Roadha Mihaaru
ގާނޫނު އިސްލާހުކުރީކީ ނޫން، ދުސްތޫރުގެ ބާރު ކަނޑައިލީ

ގާނޫނު އިސްލާހު ކުރީކީ ނޫން، ދުސްތޫރުގެ ބާރު ކަނޑުވައިލީ

14 މާޗް 2018

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ދުސްތޫރީ ސިޔާދަތުގެ ބިންގާ އަޅައިދެމުން ބުނެފައިވަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ގާނޫނުއަސާސީގައިވާ ގޮތުގެ މަތީންނެވެ" މިފަދައިންނެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ދުސްތޫރީ ސިޔާދަތުގެ ބިންގާ އަޅައިދެމުން ބުނެފައިވަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ގާނޫނުއަސާސީގައިވާ ގޮތުގެ މަތީންނެވެ" މިފަދައިންނެވެ.

އެހެންކަމުން ދައުލަތުގެ އެއްވެސް ބާރަކަށް - އެއީ ކިތަންމެ ގިނަ ބައެއްގެ ވޯޓުން އިންތިޚާބުވެގެން މަގާމުގައި ހުރި މީހެއް ކަމުގައި ވިޔަސް - ގާނޫނުއަސާސީއާ ޚިލާފުވުމުގެ އެއްވެސް ހައްގެއް އަދި އިޚްތިޔާރެއް ވެސް ލިބިގެނެއް ނުވެ އެވެ.

ދިވެހިރާއްޖޭގައި އަމަލުކުރާނޭ ގާނޫނުތައް ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވާ އިރު، އެއީ ހިތުހުރި ގޮތަކަށް ގާނޫނުތައް ހެދުމަށް ދީފައި އޮތް މުތުލަގު ބާރެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަންޖެހޭނީ ވަރަށް ވަރުގަދަ ދެ ބަނދެވުމެއްގެ ތެރޭގަ އެވެ. ފުރަތަމަ ބަނދެވުމަކީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވުމެވެ. ދެ ވަނަ ކަމަކީ ގާނޫނުއަސާސީއާ ޚިލާފު ނުވުމެވެ.

ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) އާއި (ށ)ގެ (2) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރޭގައި "ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭ ގޮތުން، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތުގެ މަތީން ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުމާއި ގާނޫނު ބާތިލު ކުރުން" ހިމެނެ އެވެ.

ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބުނެފައި އޮވެ އެވެ؛ "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ގާނޫނުތައް ހަދަންވާނީ މި ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ. މި ގާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ގާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް، ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ވާނީ ބާތިލު އެއްޗަކަށެވެ. އަދި އެ ފަދަ ގާނޫނެއް، ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ އެވެ. މި ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެކެވެ."

ރައްޔިތުންގެ މަޖިލީހަށް ގާނޫނެއް ހެދޭނީ އިސްވެ ދެންނެވި ދެ މާއްދާގައި ބަޔާންކޮށްފައިވާ އިމުގެ ތެރޭގައި ކަން ގާނޫނުއަސާސީގެ ސަރީހަ ބަހުން ސާފެވެ. މަޖިލީހުގައި ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް ލިބިގެން ގާނޫނެއް ހެދިޔަސް، އެ އިމުގެ ބޭރުން ހަދާ ކޮންމެ ގާނޫނަކީ ބާތިލު އެއްޗެކެވެ.

ނަމަވެސް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، މި ދެންނެވި އިމުގެ ތެރޭގައި ފާސްކުރި އެއްޗެއް ނޫން ކަމުގެ ހެކި، ގާނޫނުއަސާސީން ވެސް ލިބެން އެބަ ހުއްޓެވެ.

އެއީ، ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާ އަށް ގެނައި އިސްލާހާއި، 24 ވަނަ މާއްދާ އާއި 25 ވަނަ މާއްދާގެ ގޮތުގައި އެ ގާނޫނަށް އިތުރު ކުރި ދެ މާއްދާ އާއި 27 ވަނަ މާއްދާގެ (ފ)ގެ ގޮތުގައި އިތުރު ކުރި ބައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި. ފޮޓޯ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި. ފޮޓޯ މަޖިލިސް

މީގެ ތެރެއިން ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާއާ ހަވާލާދީ މައިގަނޑު ހަތަރު ކަމެއް ފުރިހަމަ ކޮށްފައިވެ އެވެ. ފުރަތަމަ ކަމަކީ، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ، ފަނޑިޔާރު ކަމަށް އައްޔަންކުރާ މީހަކީ އެ މަގާމަށް ބޭނުންވާ ފެންވަރަށް ތައުލީމު ލިބިފައިވާ މީހެއްތޯ ބަލާނެ މިންގަނޑެއް ކަނޑައެޅުމެވެ. ދެ ވަނަ ކަމަކީ ފަނޑިޔާރުކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހެއްތޯ ބަލާނެ މިންގަނޑެއް ކަނޑައެޅުމެވެ. އަދި ތިން ވަނަ ކަމަކީ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންނަކީ އަޚްލާގު ރަނގަޅު ބައެއް ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑެއް ކަނޑައެޅުމެވެ.

މީގެ އިތުރުން އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކެވެ. އެއީ ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ށ)ގައި ވެސް ބަޔާންކޮށްފައިވާ ހަތަރު ޝަރުތެވެ. އޭގެ އިތުރުން އެއްވެސް ޝަރުތެއް އިތުރު ނުކޮށް ފަނޑިޔާރުންގެ ގާނޫނު ހެދީ، އިތުރު ޝަރުތެއް ހިމަނައިފި ނަމަ، އެއީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމުގައިވާނެތީ އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިއްޔެ ގެނައި އިސްލާހުގައި ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހަތަރު ޝަރުތުގެ އިތުރުން ފަސް ވަނަ ޝަރުތެއް ހިމަނައިފަ އެވެ. އެއީ، ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުމެވެ.

ފަނޑިޔާރުންގެ ގާނޫނަށް މި ޝަރުތު އިތުރު ކުރުމަށް ފަހުގައި، އެ ޝަރުތުގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުން މަގާމުން ސަސްޕެންޑް ކުރުމާއި ޝަރީއަތް ހިންގުމާއި ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމުގެ އިޖުރާއާތުތަކެއް ވެސް ވަނީ، އިއްޔެ ފާސްކުރި އިސްލާހު (ބިލު) ގައި ހިމަނައިފަ އެވެ.

ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ލިބޭނީ ގާނޫނުއަސާސީން އެ މަޖިލީހަށް ދީފައިވާ ބާރެކެވެ. ގާނޫނުތައް ހެދުމާއި އިސްލާހު ކުރުމާއި ގާނޫނުތައް އުވައިލުމުގެ ހުރިހާ ކަމެއް ވެސް އެ މަޖިލީހުން ކުރާންވާނީ ދުސްތޫރީ އިމުގެ ތެރެއިންނެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި ފަނޑިޔާރުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަން ވާނެ ކަމަށް ގާނޫނުއަސާސީގައި ސަރީހަކޮށް ބަޔާންކޮށްފައި އޮތުމުން އޭގެ އިތުރު ޝަރުތުތަކެއް ގާނޫނުގައި ކަނޑައެއް ނޭޅޭނެ އެވެ. އަދި އެ ފަދަ ޝަރުތެއް ގާނޫނެއްގައި ހިމެނިޔަސް އެ ވާނީ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށެވެ.

"ގާނޫނުއަސާސީގައި ބުނާ ޝަރުތު ފިޔަވައި އެހެން ޝަރުތެއް ހިމަނައިގެން އެކަމެއް ނުކުރެވޭނެ. އެ ޝަރުތު ފުރިހަމަ ނުވެގެން މަގާމު ގެއްލުނީ ކަމަކަށް ނުބެލެވޭނެ. އިތުރު ޝަރުތެއް ވެސް ކަނޑައެއް ނޭޅޭނެ. އެއީ މަގާމާ އެކަށީގެން ނުވާ ކަމެއް ނަމަ އެކަން ކަނޑައަޅާނީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން. އެ ކޮމިޝަނުން އެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ނިންމައިފި ނަމަ، އެކަމުގެ އެންމެ ފަހު ބަސް ބުނުމުގެ ބާރު، ގާނޫނުއަސާސީން ދީފައި އެ އޮތީ ރައްޔިތުންގެ މަޖިލީހަށް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިވާ ގޮތް މިހާ ސާފުކޮށް އޮތް އިރު، ގާނޫނުއަސާސީއާ ޚިލާފަށް، ފަނޑިޔާރުންގެ ގާނޫނުގައި އިތުރު ޝަރުތެއް ހިމަނައިގެން އެ ޝަރުތު ފުރިހަމަ ނުވާ ހާލަތުގައި، ޖޭއެސްސީގެ ދައުރެއް ވެސް އަދި މަޖިލީހުގެ ދައުރެއް ވެސް ނެތި އޮޓަމެޓިކުން ފަނޑިޔާރުން މަގާމުން ވަތްކެއް ނުކުރެވޭނެ އެވެ.

"އަޅުގަނޑަށް ދެންނެވޭނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށޭ އަޅުގަނޑު ގަބޫލުކުރަނީ."

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި އެ ގޮތަށް ނުލިޔުނު ކަމުގައި ވިޔަސް، ޖިނާއީ ކުށެއް ސާބިތުވެގެން ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ފުރުސަތު ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުން މިހާރު ވެސް ލިބިދެ އެވެ. އެއީ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން، އެ ފަނޑިޔާރު ކުރި ކުށަކީ، ފަނޑިޔާރުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގައި އެ ކަމަށް ނަގާ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން، އެ ފަނޑިޔާރު މަގާމުން ވަކި ކުރުމަށް ފާސް ކުރުމެވެ.

"މި ނޫން ގޮތަކަށް ފަނޑިޔާރަކު މަގާމުން ވަތްކެއް ނުކުރެވޭނެ. އެކަމަށް އަޅުގަނޑުމެން ދުސްތޫރީ ނިޒާމު ޖާގައެއް ނުދޭ. އެ ނޫން ގޮތަކަށް ފަނޑިޔާރަކު މަގާމުން ވަކިކުރެވިދާނެ ކަމަށް ގާނޫނެއްގައި ކަނޑައެއް ވެސް ނޭޅޭނެ. ސަބަބަކީ، ފަނޑިޔާރުން މަގާމުން ވަކިކުރުމުގައި ވަކި އިޖުރާއާތުތަކެއް ފުރިހަމަވާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރާތީ،" އެހެން ގާނޫނީ ވަކީލެއް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން (ކ) އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (މ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖެނުއަރީ 20، 2015 ގައި ރައީސް އޮފީހުގައި. -- ފޮޓޯ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން (ކ) އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (މ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖެނުއަރީ 20، 2015 ގައި ރައީސް އޮފީހުގައި. -- ފޮޓޯ ރައީސް އޮފީސް

ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން މި ގެނައި އިސްލާހަކީ، ގާނޫނީ ނިޒާމު ނުވަތަ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ވުރެ ބޮޑަށް، ވަކި ފަނޑިޔާރުންތަކެއް މަގާމުން ދުރުކުރަން ނިންމި ނިންމުމެއް ކަމުގައި ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބަކީ، ވަރަށް ކުޑަކުޑަ ކުށަކުން ވެސް ފަނޑިޔާރަކު މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކޮށްލި އިރު، ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި ދިވެހި ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ހައްޔަރު ކޮށްފައި ހުރުމެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވި މެންބަރު، ވެރިކަންކުރާ ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގައި ވިދާޅުވި ގޮތުގައި އެހާ ފަސޭހަ އިން ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަންޖެހުނީ، ޝަރުއީ ދާއިރާގެ ތެރެއިން ފަނޑިޔާރުންތަކެއް ބަޣާވާތް ކުރަން އުޅެފައިވާ އިރު، އެ ކަމުގައި ބައިވެރިވި ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅެން ނެތީމަ އެވެ.

މަޖިލީހުން މި ގެނައި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރަކު އޭނާގެ އަތުގައި އޮތް ގަލަމުން މީހެއްގެ ގައިގައި ޖެހިޔަސް މަގާމުން ވަކިކުރެވިދާނެ އެވެ. އެއީ މާރާމާރީ ހިންގުމަކީ ޖިނާއީ ކުށަކަށްވާތީ އެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށްޓަކައި، އެ ފަނޑިޔާރު ކުރީ ވަކި ދަރަޖައެއްގެ ޖިނާއީ ކުށެއް ކަމުގައި ވާކަށް ނުޖެހެ އެވެ. އަދި އެ ކުށަށް ކަނޑައެޅިފައިވަނީ ވަކި މުއްދަތެއްގެ އަދަބެއް ކަމުގައި ވެސް ވާކަށް ނުޖެހެ އެވެ.

މިއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމުން ވަކިވަނީ ވެސް، ޖިނާއީ ކުށްތަކުގެ ތެރެއިން ވެސް އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ އެވެ.

އެހެންކަމުން ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު މައިގަނޑު ދެ ގޮތަކުން ގާނޫނުއަސާސީއާ ޚިލާފުވެ އެވެ. ފުރަތަމަ ގޮތަކީ، ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތަކަކީ ކޮބައިކަން ގާނޫނެއްގައި ކަނޑައެޅިދާނެ ކަމަށް ގާނޫނުއަސާސީގައި ބުނުމުގެ ބަދަލުގައި، ސީދާ ގާނޫނުއަސާސީގެ ސަރީހަ ނައްސުގައި އެ ޝަރުތުތައް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ޝަރުތެއް އިތުރު ކުރުމެވެ.

މިއާ ޚިލާފަށް މިނިވަން ބައެއް މުއައްސަސާތަކުގެ މެމްބަރުންގެ ކިބައިގައި ހުރުން ލާޒިމް ސިފަތައް ގާނޫނުއަސާސީގައި ބަޔާން ކުރުމުގެ ބަދަލުގައި އެ ޝަރުތުތައް ކަނޑައެޅުމުގެ ބާރު ދީފައި އޮތީ އެ ކަމާ ގުޅޭ ގާނޫނުތަކަށެވެ. ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާއި އޮޑިޓާ ޖެނެރަލް އާއި ޕްރޮސެކިއުޓާ ޖެނެރަލް ފަދަ މަގާމުތަކުގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާންކުރުމުގެ ބަދަލުގައި، އެ ޝަރުތުތައް ކަނޑައެޅުމުގެ ބާރު ދީފައިވަނީ އެކަމަކާ ގުޅޭ ގާނޫނަށެވެ. އެހެންކަމުން އެ ކަމާ ގުޅޭ ދާއިރާތަކުގެ ގާނޫނުތަކުގައި އެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތައް ކިތަންމެ ވަރަކަށް ވެސް ކަނޑައެޅިދާނެ އެވެ.

މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ ޚިލާފުވާ ދެވަނަ ގޮތަކީ، ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނެ ގޮތްތައް ގާނޫނެއްގައި ކަނޑައެޅިދާނެ ކަމަށް ގާނޫނުއަސާސީގައި ބުނުމުގެ ބަދަލުގައި، ސީދާ ގާނޫނުއަސާސީގެ ސަރީހަ ނައްސުގައި އެ އިޖުރާއާތުތައް ބަޔާން ކޮށްފައި ވަނިކޮށް، އެ އިޖުރާއާތަށް ރިއާޔަތް ކުރުމެއް ނެތި، ޖިނާއީ ކުށެއްގެ ނިހާއީ ހުކުމެއް އަންނަ ހިސާބުން ފަނޑިޔާރު މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ކަނޑައެޅުމެވެ.

އެހެންކަމުން ގާނޫނުއަސާސީގެ 268 ވަނަ މާއްދާ ރަނގަޅަށް ކިޔައިލުން މުހިންމެވެ؛ "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ގާނޫނުތައް ހަދަންވާނީ މި ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ. މި ގާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ގާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް، ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ވާނީ ބާތިލު އެއްޗަކަށެވެ. އަދި އެ ފަދަ ގާނޫނެއް، ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ އެވެ. މި ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެކެވެ."