27 ޖޫން 2018
މިހާރު ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލު ކޮށްފި އެވެ.
މިހާރު ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލު ކޮށްފި އެވެ.
ރައީސް ޔާމީން، މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންފައި ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. ޑީޑީ އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މަނިކުފާނަށް މަޝްވަރާ ދެއްވާފައިވާތީ، އެކަމާ މެދު މަޖިލީހުގެ މެމްބަރުން ގޮތެއް ނިންމަވައިދެއްވުމަށެވެ.
ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ(މ)، ފަނޑިޔާރު އަބްދުﷲ ދީދީ(ކ) އަދި އަބްދުލް ގަނީ. - ފޮޓޯ: މިހާރު
މީގެ އިތުރުން، ހައި ކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމަައިދިނުމަށް ވެސް ރައީސް ޔާމީންގެ ސިޓީފުޅުގައި އެދިވަޑައިގެންނެވި އެވެ. އެ ނަންތައް ދިރާސާކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، މިދިޔަ ހަފުތާގައި އިސްތިއުނާފުގެ ހުރިހާ މަރުހަލާތައް ނިމިފައިވާތީ، އެ ދެ ބޭފުޅުން ވަނީ މަގާމުން ވަކިވެފަ އެވެ. އެހެންވެ، އެ ދެ މަގާމު އޮތީ ހުސްކޮށެވެ.
އެ ދެ ބޭފުޅުންގެ މަގާމު ގެއްލުނީ ފަނޑިޔާރުންގެ ގާނޫނަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ސަބަބުންނެވެ. ކުރިން ނަމަ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރަައްޔިތުންގެ މަޖިލީހުގައި ވޯޓު ލައިގެންނެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ ބޭފުޅުންނެވެ. އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ އެވެ.
ފަނޑިޔާރު ޑީޑީ އަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލި އިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނަކީ ރާއްޖޭގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަކީ ކުރިން ޖިނާއީ ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު، 2015 ގައި ހައި ކޯޓަށް އައްޔަން ކުރި ފަނޑިޔާރެކެވެ. ފަނޑިޔާރު އަބްދުލްޣަނީ އަކީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ބޭފުޅެކެވެ.
އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 72،000ރ. ލިބޭ އިރު، ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް 70،000ރ. ލިބެ އެވެ.
މިއީ 2010 ގައި އިންތިގާލީ މަރުހަލާ ނިމި، ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލި ފަހުން އައްޔަން ކުރާ ތިން ވަނަ އުއްތަމަ ފަނޑިޔާރެވެ. ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒް ހުސައިން 2014 ގައި މަގާމުން ވަކިކުރީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗުން ކުޑަކުރުމުގެ ގޮތުންނެވެ. އޭގެ ފަހުން، އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސައީދެވެ.
އުއްތަމަފަނޑިޔާރު ކަމަށް ޑީޑީ އައްޔަންކުރަން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރަކަށް ޑރ. ޑީޑީ އައްޔަން ކުރަނީ
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ފަނޑިޔާރު ޑީޑީއަށް އޮތީ ޖަލުގެ ގޮޅި:ބައެއް މެމްބަރުން
ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ލަފާދީފި
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
ކޯޓުން ޖޭއެސްސީގެ އިހްތިސާސްގެ ތެރެއަށް ނުވަދޭ: ޑީޖޭއޭ
ޣަފޫރުގެ ފާޑު ކިޔުން ސުޕްރީމް ކޯޓަށް: ތިއީ ބޮޑުވަރު!