Roadha Mihaaru
ތެޔޮ ބޯޓާއި ރާއްޖެއާ ގުޅުން އެބަ ހުރި: ސައުދު

ތެޔޮ ބޯޓާއި ރާއްޖެއާ ގުޅުން އެބަ ހުރި: ސައުދު

01 މާޗް 2018

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ ރާއްޖެއާ ގުޅުން ނެތް ބޯޓެއް ކަމަށް ދިވެހި ސަރުކާރުން ބުނާ ބުނުން ބަލައި ނުގަންނަ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ ރާއްޖެއާ ގުޅުން ނެތް ބޯޓެއް ކަމަށް ދިވެހި ސަރުކާރުން ބުނާ ބުނުން ބަލައި ނުގަންނަ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ އެ ބޯޓުގެ މައްސަލައާ ގުޅިގެން ރާއްޖޭގެ އަގު ބައިނަލްއަގުވާމީ ދުނިޔޭގައި ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެއީ ރާއްޖެއާ ގުޅުމެއް ނެތް ބޯޓެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް ބޯޓުތައް ޓްރެކްކުރާ ސައިޓްތަކުން ފެންނަނީ ރާއްޖެ އާއި އެ ބޯޓާ ގުޅުން ހުރި މައުލޫމާތުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބޯޓަކީ ދިވެހިރާއްޖޭގެ ފްލެގް ބޭނުންކުރާ ބޯޓެއްކަން އެނގެން އެބަ އޮތް. އައިއެމްއޯގައި ދިވެހިރާއްޖޭގެ ކޯލް ސައިން ރަޖިސްޓްރީކުރެވިފައި އެބައިން. އަދި އައިއެމްއޯއިން ރާއްޖެއަށް ދިން ކޯޑު އެބައިން،" ސައުދު ވިދާޅުވި އެވެ.

"ދެން ވެސެލް ޓްރެކާ ޑޮޓް ކޮމް އިން ދައްކާ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭރުގައި ދުއްވާ އުޅަނދުފަހަރުގެ ލިސްޓް. އެ ލިސްޓަށް ބަލާއިރު ވެސް މި ބޯޓު އެބަ ދައްކާ."

އޭނާ ވިދާޅުވީ އެ ސައިޓުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބޭރުގައި ދުއްވާ ހުރިހާ އުޅަނދެއް ފެންނަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މީގެ ކުރިން ރާއްޖެއަށް މުދާ އުފުލުމަށް ފަހު ނައްތާލާފައި ހުރި ބޯޓުފަހަރު ވެސް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ލިސްޓުގައި މިހާރު ރާއްޖޭގައި ދުއްވާ ބޯޓުފަހަރު ވެސް ފެންނަން އެބަހުރި. އެހެންވީމަ މިކަމަކީ މިއީ އޮޅުވާލެވޭނެ ކަމެއް ނޫން. އަމިއްލަ ފަރާތަކަށް ރާއްޖޭގެ ފްލެގް ބޭނުންކުރަން ރަޖިސްޓްރީކޮށްގެން ނުދުއްވޭނެ،" އޭނާ ވިދާޅުވި އެވެ.

ސައުދު ވަނީ އުތުރު ކޮރެއާގެ ބޯޓަށް ތެޔޮ އަޅައިދިން ބޯޓު ރަޖިސްޓްރީކުރުމުގައި ރާއްޖޭގެ މުއައްސަސާތަކެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އަދި އެކަން ހޯދައި ބަލައި ފިޔަވަޅު އެޅުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ބޯޓުގައި ހުރި އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމުން ވެސް އެބަ އެނގޭ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއްކަން. އަދި އެކަން އެހެން ބޯޓުތަކުން ބެލުމުން އެނގެން އެބަހުރި،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެ ބޯޓު ރާއްޖޭގައި ރަޖިސްޓްރީ ކުރިކަން އެނގެ އެވެ. އަދި އެކަން ދޮގެއް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.