Roadha Mihaaru
ޖީބަށް އިތުރުނުވާ ނަމަ ބަޖެޓު ބޮޑުކުރާނެކަމެއް ނެތް

ރައްޔިތުންގެ ޖީބަށް އިތުރުނުވާ ނަމަ، ބަޖެޓު ބޮޑުކުރުމުގެ ބޭނުމެއް ނެތް: ސަލީމް

12 ނޮވެމްބަރ 2019

ރައްޔިތުންގެ ޖީބަށް އިތުރު ނުވާ ނަމަ، ދައުލަތުގެ ބަޖެޓު ބޮޑު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ ޖީބަށް އިތުރު ނުވާ ނަމަ، ދައުލަތުގެ ބަޖެޓު ބޮޑު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްގައި ސަލީމް ވިދާޅުވީ އެއް އަހަރުން އަނެއް އަހަރަށް ބަޖެޓު ބޮޑުވަމުންދާ އިރު، ރައްޔިތުންގެ ޖީބަށް "ބޮޑު ނުވާ ނަމަ" އެކަމުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.

މިދިޔަ އަހަރަށް ލަފާކޮށް، މަޖިލިހުން ފާސްކުރީ 30 ބިލިއަނަށް ވުރެ ބޮޑު ބަޖެޓެކެވެ.

"ދައުލަތުގެ ބަޖެޓު ބޮޑުވާ މިންވަރަކުން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ވެގެން ދާން ޖެހޭނެ. އެހެން ނޫން ކަމަށްވާ ނަމަ، ދައުލަތުގެ ބަޖެޓު ބޮޑު ކުރުމުގެ ބޭނުމެއް ނެތް،" ސަލީމް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރި ބަޖެޓުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި 60 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ހޭދަވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ސަރުކާރުގެ ބައެއް އޮފީސްތަކުން ބޭކާރު ހަރަދު ކުރާތީ އެކަން ފިނޭންސް މިނިސްޓްރީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު އޮފީސްތަކުގެ ގޮނޑި ސެޓް ބަދަލުކޮށްލުމަކީ އާންމު ކަމެކެވެ. އެކަށީގެން ނުވާ ހަރަދުތައް އޮފީސްތަކުން ކުރާ ކަމަށް ވިދާޅުވެ ސަލީމް ވަނީ އެމެރިކާގެ "ނާސާގައި ހުންނަ ސިސްޓަމަށް ވުރެ ވަރުގަދަ" ސިސްޓަމްތައް އޮފީސްތަކަށް ގެންނަ ކަމަށް ވިދާޅުވެފަ އެވެ.

"މިސާލަކަށް 300 ޑޮލަރަށް ލިބޭ އެއްޗެއް ގަނެފާނެ، 600 ޑޮލަރަށް ނޫނީ 900 ޑޮލަރަށް. މިހެން ކަންތައްތައް ހިނގާފައި އެބަހުރި. އަޅުގަނޑު އުންމީދުކުރަން ކުރިއަށް އޮތް ތަނުގައި މިކަންކަން ހިނގުން ހުއްޓުވާނެ ކަމަށް،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ ސަލީމް ވިދާޅުވި އެވެ.

މިފަދަ ކަންކަން ހުއްޓުވުމަކީ ސަލީމް ވިދާޅުވި ގޮތުގައި ބަޖެޓަށް ލުއި ލިބޭނެ ކަމެކެވެ.

މީގެއިތުރުން ދައުލަތުގެ ކުލިތައް ބޮޑުވެގެން ދިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެކަން ނުވެއްޖެ ނަމަ، ތަކެތީގެ އަގާއި އެހެނިހެން ހިދުމަތްތަކުގެ އަގު އަރައިގެން ދިއުން އެކަށީގެންވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އޮފީސްތަކުގެ ދަތުރުތައް ގިނަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ދައުލަތުގެ ދަތުރުތައް ކުރަން ވާނީ ވީހާ ވެސް މަދު މީހުން ބޭނުންކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް ދަތުރުކުރަން އޮތް ނަމަ، މިނިސްޓްރީތަކާ ގުޅިގެން އެއް ދަތުރަކަށް ހެދޭނެ ނިޒާމުތަކެއް ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ވެސް ދަތުރު ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކަށް ވާން ވާނީ ރާއްޖޭގެ ހުރިހާ ރަށްރަށަށް ހަމަހަމަކަމާ އެކީގައި ތަރައްގީގެ މަޝްރޫއުތައް ގާއިމުކޮށް ދިނުން ކަމަށެވެ. އަދި ކިތަންމެ އާބާދީ ކުޑަ ރަށެއް ވިޔަސް، ޖަޒީރާވަންތަ ގޮތަކަށް އެ ރަށެއް ވެސް ތަރައްގީ ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ރަށެއް އިހުމާލު ވެގެން ނުވާނެ. ވަކި ބޮޑު ރަށެކޭ ކިއާފައި ވަކި ސަރަހައްދަކަށް، ވަކި ދިމާލަކަށް އަމާޒުކޮށްގެން ވޯޓު ހޯދުމުގެ މަގްސަދުގައިއޭ ކިއާފައި ނަމަވެސް އަޅުގަނޑުމެން ވަކި ދިމާލަކަށް ބަޖެޓު ދީލާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.