލާމީ ޝަރުއީ ހަމަތަކުން ބަލާއިރު، ޝައްކެއް އުފެދުނު ކަމުގައި ވިޔަސް، އެ ޝައްކު، ޔަގީންކަމަކަށް ބަދަލު ނުވާހާ ހިނދަކު، ދެމިއޮންނާނީ ކުރިން ވުޖޫދުވެފައި އޮތް ޔަގީންކަމެވެ. އެ 12 މެންބަރުންގެ މައްސަލައިގައި ވުޖޫދުގައި އޮތް ޔަގީން ކަމަކީ، އެއީ މަޖިލީހުގެ މެންބަރުން ކަމެވެ.

އެ މައްސަލައިގައި ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ލިބިއްޖެ އެވެ. އެ 12 މެންބަރުންނަކީ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ވާ ނަމަ، އެ ކޯޓުން ވެސް މިހާރު އޮންނާނީ އެކަން ކަނޑައަޅައި ނިންމައިފަ އެވެ.