Roadha Mihaaru
އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކޮށްފި

އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކޮށްފި

13 މާޗް 2018

ގާނޫނީ ވަކީލް އަލީ ހުސެއިން ވަކީލް ކަމުން މިއަދުން ފެށިގެން އަނެއްކާ ވެސް ސަސްޕެންޑުކޮށްފި އެވެ.

ގާނޫނީ ވަކީލް އަލީ ހުސެއިން ވަކީލް ކަމުން މިއަދުން ފެށިގެން އަނެއްކާ ވެސް ސަސްޕެންޑުކޮށްފި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކުރީ، ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވައި އަދި އެކަމަށް ހިތްވަރު ދޭ ގޮތަށް ދައްކަވާފައިވާ ވާހަކަތަކުގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ކަމަށް އެ ކޯޓުން އަންގާފައިވެ އެވެ. ރިޝްވަތުގެ ތުހުމަތުގައި މިހާރު ދޫނިދޫގައި ބަންދުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނޭ އަލީ ހުސެއިން އެގޮތަށް ދައްކަވާފައިވާ ވާހަކަތަކަކީ ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދާ ޚިލާފު ވާހަކަތަކެއް ކަމަށް ވެސް ސުޕްރީމް ކޯޓުން ފާހަގަކޮށްފައި ވެ އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވަކީލު ކަމުން ދެވަނަ ފަހަރަށް ސަސްޕެންޑް ކުރިއިރު، އޭނާގެ ވަކީލު ކަމުގެ ހުއްދަ ދޮޅު އަހަރެއްހާ ދުވަސް ވަންދެން ކުރިން ހިފެހެއްޓި އެވެ. އޭނާ އަށް އަލުން ވަކީލް ކަމުގެ ހުއްދަ ދިނީ މިދިޔަ މަހު އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ވެސް އަލީ ހުސެއިން މި މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ވަނީ ބަޔާނެއް ނަގައިފަ އެވެ. އޭނާގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް އަދި މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސެއިން ޝަމީމް ވެސް އެ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާނެއް ނެގި އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝަމީމް ވެސް ވަނީ މިދިޔަ މަހުގެ 22 އިން ފެށިގެން ވަކީލު ކަމުން ސަސްޕެންޑް ކޮށްފަ އެވެ.