Roadha Mihaaru
ޓްރީ ޓޮޕަށް ފުރަތަމަ ފަހަރަށް ފައިދާވާން ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލަށް ފުރަތަމަ ފަހަރަށް ފައިދާވާން ފަށައިފި

10 ނޮވެމްބަރ 2021

ރާއްޖޭގައި އެންމެ މަތީ ފަންތީގެ ސިއްހީ ހިދުމަތް ދިނުމަށް އަމިއްލަ ފަރާތަކުން ފުރަތަމަ ފަހަރަށް ހުޅުވި ހޮސްޕިޓަލް، ޓްރީ ޓޮޕަށް މިހާރު ފައިދާ ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ ސީއޯއޯ އަދި އެކްޓިން ސީއީއޯ އާދިލް މޫސާ މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ މަތީ ފަންތީގެ ސިއްހީ ހިދުމަތް ދިނުމަށް އަމިއްލަ ފަރާތަކުން ފުރަތަމަ ފަހަރަށް ހުޅުވި ހޮސްޕިޓަލް، ޓްރީ ޓޮޕަށް މިހާރު ފައިދާ ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ ސީއޯއޯ އަދި އެކްޓިން ސީއީއޯ އާދިލް މޫސާ މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ފުރަތަމަ ފަހަރަށް ފައިދާ ވަމުން އަންނަތާ މިހާރު 2-3 މަސް ވެއްޖެ ކަމަށެވެ. އެހެންވެ، ކުރިމަގުގައި ހިދުމަތްތައް ފުޅާކޮށް، އެއީ ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމުގައި ނަމޫނާ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ.

"ހޮސްޕިޓަލުން ލިބޭ އެއްޗަކުން ހޮސްޕިޓަލްގެ ހުރިހާ ހަރަދެއް ކުރެވޭ މިހާރު. ކުރިއަށް އޮތްތަނުގައި ވެސް މި ބަލަނީ އިތުރު ފައިދާ ވާނެ ކަމަށް. ކޮންމެ މަހަކު ވެސް މި އަންނަނީ ޕާފޯމަންސް ރަނގަޅު ވަމުން،" ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމާ މީގެ އަށެއްކަ މަސް ކުރިން ހަވާލުވެވަޑައިގެންނެވި އާދިލް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް ހެދުމަށް 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އެ ހޮސްޕިޓަލް އެންމެ ފުރަތަމަ ހަދަން ފެށީ 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެތަނަށް ކުރި އިންވެސްޓްމަންޓް ބޮޑުވީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ލެބެއްގައި މިދިޔަ އާދިއްތަ ދުވަހު މަސައްކަތް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ލެބެއްގައި މިދިޔަ އާދިއްތަ ދުވަހު މަސައްކަތް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާދިލް ވިދާޅުވިގޮތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލަށް އެހާ އަވަހަށް ފައިދާވާން ފެށީ ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ތަފާތު އެކި ދާއިރާތަކުގެ ހާއްސަ ޑޮކްޓަރުން އިތުރު ކުރުމުންނެވެ.

"ގާތްގަނޑަކަށް ކޮންމެ ދެ މަހަކުން އާ ޑޮކްޓަރެއް އާ ސްޕެޝަލިޓީއަކުން އެބަ އިތުރުކުރަން. މިސާލަކަށް ނިއުރޯސާޖަންއެއްގެ ހިދުމަތް ވަރަށް ފަހުން އިތުރު ކުރީ. މި މަހު އިންޓާނަލް ޑޮކްޓަރެއް އެބަ އިތުރު ކުރަން،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ، އަމާޒަކީ އެކި ދާއިރާތަކުން އާ ހިދުމަތްތަކެއް އަބަދު ވެސް އިތުރު ކުރުން ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަށް ފައިދާވާން ފެށީ މީގެ 2-3 މަސް ކުރިން.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލަށް ފައިދާވާން ފެށީ މީގެ 2-3 މަސް ކުރިން.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބާނީން ކުރިން ލަފާކުރައްވާފައިވާ ގޮތުން ނަމަ އެ ތަނަށް ފައިދާ ވާން ފުދޭވަރެއްގެ ދިގު މުއްދަތެއް ނަގާނެ އެވެ. އެހެންވެ، މިދިޔަ ދުވަސްތަކުގައި ގެއްލުމާއެކު ހޮސްޕިޓަލް ހިންގަން ޖެހުމުން އެ ތަނުގެ ހިއްސާދާރުން ކޮންމެ މަހަކު ވެސް ވަކި އަދަދަކަށް އަމިއްލަ ޖީބުން ހަރަދު ކުރެއްވި ކަމަށް ވެ އެވެ.

މަތީ ފެންވަރުގެ ވަސީލަތްތަކާއި ގިނަ ސްޕެޝަލިސްޓުންނާ އެކު ހިދުމަތް ދޭ ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ މާޗް 2018 ގަ އެވެ. އޭރު އެތަން ހިންގީ ބޭރުގެ ބައެއް ކަމުގައިވާ ރަމްސޭ ސައިމް ޑާބީ އާ އެކު އެވެ. އެކަމަކު. އެ އަހަރުގެ ފަހުކޮޅު އެމީހުންނާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، މިހާރު އެ ތަން ހިންގަނީ ސީދާ ޓްރީ ޓޮޕް އިންވެސްޓްމަންޓުންނެވެ. އެއީ ކާސާ ހޯލްޑިންގްސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންސް ބައިވެރިވެގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ހަގީގަތަށް ހެދުމުގައި އިސްކޮށް ތިއްބެވީ ކްރައުން ކޮމްޕެނީގެ ހިއްސާދާރުން ކަމަށްވާ އަހުމަދު ސަލީމް (ގަދަގޭ ސަލީމް) އާއި ރާއްޖޭގެ ޓޫރިޒަމްގެ ބާނީ ޗަމްޕާ ހުސައިން އަފީފެވެ.