Roadha Mihaaru
އައިޑޮލްގެ ގަދަ 12އާ އެކު ފޯރި ގަދަވެއްޖެ

މޯލްޑިވިއަން އައިޑޮލްގެ ގަދަ 12އާ އެކު ފޯރި ގަދަވެއްޖެ

11 މާޗް 2018

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑްގެ ޝޯތައް ރޭ ނިންމާލައި، މުބާރާތުގެ ހަގީގީ ދަތުރަށް ފަށާ 12 ބައިވެރިން މިހާރު ކަށަވަރުވެއްޖެ އެވެ. އެއާ އެކު ގާލާ ރައުންޑްގެ ޝޯތައް އަންނަ ހަފުތާގައި ފަށާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑްގެ ޝޯތައް ރޭ ނިންމާލައި، މުބާރާތުގެ ހަގީގީ ދަތުރަށް ފަށާ 12 ބައިވެރިން މިހާރު ކަށަވަރުވެއްޖެ އެވެ. އެއާ އެކު ގާލާ ރައުންޑްގެ ޝޯތައް އަންނަ ހަފުތާގައި ފަށާނެ އެވެ.

މިދިޔަ ހަފުތާގައި ޕިއާނޯ ރައުންޑުން ފާސްވެ، ގަދަ 12 ގެ ފުރަތަމަ ހައެއް ކަށަވަރުވެގެން ގޮސްފައިވާ އިރު، ރޭގެ ޝޯ ނިންމައިލީ ބާކީ އަނެއް ހަ ބައިވެރިން ހޮވުމަށް ފަހު އެވެ. ގާލާ ރައުންޑުން ޖާގަ ހޯދި އަނެއް ހަ ބައިވެރިންނަކީ ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލްކަރީމް، ނައުޝާދު އަބްދުއްލަތީފް އަދި މަރިޔަމް ސަލްވާ އެވެ.

މި ބައިވެރިންނަށް ގާލާ އޮމް ފުރުސަތު ތަނަވަސްވީ އާންމުންގެ 50 ޕަސެންޓް ވޯޓާއި ހަތަރު ޖަޖުންގެ 50 ޕަސެންޓް ވޯޓް އެއްކޮށްލައިގެން ލިބުނު ނަތީޖާއާ އެކުގަ އެވެ. ގާލާ އިން ފުރުސަތު ނުލިބި ރޭ ކަޓައިގެން ދިޔައީ މޫސާ އިޝާން އާއި އަހުމަދު ނާޒިހެވެ.

ޕިއާނޯގެ ދެވަނަ ރައުންޑްގައި ވާދަ ކުރި އަށް ބައިވެރިން.

މިހާރު މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ 12 ކަށަވަރުވެ، އަންނަ ހަފުތާގައި ފޯރި ގަދަވާނެ ގާލާ ރައުންޑް ފަށާ އިރު، ޕިއާނޯ ރައުންޑް ގިރާކޮށް، ގާލާ އިން ޖާހަ ހޯދި އަނެއް ހަ ބައިވެރިންނަކީ އައިޝަތު އަޒަލް ޒާހިރު، އަބްދުﷲ މުރްޝިދް، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، ޝާން ޝަރީފް އަދި ގޯލްޑެން މައިކް ހާސިލް ކުރި ރައިހާން އާދަމެވެ.

ޓީވީއެމުން ކޮންމެ ހަފުތާ ބަންދެއްގައި ގެނެސްދޭ މޯލްޑިވިއަން އައިޑޮލްގެ މި ފަހަރުގެ ޝޯގެ އަސްލު ދަތުރާ އެކު، މުބާރާތުގެ ފޯރި ވެސް ކުރިއަށް އޮތީ އެވެ. ޓައިޓްލް ދޭނެ ލަވަ ކިޔުންތެރިއަކު ހޮވުމުގައި ބެލުންތެރިންގެ ހިއްސާ ވެސް އޮންނާނެ އެވެ. އެ ދަތުރު އަދި ކުރިއަށް އޮތީ އެވެ. މި ޝޯއަކީ އާންމުކޮށް ތިން މަހެއްހާ ދުވަހަށް ދެމިގެންދާ ޝޯއެކެވެ.

ޕިއާނޯގެ ދެވަނަ ރައުންޑްގެ ފަރުދާގެ ފުރަގަހުގެ މަންޒަރުތަކެއް.

މި ފަހަރުގެ އައިޑޮލްގެ ޖަޖުންގެ ތެރޭގައި ހިމެނެނީ އިސްމާއީލް އައްފާން، މަރިޔަމް (ކިޑީ) އުނޫޝާ، އަހުމަދު (އައްމަޑޭ) އިބްރާހީމް އަދި ޒާރާ މުޖުތަބާ އެވެ. ޝޯގެ ހޯސްޓުންނަކީ މޫސާ ވަސީމާއި ޝާއިނާ ޝަރީފެވެ.