Roadha Mihaaru
ސީރިއާގެ ހަމަލާތައް ހުއްޓާލުމުގެ ގަރާރަށް އަމަލުކުރަން ޖެހޭ: އދ

ސީރިއާގެ ހަމަލާތައް ހުއްޓާލުމުގެ ގަރާރަށް ވަގުތުން އަމަލުކުރަން ޖެހޭ: އދ

26 ފެބުރުއަރީ 2018

ޖެނީވާ (ފެބްރުއަރީ 26) - ސީރިއާގެ ހަނގުރާމަ 30 ދުވަހަށް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ވަގުތުން އަމަލު ކުރަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޓް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (ފެބްރުއަރީ 26) - ސީރިއާގެ ހަނގުރާމަ 30 ދުވަހަށް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ވަގުތުން އަމަލު ކުރަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޓް ވިދާޅުވެއްޖެ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގުޓަރޭޒް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ގަރާރުގެ އަގެއް ހުރި ކަމަށްވާނީ އެއަށް އަމަލު ކުރާ ނަމަ ކަމަށެވެ.

"އެހެންވެ ސަލާމަތީ މަޖިލީހުގެ ގަރާރަށް އަމަލު ކުރަން ޖެހެނީ،" ގުޓަރޭޒް ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަމުން އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވަނީ ސީރިއާ އާއި ހަނގުރާމަ ހިނގާ އެހެން ސަރަހައްދުތައް "އިންސާނުން ކަތިލާ ތަންތަނުގެ" ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭޒް އާއި ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު. --ފޮޓޯ:އޭއެފްޕީ

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭޒް އާއި ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު. --ފޮޓޯ:އޭއެފްޕީ

ސަލާމަތީ މަޖިލީހުގެ ގަރާރަށް ފަހު ވެސް ސީރިއާގެ އިރުމަތީ ޣޫތާ އަށް ވަނީ ވައިގެ ހަމަލާތައް ދީފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ވައިގެ ހަމަލާތަކުގައި އެއް އާއިލާއަކުން ނުވަ މެންބަރުން މަރުވެފައިވާ ކަމަށެވެ. މި މަހު 18 ވަނަ ދުވަހުގެ ފަހުން އިރުމަތީ ޣޫތާ އިން ވަނީ އާއްމުންގެ 500 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ސީރިއާއާ ގުޅޭ ގޮތުން މީގެ ކުރިން ފާސްކުރަން އުޅުނު ގަރާރުތައް ސަލާމަތީ މަޖިލީހުގެ ދާއިމީ ބައެއް މެންބަރުން ވީޓޯ ކުރަމުންދާތީ ޒައިދު ވަނީ ފާޑު ވިދާޅުވެފަ އެވެ. ރަހުމުގެ ނަޒަރަކުން ވިސްނާ ޗައިނާ، ރަޝިޔާ އަދި އެމެރިކާ އިން ވީޓޯގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.