Roadha Mihaaru
އަމްޖަދު، ބްރޯޑްކޮމް އަށް އައްޔަންކުރަން ފާސްކޮށްފި

ޗެނަލް 13 ގެ އަމްޖަދު، ބްރޯޑްކޮމް އަށް އައްޔަންކުރަން މަޖިލީޙުން ފާސްކޮށްފި

14 މާޗް 2018

ޗެނަލް 13 ގެ ނިއުސްހެޑް އަމްޖަދު ވަހީދު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޗެނަލް 13 ގެ ނިއުސްހެޑް އަމްޖަދު ވަހީދު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެހެން ދުވަސްތަކާ ހިލާފަށް، މިއަދު 4:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމްއަށް އަމްޖަދު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އަމްޖަދު ވަނީ މީގެކުރިން ދިޓީވީ އާއި ވީޓީވީގައި މަސައްކަތް ކުރައްވައިފަ އެވެ.

ބްރޯޑްކޮމްއަށް އަމްޖަދު އައްޔަން ކުރަން ނިންމީ، މިހާރު އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ. ބްރޯޑްކޮމް އަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ފަސް ނަމުގެ ތެރޭގައި އަސްލަމްގެ ނަން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް، ރައީސް އިސްކަން ދެއްވި ތަރުތީބުން މި ލިސްޓުގެ އެއްވަނަ ލިބުނީ އަމްޖަދަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ނަންތައް ދިރާސާ ކުރިއިރު، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ވެސް އަމްޖަދަށެވެ. އޭނާ އަށް 76.6 މާކްސް ލިބިވަޑައިގެންނެވި އެވެ.

ކޮމިޓީން ނަންތައް ދިރާސާކޮށް ދިން މާކްސްތައް:

1- އަމްޖަދު ވަހީދު (ވިލާޑިސޯސަން، ގއ. ވިލިނގިލި) ލިބުނު މާކްސް: 76.6

2- މުހައްމަދު ޝަމީމް (ހ.ޕްރިޓީވިލާ، ކ.މާލެ) ލިބުނު މާކްސް: 75.1

3- މުހައްމަދު ސައުޒަމް (ކީސްވިލާ، ރ. އިނގުރައިދޫ) ލިބުނު މާކްސް: 72.70

4- މުހައްމަދު އަސްލަމް (އާލިއާ، ހއ. ދިއްދޫ) ލިބުނު މާކްސް: 60.3

މަޖުދު ރަޝީދު (އޮޓާގޯ، ނ. މަނަދޫ) ލިބުނު މާކްސް: 44.6

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ރައީސް މުހައްމަދު ޝަހީބު، މެމްބަރު ޒީނާ ޒާހިރު، ހަސަން ނަބާހު، އައިމިނަތު ސަރާހަތު، ފާތިމަތު ޒައިނާ އަދި އިސްމާއިލް ސޮފްވާނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއް ނަމަވެސް ސަރުކާރު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާތީ އޭގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރެ އެވެ. މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއެޅުމާއި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން، ސިޔާސީ ހަރަކާތްތަކުގައި އުޅޭތީ ފާޑުކިއުން ވެސް ވަނީ އިތުރުވެފަ އެވެ.