Roadha Mihaaru
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލަން ގޮވާލައިފި

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލަން އެމެރިކާގެ ބާ އެސޯސިއޭޝަނުން ގޮވާލައިފި

15 މާޗް 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށް އެމެރިކާގެ ބާ އެސޯސިއޭޝަނުން ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށް އެމެރިކާގެ ބާ އެސޯސިއޭޝަނުން ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ގޮވާލައިފި އެވެ.

އެމެރިކާގެބާ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު އިއާދަކޮށް ދިނުމަށް ވެސް ގޮވާލައިފަ އެވެ.

ދެ ފަނޑިޔާރުން ހައްޔަރު ކުރުމުގެ ކުރިން، ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް ބާ އެސޯސިއޭޝަނުން ބުންޏެވެ. ބަޔާނުގައި ބުނި ގޮތުގައި އދ. ގެ އުސޫލާ އެއްގޮތަށް ފަނޑިޔާރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހޭނެ އެވެ.

"ގައުމުގެ އެންމެ އިސް ފަނޑިޔާރުން ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ހަމަތަކުގެ ބޭރުން ހައްޔަރު ކުރުމުން ކަންބޮޑުވޭ،" ބާ އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.

މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ޖުޑީޝަރީ އަށް އޮންނަން ޖެހޭނެ ކަމާއި ފަނޑިޔާރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މުހިންމުކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކޯޓުތަކަށް އިހްތިރާމް ކުރުމަށް ރައީސް ޔާމީނަށް ވަނީ ގޮވާލައިފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ.

ސަރުކާރުން ބުނި ގޮތުގައި އެ އަމުރު ތަންފީޒު ކުރި ނަމަ، މުޅި ދައުލަތް ހުއްޓުމަކަށް އަންނާނެ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ގޮވަމުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފަ އެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް، ރިޝްވަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެ އެވެ. މީގެ އިތުރުން ހެކި ނައްތާލި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލާގައި ދައުވާ ކުރުމާ މެދު ޕީޖީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.