Roadha Mihaaru
"ހުވާ" ގެ ދެވަނަ ސީޒަން މި މަހު ސްޓްރީމްކުރަނީ

"ހުވާ" ގެ ދެވަނަ ސީޒަން މި މަހު ސްޓްރީމްކުރަން ފަށަނީ

09 ޖެނުއަރީ 2020

ބައިސްކޯފުން މިދިޔަ އަހަރު ސްޓްރީމްކުރި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒްގެ ޝަރަފު ހޯދި ފާތުމަތު ނަހުލާގެ "ހުވާ" ގެ ދެވަނަ ސީޒަން މި މަހުގެ ތެރޭގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައިސްކޯފުން މިދިޔަ އަހަރު ސްޓްރީމްކުރި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒްގެ ޝަރަފު ހޯދި ފާތުމަތު ނަހުލާގެ "ހުވާ" ގެ ދެވަނަ ސީޒަން މި މަހުގެ ތެރޭގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.

ނަހުލާ ބުނީ މިދިޔަ އަހަރު ގެނެސްދިން "ހުވާ" ގެ ފުރަތަމަ ސީޒަނަށް ބެލުންތެރިން ދިން ބޮޑު ތަރުހީބާ ގުޅިގެން ދެވަނަ ސީޒަން ގެނެސްދޭ އިރު، ކުރީގެ މައިގަނޑު ކާސްޓުންނާ އެކު ކުރިން ނުހިމެނޭ ކާސްޓުންތަކެއް ވެސް މި ފަހަރު ފެންނާނެ ކަމަށެވެ.

އޭގެ ތެރޭގައި އަބްދުﷲ މުއާޒް (މުއާ) އާއި އަހުމަދު އަޒްމީލް (އަޒޭ) ގެ އިތުރުން އާ އެކްޓަރަކު ވެސް ހިމެނެ އެވެެ. ނަހުލާ ބުނިގޮތުގައި މި ފަހަރު 70 ވަރަކަށް އެޕިސޯޑަށް ދިގުދެމިގެންދާ "ހުވާ" ގެ ދެވަނަ ސީޒަނުގެ 20 އެޕިސޯޑްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

"އެކަމަކު އަދިވެސް ވަރަށް ބައިވަރު މަސައްކަތްތައް ކުރިއަށް އެބަހުރި. ވާ ގޮތަކީ ތަރިން ބިޒީވުމާއި ކެމެރާގެ ފަހަތުގައި މަސައްކަތްކުރާ މީހުންގެ ދަތިކަމާއި އަހަންނަށް ވެސް މީގެ ސްޓޯރީގެ ކަންތައްތަކުގައި ވަރަށް ތާށިކޮށް އުޅެން ޖެހޭތީ އެންމެ ބޭނުންވާ ސްޕީޑްގައި މަސައްކަތްތައް ކުރިއަކަށް ނުގެންދެވޭ،" "ހުވާ" ގެ ދެވަނަ ސީޒަނުގެ ބައެއް އެޕިސޯޑްތައް ފުރަތަމަ ސީޒަނުގެ މުހިއްމު ކެރެކްޓާއެއް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާކަން ފާހަގަކޮށް ނަހުލާ ބުންޏެވެ.

އޭނާ ބުނީ "ހުވާ" ގެ މަސައްކަތް ފުރަތަމަ ފެށީ ދެވަނަ ސީޒަނަކަށްދާ ގޮތަށް ވެސް ނޫން ކަމަށެވެ.

"އެކަމަކު ވާހަކަ ގެންދެވިފައި އިން ގޮތާއި ކެރެކްޓާތައް ޑިވެލޮޕްކުރެވިފައި ހުރި ގޮތުން ބެލުންތެރިން ވެސް ވަރަށް ބޮޑަށް އެދެމުން ދިޔަ ކެރެކްޓާތަކަށް ދެން ވާނެއް ގޮތެއް ބަލަން. އެހެންވެ އަސްލު ދެވަނަ ސީޒަނަކަށް ދާން ނިންމީ. އެހެންވީމަ ބެލުންތެރިން އެކްސްޕެކްޓްކުރާ ވަރުގެ އެއްޗެއް ގެނެސްދޭނަން،" އޭނާ ބުންޏެވެ. "ހަގީގަތުގައި މިއީ ވަރަށް ބޮޑު މަސައްކަތެއް. ފީޗާ ފިލްމަކަށް ކުރަން ޖެހޭ ވަރަށް ވުރެ މަސައްކަތް އެތައް މި ކަހަލަ އެއްޗެއް ހަދަން ކުރަން ޖެހޭ މަސައްކަތް އެތައް ގުނަ ބޮޑު."

ނަހުލާގެ އަސަރު ގަދަ ވާހަކައަކަށް ގެނެސްދިން "ހުވާ" ގެ ފުރަތަމަ ސީޒަނުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ޔޫއްޕެ އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލާއި މަރިޔަމް އައްޒަ އާއި ރަވީ ފާރޫގާއި އައިމިނަތު ރިޝްފާ އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އިރުފާނާ އިބްރާހީމާއި އިބްރާހީމް ޖިހާދު ޖިމީ ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.

ނަހުލާ ބުނީ ރާއްޖޭގައި މިހާރު ވަކި ހިއްޕާލާފައިވާ ސްޓްރީމިން ޕްލެޓްފޯމް "ބައިސްކޯފު" އަކީ ފިލްމީ ދާއިރާ އަށް ދިރުން ގެނެސްދިން އެއްޗަކަށްވާތީ، އޭގައި ހިއްސާވާ ހުރިހާ އެންމެންނަށް ޝުކުރު ވެސް ހައްގުވާ ކަމަށެވެ.

"އެ ޕްލެޓްފޯމާ އެކު ހަގީގަތުގައި ދިވެހި އުފެއްދުންތައް އިތުރުވެ، މަސައްކަތްތައް އިތުރު އެތައް ބަޔަކަށް މީގެ މަންފާ މިހާރު އަންނަނީ ލިބެމުން. އަހަރެން ވަރަށް އުފާކުރަން ބައިސްކޯފްގެ ފެށުމަކަށް ހުވާ ގެނެސްދެވުނީތީ،" އޭނާ ބުންޏެވެ.

"ހުވާ" ގެ ފުރަތަމަ ސީޒަނުގައި 82 އެޕިސޯޑް ގެނެސްދީފައިވެ އެވެ. ކުރީ ސީޒަނާ ހިލާފަށް މި ފަހަރުގެ ސީޒަނުގައި ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނިޓެވެ.