Roadha Mihaaru

ޝަހީމަށް ބޭސްފަރުވާގެ ހައްގު ނުލިބޭތީ އެމްޑީޕީން ކަންބޮޑުވެއްޖެ

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމަށް ބޭސްފަރުވާގެ ހައްގު ނުލިބޭ ކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވެއްޖެ އެވެ.

ޝަހީމަށް ބޭސްފަރުވާގެ ހައްގު ނުލިބޭތީ ކަންބޮޑުވެއްޖެ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

12 މާޗް 2018

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމަށް ބޭސްފަރުވާގެ ހައްގު ނުލިބޭ ކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވެއްޖެ އެވެ.

އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 16 ގައި އެ ޕާޓީގެ ހަރުގެ ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޭނާ ބަންދުކޮށްފައި ހުރިއިރު، އޭނާ އަށް ފަރުވާ ދިނުމަށް ދެ ފަހަރަކު މާލެ ގެނެސްފައިވެ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަހީމަކީ މީގެ ކުރިން ވެސް ކަކުލުގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ކަކުލަށް އަނިޔާ ލިބުނު ކަމަށެވެ. އަދި ކަކުލަށް ފަރުވާ ނުލިބި ލަސްވުމާ ގުޅިގެން ޝަހީމަށް ލިބުނު އަނިޔާ މިހާރު އިތުރަށް ގޯސްވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނި ގޮތުގައި ޑޮކްޓަރުން މިހާރު ލަފާ ދީފައި ވަނީ ވީހާވެސް އަވަހަކަށް ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށެވެ. އެކަމަކު، އޮޕަރޭޝަން ކުރުމާ މެދު ގޮތެއް ނިންމާނީ "މަތިން" ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ލަސްކުރާތީ އެޗްއާރުސީއެމަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. އަދި ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް މިއަދާ ހަމައަށް އާއިލާ އިން ފޮނުވި ފަސް ސިޓީއަށް ފުލުހުން ޖަވާބުދީފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަަން ފުލުހުންނަށް ހަނދާންކޮށް ދެމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ މި އަމަލު ކުށްވެރިކޮށް، އެމްޑީޕީން ބުނި ގޮތުގައި މީހަކަށް ގަސްދުގައި ތަދު ނުވަތަ ވޭން އިހްސާސް ކުރުވައި އޭނާއަށް ބަލިކަށިކަން ގެނުވައި ހަށިގަނޑުގެ ގުނަވަނެއް މަސައްކަތް ކުރަން ޖެހޭ ގޮތަށް މަސައްކަތް ނުކުރާ ގޮތް ހެދުމަށް ކުރާ ކޮންމެ ކަމަކީ ޓޯޗާ ކަމުގައި އެންޓި ޓޯޗާ އެކްޓުގައިވެ އެވެ.

މީގެއިތުރުން އެއްވެސް މީހަކަށް ލާއިންސާނީ އަދި އިހާނެތިކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ޝަހީމްގެ ބޭސްފަރުވާ ކުރުމުގެ ހައްގުން މަހްރޫމް ކުރަމުން އަންނާތީ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ޝަހީމްގެ ބޭސްފަރުވާ އަށް ހުރަސް އަޅާ ފުލުހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އޭނާގެ އޮޕަރޭޝަން ކަންކަން މިހާރުން މިހާރަށް ހަމަޖެއްސުމަށް ވެސް ފުލުހުންނަށް ވަނީ އެމްޑީޕީން ގޮވާލައިފަ އެވެ.