Roadha Mihaaru
އެޕަލް އެމްއެފްއައި ލޯގޯ ބަދަލުކޮށްފި

އެޕަލް އެމްއެފްއައި އެނގުން މުހިންމު؛ ލޯގޯ ބަދަލުކޮށްފި

12 މާޗް 2018

އެޕަލް "އެމްއެފްއައި" (މޭޑް ފޮ އައިފޯން/ އައިޕެޑް/ އައިޕޮޑް) އަކީ ކޮން އެއްޗެއް އެނގުން އެންމެ އައުލާކަން ބޮޑު ބަޔަކީ، އެޕަލްގެ އުފެއްދުންތައް ބޭނުންކުރާ މީހުންނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް "އެމްއެފްއައި" (މޭޑް ފޮ އައިފޯން/ އައިޕެޑް/ އައިޕޮޑް) އަކީ ކޮން އެއްޗެއް އެނގުން އެންމެ އައުލާކަން ބޮޑު ބަޔަކީ، އެޕަލްގެ އުފެއްދުންތައް ބޭނުންކުރާ މީހުންނެވެ.

އެމްއެފްއައި އަކީ އެޕަލް ކުންފުނިން ދޫކުރާ ސެޓްފިކެޓެކެވެ. ލައިސަންސެއް ކަމަށް ބުންޏަސް، އެ ދެކެވެނީ ހަމަ އެއް ވާހަކައެކެވެ. އެމްއެފްއައި އަކީ އައިފޯން، އައިޕެޑް އަދި އައިޕޮޑްގައި ބޭނުންކުރުމަށް، ހާޑްވެއާ އެކްސެސޮރީޒް އުފެއްދުމަށް އެހެން ކުންފުނިތަކަށް އެޕަލް އިން ދޭ ހުއްދައެކެވެ. ބޭނުމަކީ އެއީ އެ އުފެއްދުމަކަށް އެޕަލް ޒިންމާވާކަން ކަށަވަރުކުރުމަށެވެ. އެ މިންގަނޑަށް އުފައްދާ ކޮންމެ އެއްޗެއް، އައިފޯން، އައިޕެޑް އަދި އައިޕޮޑްގައި މަސައްްކަތްކުރާނެ އެވެ.

އެޕަލު އިން އެމްއެފްއައި ޕްރޮގްރާމް ފެށީ 2005 ވަނަ އަހަރު އެވެ. އެއިރު އެކްސެސޮރީޒް އުފެއްދުމަށް ހުއްދަދޫކުރީ ހަމައެކަނި އައިޕޮޑަށެވެ. އައިފޯން ތައާރުފުކުރީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން، ޖެނުއަރީ 2، 2007 ގަ އެވެ. މިއީ އައިފޯން މާކެޓަށް ނެރުނު ތާރީޚެއް ނޫނެވެ.

އެޕަލްގެ އުފެއްދުމަކަށް ޚާއްސަ އުފެއްދުމެއްގައި، މޭޑް ފޮ އައިފޯން/ އައިޕެޑް/ އައިޕެޑް ލޯގޯޖަހާފައި ހުރުމަކީ ވަފާތެރިން ނޫނަސް، އެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެ އެވެ. ނަމަވެސް ހިތާމަ އަކީ އެކްސެސޮރީތަކުގެ އަގު އުފުލުމަށް އެ ލޯގޯ ސަބަބަކަށް ވުމެވެ.

އެމްއެފްއައި ތައާރުފުކުރިއިރު ލޯގޯ ޑިޒައިންކޮށްފައި ވަނީ، ޑިވައިސްތަކަށް އިސްކަން ދޭ ތަރުތީބުންނެވެ. އެ ގޮތުގައި ލޯގޯ ޑިޒައިންކޮށްފައި ވަނީ، "މޭޑް ފޮ އައިޕޮޑް/ އައިފޯން/ އައިޕެޑް، މި ތަރުތީބުންނެވެ. އެހެން ނަމަވެސް ލޯގޯ އަށް އެޕަލު އިން މި އަހަރު ގެނައި ބަދަލުގައި އިސްކަންދީފައި ވަނީ އައިފޯނަށެެވެ. އައިޕެޑަށް ދެ ވަނަ، އައިޕޮޑް އޮތި އެންމެ ފަހަތުގަ އެވެ. ދެން އޮތް ފާޅުކަން ބޮޑު ތަފާތަކީ، ޑިވައިސްތަކުގެ ކުރީގައި އިންނަ އެ ޑިވައިސްއެއްގެ އައިކަން ފޮހެލުމެވެ.

މޭޑް ފޮ އައިފޯން/ އައިޕެޑް/ އައިޕެޑް ލައިސަންސް އަކީ އެޕަލް އަށް ލައްކަ ފައިސާ ވަންނަ ހުއްދަ އެކެވެ. އެޕަލްގެ ކޮޮންމެ ޑިވައިސްއަކަށް ހާޑްވެއާ އުފެއްދި ނަމަވެސް ލައިސަންސް ފީ ދައްކަން ޖެހެ އެވެ. އެ ނޫން ގޮތެއްގައި އެޕަލް އިން "ވެރިފިކޭޝަން ސެޓްފިކެޓް" ނުދެ އެވެ. އެޕަލްގެ ޑިވައިސްތަކަށް އުފައްދާ ކޭބަލް އަދި ހެޑްފޯން ފަދަ ތަކެތީގެ އަގު އެހާ ބޮޑުވަނީ މި ސަބަބާ ހެދި އެވެ.