Roadha Mihaaru
ޕޯސްޓްމޯޓަމަށް ޝާހިދާގެ ހަށިގަނޑު އިންޑިއާއަށް

ޕޯސްޓްމޯޓަމް ހަދަން ޝާހިދާގެ ހަށިގަނޑު އިންޑިއާއަށް

07 މާޗް 2018

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހދ. ނޮޅިވަރަމުގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު އެރަށު، ޝާހިދާ އަލީ، 42، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިރޭ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހދ. ނޮޅިވަރަމުގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު އެރަށު، ޝާހިދާ އަލީ، 42، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިރޭ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ޝާހިދާގެ ހަށިގަނޑު ގެންގޮސްފައިވަނީ ޓްރިވަންޑްރަމަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ވޭތުވެދިޔަ އަށް މަހުގެ ތެރޭގައި ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅުނު ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު ނަމަވެސް އޭނާ މަރާމެދު ޝައްކުތަކެއް ވަނީ އުފެދިފަ އެވެ.

ޝާހިދާގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި ޝާހިދާ ދަންޖެހިފައި ހުރި ވާގަނޑު އައްސާފައި ހުރީ އޭނާއަށް އެކަން ކުރެވޭނެ ވަރަށް ވުރެ މާ އުހުގައި، މާ ވަރުގަދައަށެވެ.

އާއިލާއިން ބުނާގޮތުގައި އެ ވާގަނޑު 12 ވަރަކަށް ފޫޓު އުސް ވަކަރެއްގައި އައްސާފައިވާއިރު، އެ ވާގަނޑު އައްސަން އަރާނެ ހަރުގަނޑެއް ނުވަތަ ގޮނޑިއެއް ވެސް އެ ތަނުގައެއް ނެތެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ ފުރަތަމަ ފެނުނީ ފަތިސް ނަމާދުން އައިތަނާ އޭނާގެ ފިރިމީހާއަށެވެ. އޭނާ ނަމާދަށް ދިޔަ އިރު ޝާހިދާ އޮތީ ނިދާފައި ކަމަށް އާއިލާއިން ބުނެ އެވެ. މިސްކިތާއި އެ ގެ އިންވެގެން ހުންނައިރު މިސްކިތުގައި އިންދާ ޝާހިދާ ރޯ އަޑު އިވުނު ކަމަށް އޭނާގެ ފިރިމީހާއާ ހަވާލާދީ އެ އާއިލާއިން ބުނެ އެވެ.

އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ. ނަމަވެސް ޝާހިދާގެ ފިރިމީހާ އާއި އާއިލާ ބައެއް މީހުންގެ ބަޔާންތައް ފުލުހުން ވަނީ ނަގައިފަ އެވެ.