Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ކެލާ ފެނުޕަރީ ދިގުރަށުގައި!

ކެލާ ފެނުޕަރީ ދިގުރަށުގައި!

08 މާޗް 2018

އުމުރުން އެންމެ 22 އަހަރުގެ އަންހެންކުއްޖަކު އެތަކެއް ބައިވަރު ޓޫރިސްޓުން ގޮވައިގެން ދޯންޏެއްގައި ގޮސް ޑައިވްކޮށް، ކަނޑު އަޑީގައި އެ މީހުން މެނޭޖްކުރާ ތަން ފެނުމުން ބައެއް މީހުން ތިބެނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. މިއީ އިރުތިޝާމް ހަސަން ޒަރީރު (އިރޫ) ގެ އާދަޔާޚިލާފު އެންމެ ކަމެއްގެ ވާހަކައެކެވެ. އޭނާގެ ތަފާތު އެހެން ވާހަކަތައް އަދި އޮތީ ކުރިއަށެވެ. މިއީ، މިކަހަލަ އަންހެނުންގެ ދުވަހެއްގައި އެކަހަލަ ކުއްޖެއްގެ ވާހަކަ ދައްކާލަން ހަމަ އެންމެ ރަނގަޅު އެއް ނަމޫނާ އެވެ.

އައިޝަތު މާހާ އައިޝަތު މާހާ

އުމުރުން އެންމެ 22 އަހަރުގެ އަންހެންކުއްޖަކު އެތަކެއް ބައިވަރު ޓޫރިސްޓުން ގޮވައިގެން ދޯންޏެއްގައި ގޮސް ޑައިވްކޮށް، ކަނޑު އަޑީގައި އެ މީހުން މެނޭޖްކުރާ ތަން ފެނުމުން ބައެއް މީހުން ތިބެނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. މިއީ އިރުތިޝާމް ހަސަން ޒަރީރު (އިރޫ) ގެ އާދަޔާޚިލާފު އެންމެ ކަމެއްގެ ވާހަކައެކެވެ. އޭނާގެ ތަފާތު އެހެން ވާހަކަތައް އަދި އޮތީ ކުރިއަށެވެ. މިއީ، މިކަހަލަ އަންހެނުންގެ ދުވަހެއްގައި އެކަހަލަ ކުއްޖެއްގެ ވާހަކަ ދައްކާލަން ހަމަ އެންމެ ރަނގަޅު އެއް ނަމޫނާ އެވެ.

ހއ. ކެލައަށް އުފަން އިރޫ އަކީ ޑައިވަރެކެވެ. ކަނޑުގެ ދިރުންތައް ދެނެގަނެ، މަސްމަހާމެއްސާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ މައުލޫމާތު ހޯދުމަށް ޝައުގުވެރިކަން ހުރި ޒުވާނެކެވެ. އެކަމަކު ކަނޑާއި ކަނޑުގެ ދިރުންތަކުގެ ތެރެއަށް އޭނާގެ ހިތް ގެނބުނީ މިއަދަކު ނޫނެވެ. އޭނާގެ ހިތް މޫދަށް ފުންމާލިތާ އެތަކެއް އަހަރެއް ވެއްޖެ އެވެ. އެހެންވެ، އެއަށް ފުޅާ ޖާގައެއް ހޯދުމަށް ޓަކައި އޭނާ އަތްފުނާ އަޅަން ފެށި އެވެ.

އިރޫ ދިގުރަށުގައި -- ފޮޓޯ: އަހުމަދު ޝިރުހާން

އިރޫ ދިގުރަށުގައި -- ފޮޓޯ: އަހުމަދު ޝިރުހާން

އަދި މާލެއިން އޭލެވެލް ހަދަމުން ޑައިވް ކުރަން ދަސްކުރަން ފެށި އެވެ. އޭލެވެލް ނިންމާލުމަށް ފަހު ދިގުރަށަށް ގޮސް މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމްގެ ޓީމާ އެކު އޭނާގެ އުންްމީދުތަކުގައި ކުލަ ޖައްސަން ފެށި އެވެ. ސްނޯކްލިން އާއި ފްރީ ޑައިވިން އަށް އޭނާ މިހާރު ވަރަށް ފަރިތަ އެވެ. އެ މަސައްކަތުން އޭނާ އާމްދަނީ ހޯދަން ފެށި އެވެ. ހަމަ އެހެންމެ، އެ އާމްދަނީން އޭނާ އިތުރު ޑައިވް ކޯސްތައް ހެދި އެވެ.

"ޑައިވްކުރަން ބޭނުންވަނީ ހަމައެކަނި ކަނޑުގެ އަޑި ރީތިވީމާ އެކަންޏެއް ނޫން. އެތަނުގެ ދިރުންތަކުގެ ބިހޭވިއާ ދެނެގަނެ އެކަންކަން އެނގެން ކިއުރިއަސްވާތީ،" ދިގުރަށުގައި ހުރެ އޭނާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އިރޫ ދިގުރަށުގައި ޑައިވިނަކަށް ދާން ތައްޔާރުވަނީ -- ފޮޓޯ: އަހުމަދު ޝިރުހާން

އިރޫ ދިގުރަށުގައި ޑައިވިނަކަށް ދާން ތައްޔާރުވަނީ -- ފޮޓޯ: އަހުމަދު ޝިރުހާން

އިރޫ އަކީ މިހާރު އެ ރަށުގައި މި މަސައްކަތް ކުރާ ހަމައެކަނި ދިވެހި އަންހެންކުއްޖާ އެވެ. ގެސްޓްް ހައުސްތަކާ އެކު ޓޫރިޒަމް ފައްކާވަމުން އަންނަ މި ރަށަކީ، ވަށައިގެން ވަރަށް މަޝްހޫރު ޑައިވް ސްޕޮޓްްތަކެއް ވެސް ހުރި ރަށެކެވެ. އެހެންވެ ޑައިވް ސެންޓަރުތައް ވެސް އަންނަނީ އުފަންވެ ކުރިއަރަމުންނެވެ. އިރޫއަކީ މިހާރު މި ރަށުގައި ހުރި އެއް ޑައިވިން ސެންޓަރު ކަމަށްވާ އޯޝަން ހޯލިކް ޑައިވާސްގެ އެއް ޑައިވް އަދި ސްނޯކްލިން ގައިޑެވެ.

އެކަމަކު ޑައިވް ކުރުމަކީ އިރޫގެ ކުރިމަގެއް ނޫނެވެ. އޭނާގެ އަސްލު މިސްރާބު ހުރީ ކަނޑުގެ ދިރުންތަކަށެވެ. އޭނާ ބުނާ ގޮތުން ރަށާއި މާލެ ދޫކޮށްލައިފައި، މުޅިން އެހެން ރަށެއްގައި އުޅޭ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. ކަނޑުގެ ދިރުންތަކާ ގުޅޭ ރިސާޗްތައް ހަދަން އޭނާ ބޭނުންވެ އެވެ. އޭނާ މިހާރު ނިންމައިގެން ހުރީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެލޭޝިޔާ އަށް ގޮސް މެރިން ބަޔޮލޮޖީން މާސްޓާސް އާ ހަމައަށް ކިޔަވާ ނިންމާށެވެ.

އިރޫ ދިގުރަށުގައި -- ފޮޓޯ: އަހުމަދު ޝިރުހާން

އިރޫ ދިގުރަށުގައި -- ފޮޓޯ: އަހުމަދު ޝިރުހާން

"ގައިޑް ކުރުމަކީ އެންމެ ކުރިން އުންމީދުކުރި ދާއިރާއެއް ނޫން. އެކަމަކު ދިމާވި ރައްޓެހިންގެ ފަރާތުން ލިބުނު އޮފާއަކުން ގައިޑް ކޮށްދޭން ފެށުނީ. އަދި ކަނޑު އަޑީގެ ދިރުންތައް ބަލާލަން ފުރުސަތު ލިބޭ ކަމަކަށް ވާތީ އެކަން ކުރިއަށް ގެންދިޔައީ،" އިރޫ ބުންޏެވެ. "އަސްލު ކަނޑު އަޑިން މަހެއް ފެނުނަސް ވިސްނޭ މިއީ ކޮންކަހަލަ މަހެއްތޯ. ކިހާ ހިސާބަކަށް ހެއްޔޭ އޭތި ދާނީ ދެން ކިހިނެއް ހެއްޔޭ ވާނީ. ހަމަ އެކަނި މަހެއް ނޫން. މުރަކަ ކަހަލަ އެއްޗެހިތަކާ ދޭތެރޭ ވެސް އެހެން ވިސްނޭ. މުރަކައިގެ ސިއްހަތު ކިހިނެއްތޯ ބަލާ ހެދޭ. އޭގެ އަސްލު ދެނެގަންނަން ބޭނުންވޭ. އެގޮތަށް ކަނޑު އަޑީގައި އުޅޭ އެއްޗެހީގެ ހަގީގަތް ބަލަން އަބަދުވެސް އިނދޭ އެ ކިޔުރިއޯސިޓީ."

މިވީ ދުވަސްތަކުގައި އިރޫ އަށް ލިބުނު ކާމިޔާބަކީ ޑައިވިނާއި ސްނޯކްލިން ދަސްވުން އެކަންޏެއް ނޫނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ބޭއްވި ނެޝެނަލް މެރިން ސައިންސް ސިމްޕޯޒިއަމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. އެއީ ދާއިރާގެ އެންމެ ފުންނާބު އުސް މީހުންނާ އެކު އަމިއްލަ އެއްޗެއް ހުށަހަޅާލަން ލިބުނު ފުރުސަތެވެ. ރީފް ޗެކްގެ ޓްރެއިނަރަކަށްވެ އެހެން މީހުންނަށް އެކަމާ ބެހޭގޮތުން މައުލޫމާތު ދޭން ފުރުސަތު ލިބުމަކީ ވެސް މި ދާއިރާއިން އިރޫ އަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ.

އިރޫ ޑައިވްކުރަނީ

އިރޫ ޑައިވްކުރަނީ

އިރޫ ބުނީ ދިގުރަށް އޮންނަ ސަރަހައްދަކީ ވޭލް ޝާކާއި މަންޓާ ފަދަ ކަނޑުގެ ދިރުންތައް ނިކަން ރީއްޗަށް ފެނިގެންދާ ސަރަހައްދެއް ކަމަށެވެ. އޭގެ އިތުރުން މާލެ އާ ކައިރިން ޑައިވް ކުރަން ބޭނުންވާ މީހުންނަށް އެންމެ ރަނގަޅު ފުރުސަތަކަށްވާނެ ތަން ކަމަށް ވެސް އޭނާ ބުންޏެވެ. އިރޫގެ ހިތް ދީލާލައިގެން އުޅެނީ ދިގުރަށާއި އެ ރަށް ވަށައިގެން އޮތް ފަޅާއި ކަނޑުގެ ދިރުންތަކަށް އެކަންޏެއް ނޫނެވެ. އެ ރަށު ރައްޔިތުންނަކީ ވެސް މިހާރު އޭނާގެ ދިރިއުޅުމުގެ ގާތް ބައެވެ.

"މިކޮޅަށް އައި އިރު އައި ޑިޑިންޓް ނޯ އެނީވަން. އެކަމަކު މިހާރު މިރަށު ހުރިހާ މީހުން ގާތްގަނޑަކަށް އެނގޭ. ހިތްހެޔޮ ބައެއް، ދޭއާ ލައިކް ފެމެލީ. ހަމަ ވަރަށް ނައިސް ބައެއް."

އިރޫ ޑައިވްކުރަނީ

އިރޫ ޑައިވްކުރަނީ

މި ދާއިރާއަކީ ރާއްޖޭގައި އަންހެން ކުދިން ވަރަށް މަދު ދާއިރާއެކެވެ. ރިސާޗް ދާއިރާގައި ހަރަކާތްތެރިވަނީ އިނގިލިން ގުނާލެވޭހާ މަދު އަންހެން ކުދިންނެވެ. އެކަމަކު ޑައިވްކުރާ އަންހެން ކުދިންގެ އަދަދު ފުދޭވަރަކަށް ގިނަ އެވެ. ފަހަރުގައި ރިސާޗް ހަދާ ކުދިންގެ އަދަދު އެހާ މަދުވަނީ މި މުޖުތަމައުގައި އޮންނަ ވިސްނުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް އިރޫ ބުނެ އެވެ. މިފަދަ ދާއިރާއެއްގައި އަންހެން ކުދިން ރަށުން ބޭރަށް ވަޒީފާ އަދާކުރަން ދިއުމާ މެދު ދޭތެރޭ ދެކޭގޮތާއި ޅަ އުމުރުގައި ކައިވެނިކޮށް ދިރިއުޅުމެއް ފަށަން ޖެހޭ ކަމަށް ބައެއް އާއިލާތަކުން ގަބޫލު ކުރުން އެއް ސަބަބު ކަމަށް އިރޫ އެއްބަސްވެ އެވެ.

އިރޫ ޑައިވްކުރަނީ

އިރޫ ޑައިވްކުރަނީ

އެހެން ނަމަވެސް މި ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުވުމަކީ އިރޫ ދެކޭ ހުވަފެނެކެވެ. ކިޔަވައިގެން އައިސް މި ދާއިރާ އަށް ހިދުމަތް ކުރަން އޭނާ ތައްޔާރެވެ. ކުލަޖައްސަން ގިނަ ހުވަފެންތަކެއް ވެސް އެބަހުއްޓެވެ. ކައިވެންޏެއްކޮށް އަމިއްލަ ދިރިއުޅުމަކާ ހަމައަށް ދާނީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވި އެހެން މީހުންނަށް ނަމޫނާއަކަށް ވެވުނީމަ އެވެ.

"ރާއްޖޭގައި ކަނޑު މިއޮތީ ވަށައިގެން، އެކަމަކު ހިޔެއް ނުވޭ އެވަރަށް ރިސާޗް ކުރެވިފައި ހުރިހެނެއް. ބައިވަރު ކަންތައް ހޯދަން އެބަހުރި. ކިޔަވައިގެން އައިސް ބޭނުން ވަނީ މިޔަރަށް ހާއްސަ ވާން."