Roadha Mihaaru
އެންޓި ޑިފެކްޝަން ބިލަށް މާދަމާ ބަހުސްކުރަން ފަށަނީ

އެންޓި ޑިފެކްޝަން ބިލަށް މާދަމާ ބަހުސްކުރަން ފަށަނީ

11 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މަޖިލީހަށް ފޮނުއްވާފައިވާ އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މަޖިލީހަށް ފޮނުއްވާފައިވާ އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ވެރިކަން ކުރާ ޕީޕީއެމް މެމްބަރުންގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހަފުތާގައި ވަނީ އިއްވައިފަ އެވެ.

އެޖެންޑާގައި މި ބިލުގެ އިތުރުން، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް މަރުހަލާ ފެށުމަށް ވެސް ވަނީ އެޖެންޑާގައި ހިމަނައިފަ އެވެ. ބެލެވޭ ގޮތުގައި، މި ދެ ބިލުގެ ބަހުސް މަރުހަލާ ނިންމައި، ދިރާސާ ކުރަން މާދަމާ ކޮމިޓީ އަށް ފޮނުވާނެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަސީހު. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަސީހު. - ފޮޓޯ: މަޖިލިސް

ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ. އެކަމަކު، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ.

މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލުގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އެގޮތުން އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.

އެކަމަކު މިއީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތުތަކެއް ނޫނެވެ. އެހެންކަމުން ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހުނުކޮށް އެ ބިލް ގާނޫނަކަށް ނުހެދޭނެ ކަމަށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމް ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަނަށް ބިލަށް "99 ޕަސަންޓު މެމްބަރުން" ދެކޮޅެވެ. އެކަމަކު، ނިހާނު ވިދާޅުވީ އެ ބިލަށް އެއްވެސް މެމްބަރަކު ދެކޮޅު ނުހައްދަވާ ކަމަށެވެ. ނަމަވެސް، އެ ބިލާ ގުޅޭގޮތުން މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމަށާއި އެ ބިލު ފާސް ކުރާނީ އެ ކަމަށް "ފަރުވާ" ހޯދުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 154 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވިޔަސް އަދި ނުވިޔަސް، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ.