Roadha Mihaaru
"ތިޔަ ލޯތްބާ ދުރަށް" ގެ ޕްރޮމޯ ލަވަ

"ތިޔަ ލޯތްބާ ދުރަށް"ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި

11 މާޗް 2018

އަންނަ މަހުގެ 21 ގައި ރިލީޒްކުރާ ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ ޕްރޮމޯޝަނަލް ލަވަ މިއަދު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 21 ގައި ރިލީޒްކުރާ ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ ޕްރޮމޯޝަނަލް ލަވަ މިއަދު ދައްކާލައިފި އެވެ.

މަޑުމައިތިރި މި ލޯބީގެ ލަވައަކީ އިބްރާހީމް (ތިއްތި) ނިފާރްގެ މިއުޒިކަށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެކެވެ. ލަވައިގެ ޅެން ހަދާފައި ވަނީ އިސްމާއިލް މުބާރިކް އެވެ. ޕްރޮމޯ ލަވައިގައި ފިލްމްގެ ބައެއް މަންޒަރުތަކާ އެކު، ލަވަކިޔުންތެރިޔާ ވެސް ފެނެ އެވެ.

ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ ވާހަކައަކަށް އޭނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަމިއްލަ ރާގުގެ ބައެއް ލަވަތަކާ އެކު، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ކިޔާފައިވާ މަގުބޫލް ލަތަކެއް ވެސް އިވިގެން ދާނެ އެވެ.

ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ލޯބީގެ އަސަރު ފަދަ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. ކާސްޓުންގެ ތެރޭގައި އަހުމަދު (އަޒޭ) އަޒްމީލް، މަލީހާ (މަލް) ވަހީދު އަދި ލަންކާގެ ބަތަލާ އުދޭނީ ވެސް ހިމެނެ އެވެ.

"ތިޔަ ލޯތްބާ ދުރަށް" ގެ ޕްރޮމޯ ލަވަ.

ފިލްމް އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، މަރީ ބުނީ އޭނާ ހުރީ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި ބެލުންތެރިންނަށް ވެސް ފިލްމް ކަމުދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

"ތިޔަ ލޯތްބާ ދުރަށް" އަކީ މަރީ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ ޓެކްނޯ މީޑިއާ އިން ގެނެސްދޭ ފިލްމެކެވެ.

ފިލްމްގެ ރަސްމީ ޓްރެއިލާ ވެސް ވަރަށް އަވަހަށް ދައްކާލަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.