Roadha Mihaaru
ކޮންމެ އެއްވުމަކީ ވެރިކަން ވައްޓާލުމެއް ނޫން: ޖޭޕީ

ކޮންމެ އެއްވުމަކީ ވެރިކަން ވައްޓާލަން އުޅުން ކަމަކަށް ފުލުހުންނަށް ނުނިންމޭނެ: ޖޭޕީ

15 މާޗް 2018

އިދިކޮޅު ފަރާތްތަކުން ބާއްވާ ކޮންމެ އެއްވުމަކީ ވެރިކަން ވައްޓާލަން އުޅުން ކަމަށް ނިންމުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ފަރާތްތަކުން ބާއްވާ ކޮންމެ އެއްވުމަކީ ވެރިކަން ވައްޓާލަން އުޅުން ކަމަށް ނިންމުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.

ޖޭޕީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ދަތުރުފަތުރު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް ވާއިރު، އެކަން ކޮށްގެން ފިޔަވަޅު ނޭޅޭނެ ކަމަށެވެ. އަދި ފުލުހުންނަށް ވެސް ގާނޫނަށް ވުރެ މަތި ނުވެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އެއްވާ ކޮންމެ އެއްވުމަކީ ސަރުކާރު ވައްޓާލަން އެއްވާ އެއްވުމެއްް ގޮތަކަށް ސިފަ ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވޭ. އެއްވުމަކީ ކުށްވެރިވާނެ ކަމެއް ނޫން،" ޖޭޕީއާ މިދިޔަ މަހު ގުޅިވަޑައިގެންނެވި އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ މީހުން ސަރުކާރާ ދެކޮޅު ކަމަށާއި މިއީ ސަރުކާރާ ދެކޮޅަށް ބަސް ބުނަން ނުކުންނަންވީ ވަގުތެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އެ ރެއިން ފެށިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ދަނީ ކޮންމެ ރެއަކު އެއްވުން ބާއްވަމުންނެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، އެ އަމުރުގެ އެ ބައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކޮށްފައިވީ ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ގައިދީން ދޫކުރުމަށް ކުރިން ނެރުނު އަމުރު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު ސަރުކާރުން އެކަމާ ދެކޮޅު ހަދަ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ވިދާޅުވީ "ހުއްޓުވާ"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިރޭ އަދި މާދަން ބާއްވަން އުޅެނީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށެވެ. އެ އެއްވުމުގައި ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން ހިންގައި، މާލެ ތެރޭގެ އަމާންކަން ނަގާލަން ރާވާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ. އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް މިހާރު ވެސް ތަހުގީގު ހިންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.