Roadha Mihaaru
"މަހާސިންތާއިން ކުނީގެ މައްސަލައަށް ހައްލެއް ލިބޭނެ"

މަހާސިންތާއިން ކުނީގެ މައްސަލަ އަށް ކޮންމެވެސް ހައްލެއް އަންނާނެ: އެންވަޔަރްމަންޓް މިނިސްޓްރީ

17 ޖުލައި 2016

ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން ބޭއްވި މަހާސިންތާއިން، ރަށްރަށުގައި ކުނި މެނޭޖުކުރުމުގައި ދިމާވާ މައްސަލަތަކަށް ކޮންމެވެސް ހައްލެއް ލިބޭޏެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން ބޭއްވި މަހާސިންތާއިން، ރަށްރަށުގައި ކުނި މެނޭޖުކުރުމުގައި ދިމާވާ މައްސަލަތަކަށް ކޮންމެވެސް ހައްލެއް ލިބޭޏެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

"ސާފު ރާއްޖެ ގައުމީ މަހާސިންތާ"ގެ ނަމުގައި އެންވަޔަރްމަންޓް މިނިސްޓްރީން ފެށި މަހާސިންތާގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު ވިދާޅުވީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކަމަށް ހޭލުންތެރިކަން ކުޑަވުން ކަމަށެވެ. ނަމަވެސް މަހާސިންތާގައި ވަނީ ކައުންސިލްތަކަށް އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފައި ކަމަށާއި އެހެންވެ ކޮންމެވެސް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ކުނި މެނޭޖުކުރުމުގެ]ޕޮލިސީއާ ގާނޫނާއި ގަވާއިދާ އަދި އެކަން ކުރަން އޮންނަ ހެޔޮ ގޮތާ މި މައުލޫމާތުތައް އާއްމުންނަށް ފެތުރުމުގައި އެބަހުރި ހުރަސްތަކެއް. މަހާސިންތާގެ އެންމެ ބޮޑު އެއް ބޭނުމަކީ އަޅުގަނޑުމެން ރަށްރަށުގައި ގޮސް މިކަން ކުރުމުގެ ބަދަލުގައި އެންމެން އެއްތަނަކަށް ގެނެސް މި ވާހަކަ ދެއްކުން. މިހެން ހުރި މައްސަލަތަކުގެ ވާހަކަދެއްކުން. މިއީ މަހާސިންތާއިން ހާސިލްވާނެ އެންމެ ބޮޑު އެއް މަގުސަދަކީ،" ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މަހާސިންތާގައި ބައިވެރިވި މަންދޫބުން ވަނީ ކުންޏަކީ ގައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށް އެއްބަސްވެފައި ކަމަށެެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ވެސް މި ބައްދަލުވުމުން ނިކުތް ބޮޑު ނަތީޖާއެެކެވެ.

އަންގާރަ ދުވަހާ ހަމައަށް ބާއްވާ މަހާސިންތާގައި ރާއްޖޭގެ ފަސް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކުން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ. މަހާސިންތާގައި މިއަދު ވަނީ ކުނި މެނޭޖުކުރުމުގެ ޕޮލިސީ އަދި ގާނޫނަށް އަހުލުވެރިކުރުވުމުގެ ސެޝަނެއް ބާއްވައިފަ އެވެ. މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ނަމޫނާ ރަށްތަކުގެ ގޮތުގައި ފާހަގަކުރެވޭ ރަށްތަކުން އެ މަސައްކަތްތައް ކުރާ ގޮތުގެ މައުލޫމާތު ވެސް ހިއްސާކުރި އެވެ.