Roadha Mihaaru
އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދަށް ބަދަލުކޮށްފި

އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދަށް ބަދަލުކޮށްފި

15 މާޗް 2018

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި ރިޝްވަތުގެ ތުހުމަތުގައި މިދިޔަ މަހުގެ ހަތްވަނަ ދުވަހު ދޫނިދޫގައި ބަންދުކުރި ނާސިރާ މިއަދު ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. އަދި ނާސިރާގެ ސިއްހީ ހާލަތު ވެސް ރަނގަޅު ނޫން ކަމަށް އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ނާސިރާ ގޭބަންދަށް ބަދަލުކުރިއިރު، އޭނާގެ ދެ ދަރިކަލުން މުހައްމަދު ސަރްފަރާޒާއި އަހުމަދު މިސްފިރު ސޮއި ކުރައްވައި ރޭ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ނާސިރާ އޮޕަރޭޝަނަކަށް ތައްޔާރުވަމުން ދިޔަ ކަމުގެ ލިއުންތައް ފުލުހުންނާ ކުރިން ހަވާލުކުރި ކަމަށެވެ. މިދިޔަ އަހަރު ވެސް އޭނާގެ ބޮޑު ދެ އޮޕަރޭޝަން ކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"މަންމަގެ ބަލި ހާލަތަށް ރިއާޔަތް ކުރުމެއް ނެތި، ބަންދަށް އެއްވެސް ލުޔެއް ދީފައި ނުވާ ކަން ހިތާމަޔާއެކު ފާހަގަކުރަން. އަދި ބަންދު ކުރެވިފައިވާ މަރުކަޒަކީ މަންމަ ފަދަ ބަލި މީހަކަށް އެކަށޭނެ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަނަކަށް ނުވުމުގެ ސަބަބުން މަންމަގެ ބަލި ހާލަތު ދުވަހުން ދުވަހަށް ދަށްވަމުންދާ ކަން ވަނީ ފާހަގަކުރެވިފައި،" އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ހައްޔަރުކުރީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި އެކަމަށް ރިޝްވަތު ހިފުމުގެ ތުހުމަތުގަ އެވެ.