Roadha Mihaaru
ބިލް ބަލައިގަތުމުގެ ވޯޓުގައި ނަޝީދު ބައިވެރިއެއް ނުވި

އެންޓި ޑިފެކްޝަން ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި ނަޝީދު ބައިވެރިވެވަޑައެއް ނުގެންނެވި

12 މާޗް 2018

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބައިވެރިވެވަޑައެއް ނުގެންނެވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބައިވެރިވެވަޑައެއް ނުގެންނެވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އެ ބިލް ޕީޕީއެމް/އެމްޑީއޭގެ 35 މެމްބަރުންގެ ވޯޓުން ބަލައިގަތް އިރު، ޖަލްސާގައި ނަޝީދު އިންނެވި އެވެ. އެކަމަކު އެ ވޯޓުގައި އޭނާ ބައިވެރިވެވަޑައެއް ނުގެންނެވި އެވެ. އެކަމަކު، އެ ވޯޓުގައި އޭނާ ބައިވެރިވެޑައިނުގެންނެވި ސަބަބެއް ނޭނގެ އެވެ.

ނަމަވެސް، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށް ނަޝީދު ވޯޓު ދެއްވި އެވެ. އެ ބިލް ބަލައިގަންނަން ޕީޕީއެމް/އެމްޑީއޭގެ 36 މެމްބަރަކު ވޯޓު ދެއްވި އެވެ.

މި ދެ ބިލް ދިރާސާ ކުރަން ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ބަލައިގަތުމުގެ ވޯޓުގައި ނަޝީދު ބައިވެރިވެވަޑައިނުގެންނެވިއިރު، ޕީޕީއެމްގެ އެހެން ދެ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އެ ވޯޓަށް މަޖިލީހަށް ވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް ނާޒިމް ރަޝާދާއި ފަޒާދު މިއަދު މެންދުރު 1:30 ގައި ނެގި އެ ވޯޓުގެ ކުރިން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ. އެ ދެ ބޭފުޅުން ވޯޓު ގަޑި އަށް މަޖިލީހަށް ވަޑައިނުގެންނެވި ސަބަބެއް ނޭނގެ އެވެ.

ނާޒިމް ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސަށް އަހުމަދު ޝަރީފް އައްޔަން ކުރުމަށް މަޖިލީހުގައި މިދިޔަ ހަފުތާގައި ނެގި ވޯޓުގައި ޝަރީފާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފަ އެވެ.

ޕީޕީއެމްގެ މެމްބަރު ނަޝީދުގެ އަމިއްލަ ބްލޮގްގައި މީގެ ކުރިން ވިދާޅުވެފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް އަންނަން ޖެހޭނީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ފަހު އެވެ.

އެ އެފަދަ އިިސްލާހެއް މަޖިލީހުން ގާނޫނުއަސާސީ އަށް ގެނައި ނަމަވެސް، އެ އިސްލާހެއް ހިނގަން ފަށަން ވާނީ މަޖިލީހުގެ އާ އިންތިޚާބަކަށް ފަހު ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަމަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ހަތަރު ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ. ނަޝީދު ވިދާޅުވީ އޭގެ ތެރެއަށް އެހެން ހާލަތެއް، ގާނޫނުއަސާސީގެ އެ މާއްދާ އަށް ބަދަލެއް ނުގެނެސް އިތުރު ކުރެވިދާނެ ގޮތެއް ވިސްނިވަޑައިނުގެންނެވޭ ކަމަށެވެ.

އެކަމަކު، މި ވާހަކަ އަށް ރައްދު ދެއްވައި ނިހާން މިއަދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވަކިވާނެ ހާލަތްތައް އޮންނައިރު، އިތުރު ހާލަތެއް ނުގަނެވޭނެ ވާހަކަ ގާނޫނުއަސާސީގައި ބުނެފައި ނުވާ ކަމަށެވެ. އެހެންވެ، ބިލް މަޖިލީހަށް ހުށަހެޅުއްވީ އިތުރު ހާލަތްތަކެއް ގެނައުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ސަބަބުތަކުގެ ތެރޭގައި ޕާޓީއަކުން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅުން ހިމަނާފައެއް ނުވެ އެވެ. އެކަމަކު، މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ އެ ނުކުތާތައް ހިމަނައިފަ އެވެ.